ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް މީޑިއާތަކުގައި ހުއްޓިފައިވާ ފޯކަސްގެ އަސަރު ޕޯޗުގަލް ޓީމަށް ނުކުރާނެ ކަމަށް ކޯޗު ފެނާންޑޯ ސަންޓޯސް ބުނެފިއެވެ.
ޕޯޗުގަލްއިން ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ މެޗުގައި މިރޭ ނުކުންނާނީ ގާނާއާ ދެކޮޅަށެވެ. މެޗުގެ ކުރިން އެންމެ ބޮޑަށް ދެކެވެމުން އަންނަ ވާހަކައަކީ ރޮނާލްޑޯއާއި މެންޗެސްޓާ ޔުނައިޓެޑްގެ ވާހަކައެވެ. ރޮނާލްޑޯ އާއި ޔުނައިޓެޑާ ދެމެދު ސީޒަނުގެ ކުރިންވެސް ކޮންމެވެސް ވަރެއްގެ މައްސަލަތަކެއް ޖެހިފައިވާ އިރު، ވޯލްޑް ކަޕަށް ދެތިން ދުވަހަށް ވެފައިވަނިކޮށް ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް ބަހުގެ ހަމަލާތައް އަމާޒުކޮށް، ވަރުގަދަ އިންޓަވިއުއެއް ދީފައެވެ. ރޮނާލްޑޯ އިންޓަވިއު ދީފައި ވަނީ މަޝްހޫރު ޖާނަލިސްޓް އަދި ޓީވީ ހޯސްޓް ޕިއާސް މޯގަންގެ ހާއްސަ ޕްރޮގްރާމަކަށެވެ.
އެ އިންޓަވިއުގައި ޔުނައިޓެޑްގެ ބޯޑަށާއި ކޯޗުންނަށްވެސް ރޮނާލްޑޯ ވަރަށް ބޮޑަށް ފާޑު ކިޔާފައިވެއެވެ. ރޮނާލްޑޯ ބުނީ ކްލަބުން އޭނާއަށް އޮޅުވާލި ކަމަށާއި ކޯޗުންނަށް އިހުތިރާމު ގެއްލުނު ކަމަށެވެ. އެ މައްސަލަތަކުގެ ތެރެއިން ޔުނައިޓެޑާއި ރޮނާލްޑޯ ވާހަކަ ދައްކައި، މިހާރު ވަނީ އެއްބަސްވުންވެސް އުވާލައިފައެވެ. ރޮނާލްޑޯ އޭނާ ކެރިއަރުގެ ފަސްވަނަ ވޯލްޑް ކަޕަށް ނުކުމެ ހުރީ ފްރީ އެޖެންޓެއްގެ ގޮތުގައެވެ. މީގެ ކުރިން ރޮނާލްޑޯ ކުޅުނު ހަތަރު ވޯލްޑް ކަޕްގައިވެސް އޭނާ ގޯލު ޖަހާފައިވާ އިރު، މި ވޯލްޑް ކަޕްގައި ގޯލު ޖެހުން ވެގެންދާނީ ތާރީހީ ކަމަކަށެވެ.
"ރޮނާލްޑޯގެ ފަރާތުންވެސް އަދި ޓީމުގެ އެހެން ކުޅުންތެރިއެއްގެ ފަރާތުންވެސް އެ ވާހަކަތަކެއް ނުދައްކާ. މިހާރު ފޯކަސް ހުރީ މިދިޔަ ވޯލްޑް ކަޕަށްވުރެ ރަނގަޅު ނަތީޖާއެއް މި ވޯލްޑް ކަޕުގައި ނެރުމަށް. އެއީ ޓީމުގެ މުޅި ފޯކަސްވެސް ހުރި ގޮތަކީ،" ގާނާއާ ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަކަ ދައްކަމުން ކޯޗު ސަންޓޯސް ބުންޏެވެ.
ޕޯޗުގަލްއިން އެންމެފަހުން 2018ގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން އެޓީމަށް ކާމިޔާބުކުރެވުނީ އެންމެ މެޗެކެވެ. ދެވަނަ ޓީމުގެ ގޮތުގައި ގަދަ 16 އަށް ދިޔައީ އަނެއް ދެމެޗު އެއްވަރު ކޮށްގެންނެވެ. ގަދަ 16 ގައި އުރުގުއާއީ އަތުން ބަލިވެ ޕޯޗުގަލް ކެޓީއެވެ. މިފަހަރު ޕޯޗުގަލް ހިމެނޭ ގްރޫޕުގައިވެސް އުރުގުއާއީ ހިމެނޭ އިރު، ދެން އެ ގްރޫޕުގައި ހިމެނެނީ ދެކުނު ކޮރެއާ އާއި ގާނާއެވެ.
ފުރަތަމަ މެޗުގެ ކުރިން ޕޯޗުގަލްގެ ކެޕްޓަން ޕްރެސް ކޮންފަރެންސަށް ދާނެ ކަމަށް ބެލެވިފައި އޮތް ނަމަވެސް، އިއްޔެގެ ޕްރެސްގައި ބައިވެރިވި ކުޅުންތެރިޔަކީ ޔުނައިޓެޑްގައި ރޮނާލްޑޯއާއެކު ކުޅެމުން އަންނަ ބްރޫނޯ ފެނާންޑޭޒް އެވެ. ފެނާންޑޭޒް ވެސް ޕްރެސްގައި ބުނީ ރޮނާލްޑޯގެ ކަންކަމުގައި އޭނާ ސުވާލު ނުކުރާ ކަމަށެވެ.
"އަހަންނަށް އެވާހަކަ ދައްކަން ފަސޭހަ ނުވާތީ ނުވެސް އަހަން. އެކަމުގައި ވަކިފަޅިއެއް ނަގާކަށް އަހަންނަކަށް ނުޖެހޭނެ. ރޮނާލްޑޯއާއެކު ޕްރިމިއާ ލީގު ކުޅުމަށް ދެކެމުން އައި ހުވަފެން ހަގީގަތަކަށްވެއްޖެ. އެއްވެސްކަމެއް އަބަދަށް ދިގުލައިގެން ނުދާނެކަން ކުރިންވެސް އެނގޭ. އެކަން ދެން އެ ނިމުނީ،" ފެނާންޑޭޒް ބުންޏެވެ.
މިހާތަނަށް ވޯލްޑް ކަޕްގައި ކުޅެވުނު މެޗުތަކަށް ބަލާއިރު، ގަދަ ބާރުތައް ބަލިވެގެންދާތަން ފެނުމަކީ ޕޯޗުގަލްއަށްވެސް އޮންނާނެ ޕްރެޝަރެކެވެ. އިއްޔެ ޖަޕާނުން ޖަރުމަނު ބަލިކުރި އިރު، އޭގެ ކުރީ ދުވަހު ސައުދީ އަރަބިއާއިން ވަނީ އާޖެންޓީނާ ބަލިކޮށްފައެވެ. އެހެންކަމުން މިރޭގެ މެޗަށް ނުކުންނަ އިރު ޕޯޗުގަލްއިން އެކަންކަމަށް ސަމާލުވާނެކަމަށް ބެލެވެއެވެ. ޕޯޗުގަލް ގާނާއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ މިރޭ 9:00 ގައެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022