ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް އީގެ ފުރަތަމަ މެޗުގައި ޖަޕާނުން ޖަރުމަނު ބަލިކޮށްފިއެވެ.

ހަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުން ޖަރުމަނު ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. މިއީ ތާރީހުގައިވެސް ޖަޕާނުން ޖަރުމަނު ކައިރިން ހޯދި ފުރަތަމަ މޮޅެވެ.

ހަތަރު ވޯލްޑް ކަޕެއް ކާމިޔާބު ކޮށްފައިވާ ޖަރުމަކީ ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ކާމިޔާބު އެއް ޓީމެވެ. އެންމެފަހުން 2014 ވަނަ އަހަރު ޖަރުމަނުން ވޯލްޑް ކަޕް ނެގި ނެގުމާއި އެގައުމުގެ ފުޓުބޯޅަ ސިސްޓަމުގެ ކާމިޔާބުކަން ދުނިޔެއަށް ދައްކާލިއެވެ.

ނަމަވެސް ޗެމްޕިއަނުންގެ ގޮތުގައި ކުރިމަތިލި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ޖަރުމަނަށް ދިމާވީ ހިތްދަތިކަމާއި މާޔޫސްކަމެވެ. 2018 ވަނަ އަހަރު ރަޝިއާގެ މޮސްކޯގައި ބޭއްވި ވޯލްޑް ކަޕަށް ޗެމްޕިއަނުން ގޮތުގައި ނުކުތް ޖަރުމަނު ކަޓައިގެން ދިޔައީ ގްރޫޕް ސްޓޭޖުންނެވެ.

އެ ފަހަރު ގްރޫޕް ސްޓޭޖުގައި ޖަރުމަނުން ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވީ ސްވިޑެންއާ ދެކޮޅަށް ކުޅުނު މެޗުން އެކަންޏެވެ. ފުރަތަމަ މެޗުގައި މެކްސިކޯ އަތުން 1-0 އިން ބަލިވި އިރު، ފަހު މެޗުގައި ދެކުނު ކޮރެއާ ކައިރިން ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ. މޮޅުވި ސްވިޑަން މެޗުގައިވެސް މޮޅުވީ ފަހު ސިކުންތު ގޯލު ޖަހައިގެން 2-1 ގެ ނަތީޖާއަކުންނެވެ.

އެ ވޯލްޑް ކަޕުން ޖަރުމަނަށް ލިބުނު މެސެޖަކީ ޖީލެއް ބަދަލުވާން ޖެހިފައިވާކަމުގެ މެސެޖެވެ. އެ މެސެޖާއެކު ޓީމަށް ބަދަލުތަކެއް ގެނެސް، ހާންސީ ފްލިކާއެކު މިފަހަރު ނުކުތީ އާޖީލެއްގެ ތައާރަފު ވެލުމަށެވެ. އެހެންކަމުން އެގައުމަށް އޮތީ ރަނގަޅު ފެށުމަކަށް ބޭނުންވެފައެވެ.

ޖަރުމަނުން ފުރަތަމަ މެޗުގައި ނުކުތީ އެންމެފަހުގެ ހަތް ވޯލްޑް ކަޕުގައިވެސް އޭޝިއާ ތަމްސީލު ކޮށްފައިވާ ޖަޕާނާ ދެކޮޅަށެވެ. މެޗު އުނދަގޫވާނެ ކަމަށް ވިސްނައިގެން ނުކުތް ޖަރުމަނުން ފުރަތަމަ ހާފުގައި ކޮންޓްރޯލް ހޯދިއެވެ. އެޓީމުން ޖަޕާނުގެ އޭރިއާ ތެރެއަށް ބާރުބޮޑުކޮށް ހަމަލާތަކަށް މަސައްކަތް ކުރަމުން ދިޔަ އިރު، ޖަޕާނުން ވިސްނީ ކައުންޓާ އެޓޭކެއްގައި ކުރިއަށްޖެހި ކުޅެމުން ދިޔަ ޖަރުމަނުގެ ޑިފެންސަށް ބޮނޑިއެއް ދިނުމަށެވެ. އެހެން ނަމަވެސް އެންޓޯނިއޯ ރުޑިގާގެ ހުޝިޔާރުކަން އެއަށްވުރެ ބޮޑެވެ.

ޖަރުމަނުން މެޗުގެ ކުރީކޮޅުގައި އުފެއްދި ހަމަލާތަކުގެ ތެރެއިން ޖޯޝުއާ ކިމިކާއި ޖަމާލް މުސިއާލާގެ ހަމަލާތައް ފާހަގަކުރެވުނެވެ. ހާއްސަކޮށް ކިމިކްގެ ހަމަލާގައި ސުއީޗީ ގޮންޑާ ކުރި މޮޅު ސޭވް ފާހަގަވިއެވެ. ޖަރުމަނުން ހަމަލާއަކަށްފަހު ހަމަލާއެއް އުފައްދަމުން ގޮސް ލީޑު ނެގީ 32 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ރާމްއަށް ޖަޕާން ކީޕަރު ގޮންޑާއަށް ކުރި ފައުލަކާ ގުޅިގެން ޖަރުމަނަށް ލިބުނު ޕެނަލްޓީގައި ލީޑު ނަގައިދިނީ އިލްކާއީ ގުންޑޮގަންއެވެ.

ފުރަތަމަ ހާފުގައި ޖަރުމަނުން ލީޑު ނަގައި އިތުރު ގިނަ ހަމަލާތަކެއްވެސް އުފެއްދިއެވެ. އެގޮތުން ހާފު ނިމިނިމި އޮއްވައި ޕެނަލްޓީ އޭރިއާ ބޭރުން ކިމިޗް ފޮނުވާލި ހަމަލާ ޖަޕާނުގެ ކީޕަރު ގޮންޑާ ވަނީ މަތަކޮށްފައެވެ. އަދި ރީބައުންސް ބޯޅަ ލިބުމާއެކު ސާޖް ގްނަބްރީ ދިން ބޯޅައަކުން ކައި ހަވާޓްސް، ޖަޕާނުގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލި ނަމަވެސް، ވީއޭއާރަށް ބަލައި ރެފްރީ ނިންމީ ހަވާޓްސް އޮފްސައިޑް މަގާމެއްގައި ހުރި ކަމަށެވެ.

ޖަޕާނުން އިތުރު ގޯލެއް ކޮޅައް ވައްދާނުލައި، ފުރަތަމަ ހާފު ނިންމާލި އިރު، ދެވަނަ ހާފުގެ ކުރީކޮޅުގައި ޖަރުމަނުގެ ނަބެރީއަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބާރު ބޯޅަ ބޭރަށް ދިޔައީ ހުރަސް ދަނޑީގައި ޖެހިފައެވެ. އަދި އޭގެ ފަހުން އޭނާ ފުލުފުލުގައި ފޮނުވާލި ހަތަރު ހަމަލާއެއްވެސް މަތަކުރީ މޮޅަށް ކުޅުނު ޖަޕާނުގެ ގޯލްކީޕަރު ގޮންޑާއެވެ. އަދި އޭގެ ފަހުން މުސިއާލާ ޖެހި ބޯޅަ އާއި ގުންޑޮގަން ޖެހި ބޯޅަށްވެސް ބޭރަށް ދިޔައީ ދަނޑީގައި ޖެހިފައެވެ.

އެ ހަމަލާތަކުން ޖަރުމަނަށް ދެވަނަ ގޯލެއް ނުޖެހުނު ހިސާބުން ޖަޕާނުން ނުރައްކާ ކުރަން ފެށިއެވެ. އެގޮތުން ޕެނަލްޓީ އޭރިއާ ތެރެއިން އޮސާނޯ ފޮނުވާލި ހަމަލާ ކީޕަރު މެނުއަލް ނޯޔާ މަތަކުރި އިރު، ރީބައުންސް ބޯޅައިން ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެއެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ޖަޕާނުން ނަތީޖާ ހަމަހަމަ ކުރިއެވެ.

ނަތީޖާ ހަމަހަމަކުރުމާ އެކު ހަލީފާ އިންޓަނޭޝަނަލް އެނގުންވެ، އިތުރު ގޯލަކަށް ހިތްވަރު ލިބުނެވެ. އެޓީމުން ކުރިއަށް ޖެހި ކުޅެން ފަށައި، 83 ވަނަ މިނެޓުގައި ލީޑު ނެގިއެވެ. ކޯ އިޓަކޫރާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ޖަޕާނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޓަކޫމާ އަސާނޯއެވެ. ޖަޕާނުގެ ގޯލު ޖެހި ދެ ކުޅުންތެރިންނަކީވެސް ބަދަލަކަށް ނުކުތް ދެ ކުޅުންތެރިންނެވެ.

މި މެޗުގެ ނަތީޖާއަކީ ޖަޕާނުގެ ފުޓުބޯޅަ ތާރީހުގައިވެސް މުހިއްމު ނަތީޖާއަކަށްވާނެއެވެ. އެގޮތުން މިއީ އެޓީމުން ޖަރުމަނު ބަލުކުރި ފުރަތަމަ ފަހަރެވެ. ޖަޕާނާއި ޖަރުމަނު މީގެ ކުރިން ހަތަރު މެޗެއްގައި ކުރިމަތިލާފައިވާ އިރު، އޭގެ ތެރެއިން ދެފަހަރަކީ ޖަރުމަނު، ވެސްޓް ޖަރުމަނުގެ ގޮތުގައި އޮތްއިރު ކުޅުނު ދެމެޗެވެ. ވެސްޓް ޖަރުމަނުގެ ގޮތުގައި އޮވެ ޖަރުމަނުން ޖަޕާނާ ވާދަކުރީ 1963 އަދި 1968 ވަނަ އަހަރުއެވެ. އޭގެ ތެރެއިން ފުރަތަމަ މެޗު 1-1 އިން އެއްވަރުވީ އިރު، އަނެއް މެޗު ޖަރުމަނުން ކާމިޔާބުކުރީ 1-0 އިންނެވެ. އޭގެ ފަހުން ދެން ކުޅުނީ އެކުވެރިކަމުގެ ދެމެޗެވެ. އެ ދެމެޗަކީ 2004 އަދި 2006 ވަނަ އަހަރު ކުޅުނު ދެމެޗެވެ. ފުރަތަމަ މެޗު ޖަރުމަނުން 3-0 އިން ކާމިޔާބުކުރި އިރު، ދެވަނަ މެޗުވީ 2-2 އިން އެއްވަރެވެ. މިރޭގެ މެޗަކީ ވާދަވެރި މުބާރާތެއްގައި ޖަޕާނާއި ޖަރުމަނު ވާދަކުރާ ފުރަތަމަ މެޗެވެ.