ރިޕޯޓް

ހުސޭނުބެއަކީ ކުޅުދުއްފުށީގެ މޮޅު ބްރޭންޑެއް، މުޅި އުމުރު އިމާރާތް ކުރުމުގައި

މަރިޔަމް ޝަފާ އިބްރާހިމް

4

"ކުރަހަނީވެސް ފަށަނީވެސް އަދި ނިންމަނީވެސް ހަމަ އަމިއްލަޔަށް، އަމިއްލަ ހިޔާލަށް. ތަނުގެ ބިންގަލުން ފެށިގެން އަޅާ ފުރަތަމަ ގަލުން ގޮސް ފަހުގެ ހިޔާ ކުރުމާ ހަމައަށްވެސް ހަމަ އަމިއްލަ މަސައްކަތް. މިހާރުދެން އަނެއްހެން އުންމީދުތައް ފުރިހަމަ ވެއްޖެ. އެންމެ ކަމެއް އޮތީ. އެއީ މިވިޔަފާރިއާއި މަސައްކަތާ މުޅިން ދުރު، މުޅިން ތަފާތު އެހެން އުންމީދެއް."

އާދައިގެ މީހެކެވެ. ބޮޑާކަމެއް ނެތެވެ. ހިތްހެޔޮ ހިނިތުންވުމެކެވެ. ކިބުރުވެރިކަމެއް ނެތެވެ. އެހީއަށް އެދި ދިއްކޮށްލާ އަތުގައި ދީލަތިކަމާއެކު ހިފައެވެ. ބޭނުން ޖެހިގެން އަންނަ މީހަކު މާޔޫސްކޮށްފައި އަނބުރާ ފޮނުވައެއް ނުލައެވެ. އޭނާއާ އެކީގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެއީ ވެރިއަކަށް ވުރެ ބޮޑަށް ގާތްތިމާގެ މީހެކެވެ. ހެޔޮއެދޭ އެކުވެރިއެކެވެ.

ދަރީންނަށްޓަކައި މިއަދުވެސް ހުރިހާ ކަމެއް ގުރުބާނެވެ. ހުރިހާ ކުދިންމެ ބޮޑެތިވެ، ޒިންމާދާރުކަމާއެކު އަމިއްލަ ފައިމަތީގައި ތިބުމާއެކުވެސް، މިއަދުވެސް ގޭގެ ހުރިހާ ހަރަދެއް ބަލަހައްޓަނީ ހަމަ އަމިއްލައަށެވެ. އެކުދީންގެ ދިރިއުޅުމުގައި، ހެޔޮމަގެއް ނަމަ، ދާން ބޭނުން ކޮންމެ ރޮނގަކުން ދާންވީއެވެ. ބައްޕަގެ ވިޔަފާރި ބައްޕައަށް ބެލެހެއްޓޭނެއެވެ. ޝައުގެއް ނެތިއްޔާ އެޔަކަށް ކުދިން ވަންނާނެ ކަމެއް ނެތެވެ. ކޮންސްޓްރަކްޝަނުގެ ހުރިހާ މަސައްކަތެއް ކުރުމާއެކު ލޯކަލްމާޓް ފިހާރައެއް ހިންގުމާވެސް ހަވާލުވެ ހުރީ ހަމަ އަދި އެކަންތައް ވާނެތީއެވެ.

މިއީ ލޯބިވާ ފިރިއެކެވެ. ލޮބުވެތި، އޯގާތެރި ހެޔޮލަފާ ބައްޕައެކެވެ. ގިނަ ބައެއްގެ ގަދަރާއި ލޯތްބާއެކު އިތުބާރާއި ޔަގީންކަންވެސް އިންތިހާއަށް ލިބިފައިވާ މީހެކެވެ.

ހދ ކުޅުދުއްފުށްޓަށް އުފަން މަންމައަކާއި ބައްޕައެއްގެ ދަރިންގެ ތެރެއިން ހަތަރުވަނަ ފިރިހެން ދަރިފުޅު، ހުސެން އަލީ، ހުސޭނުގެ ވާހަކައެވެ. 60 އަހަރެއް ކަމަކު ބަލާބެލުމުގައި ހުސެން އަކީ އުމުރަށްވުރެ މާބޮޑަށްވެސް ހަގުކަމަށް ދައްކާ، ސިއްހީ ގޮތުން ވަރަށްވެސް ފުރިހަމަ، ދުޅަހެޔޮ ހަށިހަނޑަކާއި ގަދަފަދަކަމެއް ލިބިފައިވާ އެހާމެ މަސައްކަތްތެރި މީހެކެވެ. ނުހަނު ލޯބިވާ އަނތްބަކާއި ހަކުދިން (ފިރިހެންދަރިފުޅަކާއި 5 އަންހެން ދަރީން) އެބަތިއްބެވެ.

މެދުކެނޑުމެއްނެތި 25 އަހަަރު ވަންދެން ނުހަނު ޒިންމާދާރު މަސައްކަތެއް މަދު މުވައްޒަފުން ކޮޅެއް ގޮވައިގެން ކުރަމުންން އަންނަ ހުސެން އަކީ ކުޅުދުއްފުށީ މީހުންނަށް ރައްޓެހި ފަރިތަ ނަމެކެވެ.

ކޮންސްޓްރަކްޝަން މަސަައްކަތްތައް، އިމާރާތްތައް ކުރުމުގައި އުމުރު ދުވަހުގެ ތަޖުރިބާ ހުރި މީހަކަށް ހުސެން ވާނެއެވެ. މަސައްކަތެއް ނުކޮށް ހަމަޖެހިގެން ބޮޑު ގޮނޑިއެއްގައި އިނދެވެން މިއަދު އޮތް ނަމަވެސް އެއީ ހުސެން އަށް މާކަމުދާ އަދި ފަސޭހަ ގޮތެއް ނޫނެވެ. ދިރިއުޅުމުގައި މިހިސާބަށް އައިއިރު އަބަދުހެން މަސައްކަތް ކުރުމަށް ހޭނިފައިވާ އޭނާގެ ދެއަތް އެގޮތަށް އުރާލައިގެން އިންނާކަށް އެއްބަހެއް ނުވެއެވެ.

އުމުރުން ވަރަށް ހަގުއިރު ހުސެން ފެށި ފަރުމާކޮށް ރޭނުމުގެ މަސައްކަތް ފުޅާވަމުން ގޮސް ސަރުކާރުގެ ހަނި ދާއިރާއިން ނުކުމެ އަމިއްލަ ފުޅާ ދާއިރާގައި މަސައްކަތް ފެށީއެވެ. އޭގެ ފަހުން ވިޔަފާރީގެ ކުލަ "މުދާ ވިއްކުމަށް" ބަދަލުކޮށްލީ، ތާއަބަދު ކޮންސްޓްރަކްޝަނުގެ ތެރޭގައި ނޫޅެވިދާނެތީއެވެ. އެހެންނޫނަސް ރަށުން ކޮސްމެޓިކްސް ފަދަ ތަކެތި އެއްފިހާރައަކުން ލިބޭ ގޮތް ހެދުމުގެ މަގުސަދުގައި ހުޅުވި ފިހާރައެކެވެ. ކޮވިޑުގެ ދަތިހާލުގައި ފިހާރައިގެ ކަންތައް މަޑުޖެހުނު ގޮތަށް މަޑުމަޑުން ހިންދެމިލާފައި ތެދުވީ އަދި ކުރިއަށް ދެމިގަނެވުނީ ހަމަ އިހަށް ދުވަހަކުއެވެ.

"އެންމެ ފުރަތަމަ ސަރުކާރުގެ މަސައްކަތް ކުރީ. އޭރު ފެށި މަސައްކަތްތައް ހަމަ ފުރިހަމައަށް ކުރިންވެސް ބުނިހެން އެޅި ބިންގަލުން ފެށިގެން ދޮރުގެ ކަނިތަކާއި ތަޅުތަކާއި ހަމައަށްވެސް ހުސެންގެ ހިޔާލު، ހުސެންގެ މަސައްކަތް." ސަރުކާރުގެ އޭރުގެ ކުނިއަންދާ ކުނިކޮށީގެ މެޝިން އޮޕަރޭޓަރަކަށް ޒުވާން އުމުރުގައި ހުރެގެން އެތަނުން ހަވާލުވި ކުއާޓަރެއް، ޕްރައިވެޓް ކޮޓަރިބަރިއެއް ތައްޔާރުކުރުމުގެ މަސައްކަތް ނިންމުމަށްފަހު ދެން ހުސެންގެ ކޮންސްޓްރަކްޝަން ދާއިރާގެ ދޮރު ހުޅުވުނީއެވެ.

އޭގެ ފަހުން ގުނައިގެން އަދަދު ކުރަން ނޭނގޭހާ ވަރަށް ކުދި ޕްރޮޖެކްޓުތަކުގެ މަސައްކަތް ކުރަމުން ގޮސް ހުސެންގެ ހަވަނަ ހިއްސު އޭނާއަށް ވިސްނައިދިނީ މިހާރުދެން ހުސެން "ބްރޭންޑަކަށް" ވާންވީ ކަމެވެ. އަމިއްލަ މަސައްކަތް ފަށަންވީއެވެ. ސަރުކާރުގެ ބިޑު ނެގުން ދޫކޮށް ސަރުކާރުން ދުރުވެ އަމިއްލަ މަސައްކަތުގެ ނަން ބްރޭންޑަކަށް ވުމުގެ ފުރަތަމަ ފިޔަވަޅު އެޅިއެވެ. އެދުވަހުން ފެށިގެން މަޑުމަޑުން އަމިއްލަ ނަމުގައި އަމިއްލައަށް ބޭރުގައުމުތަކަށް ދަތުރުކޮށްގެން މުދާ ގެނެސް ފިހާރަވެސް ހުޅުވައިފިއެވެ. މިއަދު ކުޅުދުއްފުށީގައި އެންމެ ވިޔަފާރި ރަނގަޅު އެއް ފިހާރައަކީ ހުސެންގެ ފިހާރައެވެ.

ހުސެންގެ ހިތްވަރާއި ގަދަފަދަ ބުރަ މަސައްކަތުން ދިރިއުޅުން ވަނީ ނުހަނު ބޮޑަށް ކުރިއަރާފައެވެ. ހުސެންގެ ހުރިހާ ކުދީން ވަނީ އެންމެ އެކަށީގެންވާ ފެންވަރުގައި ތައުލީމު ހާސިލުކޮށް ދިރިއުޅުމުގައި ކުރިއަށް ގޮސްފައެވެ. ކުޅުދުއްފުށީގައި އެންމެ އިތުބާރާއެކު ގެއެއް ވިޔަސް އަދި މިސްކިތަކަސް އިމާރާތެއް ބިނާކުރާކަމުގައިވާނަމަ ޔަގީންކަމާއެކު ހޯދާ އެކަކީ ހުސެން އެވެ. މެދުނުކެނޑި ދިގު 25 އަހަރު ހުސެން މި މަސައްކަތުގައި ތެދުވެ ސާބިތުވެ ހުރެފިއެވެ. އެތައް ބައެއްގެ ލޯބި ލިބިގެން އިތުބާރު ލިބިފައިވާ ހުސޭނުބޭގެ ފުރިހަމަ ނުވެ އޮތީ މިހާރުދެން ދުނިޔެމަތީގެ ކަމަކަށް ހަމައެންމެ ކަމެކެވެ.

"ދުނިޔޭގަ މިފުރިހަމަ ސިއްހަތުގައި ލަހައްޓަވާފަ ހުއްޓާ ބޭނުންވަނީ ވީއެންމެ އަވަހަށް ހައްޖު ދަތުރަކު ގޮސް މަބްރޫކު ހައްޖެއް ވުން. އެހިސާބުން އަނެއްހެން ހުރިހާ އުންމީދެއް ފުރިހަމަވީ.