ޚަބަރު

މަރުގެ އަދަބު ދެވެން އޮތީ ދެ ހާލަތެއްގައި، އަމިއްލަ އިއުތިރާފުން ނޫނީ ދެ ފިރިހެނުންގެ ހެކިބަހުން!

އަލީ ޔާމިން

އިސްލާމް ދީނުގައި ގިސާސްގެ އަބަދު ކަނޑައަޅައިފައިވާ ކުށްތަކުގައި ގިސާސް (މަރަށް މަރު) ހިފޭނީ އަމިއްލަ އިއުތިރާފުން ނުވަތަ ދެ ފިރިހެނުންގެ ހެކިބަހުން ކަމުގައި އަލަށް އެކުލަވާލި ހެއްކާ ގުޅޭ ގާނޫނުގައި ބުނެފިއެވެ.

ހެއްކާ ގުޅޭ އާ ގާނޫނުގެ 140 ވަނަ މާއްދާގެ ނ ގައި ބުނެފައިވަނީ، ބުނެފައިވަނީ ޒިނޭގެ ކުށް ފިޔަވައި އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ މަރުގެ އަދަބު ދެވޭ ކުށެއް ސާބިތު ކުރެވޭނީ ދެ ފިރިހެނުންގެ ހެކިބަހުން ނުވަތަ ތުހުމަތުކުރެވޭ މީހެއްގެ އަމިއްލަ އިއުތިރާފުން ކަމަށެވެ.

އެ ގާނޫނުގައި ބުނެފައިވާ ގޮތުގައި ދެ ފިރިހެނުންގެ ހެކިބަސް ނެތް ނަމަ ދެވޭނީ ގާނޫނީ އަދަބެކެވެ. މަރުގެ މައްސަލަތަކުގައި ރާއްޖޭގައި ދޭ އެންމެ ބޮޑު އަދަބަކީ، މަރުގެ ދިޔައާއެކު އެމީހަކު އުމުރަށް ޖަލަށް ލުމެވެ. ބައެއް މީހުން މަރަން ހުކުމް ކުރި ނަމަވެސް ރާއްޖޭގައި އެފަދަ އިންތިޒާމެއް އަދި ހަމަޖެހިފައެއް ނެތެވެ.

ގާނޫނުގައިވާ ގޮތުގައި ޖިނާއީ މައްސަލަތައް ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުކޮށްދޭން ޖެހެއެވެ.

މަރުގެ މައްސަލަތަކުގައި މީގެ ކުރިން ހަމައެކަނި ގަރީނާއަށް ރިއާޔަތްކޮށްވެސް ހުކުމްކޮށްފައި އެބަހުއްޓެވެ. އަންހެނުންގެ ހެކިބަސް ހިމަނައިގެން މަރުގެ މައްސަލަތަކުގައި ހުކުމްކޮށްފައި އެބަހުއްޓެވެ. ނަމަވެސް ހެއްކާ ބެހޭ ގާނޫނު މިހާރު އޮތް ގޮތުން، މަރުގެ މައްސަލައެއްގައި ކިތަންމެ ވަރުގަދަ ފޮރިންސިކް ހެކި ހުރި ނަމަވެސް އަދި އެ މަންޒަރު އެހެން ބަޔަކަށް ނުފެންނަ ނަމަ ގާތިލަށް މަރުގެ އަދަބެއް ނުދެވޭނެއެވެ.