ގަތަރު ވޯލްޑް ކަޕް 2022ގެ ގްރޫޕް ޑީގެ ދެވަނަ މެޗުގައި އެންމެފަހުގެ ޗެމްޕިއަން ފްރާންސުން އޮސްޓްރޭލިއާ ބަލިކޮށްފިއެވެ.

އަލް ޖަނޫބް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ފްރާންސުން ފަހަތުން އަރައި އޮސްޓްްރޭލިއާ ބަލިކުރީ 4-1 ގެ ނަތީޖާއަކުންނެވެ.

ފްރާންސުން މިރޭގެ މެޗަށް ނުކުތީ ވޯލްޑް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަނުންގެ ގޮތުގައެވެ. އެޓީމުން މިފަހަރުގެ ވޯލްޑް ކަޕަށް ނުކުތީ މޭމަތީގައި ޗެމްޕިއަން ބެޖު ޖަހައި، އެ ބެޖު ދިފާއުކުރުމަށެވެ. 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ތަށްޓަކީ ފްރާންސްގެ ދެވަނަ ވޯލްޑް ކަޕް ތަށި ކަމަށްވާ އިރު، ފްރާންސުން ވޯލްޑް ކަޕްގެ ތަށި ފުރަތަމަ ހޯދީ 1998 ވަނަ އަހަރުއެވެ. ޒުވާން ތަރިންތަކަކާއެކު 1994 ވަނަ އަހަރު ވޯލްޑް ކަޕަށް ގޮސް، އެ މުބާރާތް ގެއްލުނު ނަމަވެސް ޒުވާން ކުޅުންތެރިންގެ ގޮތުގައި އަރައިގެން އައި ޒައިނުއްދީން ޒިދާން، ތިއަރީ އޮންރީގެ އިތުރުން ޑޭވިޑް ޓްރެޒެގޭ އަދި ލިލިއަމް ތުރާމް ފަދަ ކުޅުންތެރިންނާއެކު ފްރާންސުން 1998 ގެ ވޯލްޑް ކަޕް ކާމިޔާބު ކުރިއެވެ.

އަނެއްކޮޅުން ފްރާންސް ހިފަހައްޓަން މިރޭ ނުކުތް އޮސްޓްރޭލިއާއަށް މިއީ ހަތްވަނަ ވޯލްޑް ކަޕެވެ. އެޓީމު ފުރަތަމަ ފެނިގެންދިޔައީ ވެސްޓް ޖަރުމަނުގައި ބޭއްވި ވޯލްޑް ކަޕް 1974 ގައެވެ. އޭގެ ފަހުން އިންތިޒާރަކަށްފަހު އޮސްޓްރޭލިއާ 2006 ގެ ވޯލްޑް ކަޕަށް ކޮލިފައިވި އިރު، އޭގެފަހުން މިހާތަނަށް ހުރިހާ ވޯލްޑް ކަޕެއްގައި އޮސްޓްރޭލިއާ ކުޅުނެވެ.

ފްރާންސަށް ފެވަރިޓުން ދީފައިވާ މެޗުގެ ފެށުން ދިޔައީ ހީކުރި ގޮތާ ހިލާފަށެވެ. މެޗުގެ ނުވަ ވަނަ މިނެޓުގައި ކްރެއިގް ގުޑްވިން ވަނީ އޮސްޓްރޭލިއާއަށް ލީޑު ނަގައިދީ ދުނިޔޭގެ ޗެމްޕިއަނުން ސިއްސުވާލައިފައެވެ. މެތިއު ލެކީ ތަނަވަސްކޮށްދިން ފުރުސަތުގައި ގުޑްވިން ލީޑު ނެގުމާއެކު ފްރާންސަށް އާވެގެންދާނީ ޗެމްޕިއަނުންނަށް މިދިޔަ ތިން ވޯލްޑް ކަޕްގައިވެސް ދިމާވި ބަދުނަސީބުކަމުގެ ހަނދާންތައްކަން ޔަގީނެވެ.

އަހަރުތަކެއް ކުރިއަށް ޖެހިލާ އިރު، 2006 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް އައިއިރު، އޭގެ ފަހުން ވޯލްޑް ކަޕްގެ ތަށި ނެގި ކޮންމެ ޓީމަކުންވެސް ދެން ޖެހިގެން އައި މުބާރާތުން އަލްވަދާއު ކިޔަން ޖެހުނީ ގްރޫޕް ސްޓޭޖުންނެވެ. އިޓަލީ 2010 ވަނަ އަހަރު ގްރޫޕް ސްޓޭޖުން ކެޓި އިރު، ދެން ތަށި ނެގި ސްޕެއިނަށްވެސް 2014 ގައި ޖެހުނީ އެހާލެވެ. އަދި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި 2014 ގެ ޗެމްޕިއަން ޖަރުމަނު ކަޓައިގެން ދިޔައީ ހިތިކޮށެވެ.

އެ ހަނދާންތަކުގައި ޖެހިފައި ތިބުމަށް ފްރާންސް މަޑެއް ނުޖެހުނެވެ. އެޓީމުން ފެނުނީ މާ ބޮޑަށްވެސް މެޗުގެ ކޮންޓްރޯލް އަތުލިތަނެވެ. ތަފާތު އެޓޭކިން ފުޓުބޯޅަކަށް ސްޓައިލް ބަދަލުކޮށްލައި، ފަހަތުން އަރަން ފްރާންސް ތަފާތު ރޫހެއްގައި ކުޅެން ފަށައި ފުލުފުލުގައި ދެ ގޯލުވެސް ޖެހިއެވެ. ފުރަތަމަ ގޯލު ތިއޯ ހެނޭންޑޭޒް ނަގައިދިން ހުރަހަކުން ފްރާންސަށް ކާމިޔާބުކޮށްދިނީ އެޑްރިއެން ރަބިއޯއެވެ. އަނެއް ގޯލު އޭގެ ދެ މިނެޓް ފަހުން ޖެހީ ޖިރޫއެވެ.

އެ ދެގޯލާއެކު ނަތީޖާ އަނބުރާލައި ފްރާންސުން ދެން ދިޔައީ ފުލުފުލުގައި ހަމަލާތައް އުފައްދަމުންނެވެ. ކިލިއަން އެމްބާޕޭއަށް ހުސް ފުރުސަތެއް ލިބިގެން ދިޔަ އިރު، ޖިރޫއަށްވެސް އިތުރު ފުރުސަތެއް ލިބި ބޭކާރުވިއެވެ. އޭގެ އިތުރުން އެންޓޮއިން ގްރީޒްމަން ތިރިތިރީން ފޮނުވާލި ބާރު ހަމަލާ ދިޔައީ ދަނޑިކައިރިން ބޭރަށެވެ.

ފްރާންސަށް ލިބުނު އެތަކެއް ފުރުސަތެއް އެޓީމުން ނަގާލި އިރު، އޮސްޓްރޭލިއާއިން ހާފު ނިންމާލީ އިރްވިން ޖެހި ބޯޅައަކުން ނަތީޖާ ހަމަހަމަ ކުރުމާ ވަރަށް ގާތަށް ޖެހިލައިފައެވެ. އޭނާ ބޮލުން ޖެހި ބޯޅަ ޖެހުނީ ދަނޑީގައެވެ.

ދެވަނަ ހާފަށް ނުކުމެވެސް ފްރާންސުން ކޮންޓްރޯލް ގެއްލުވާނުލައި ފެށީ އެޓޭކް ކުރާށެވެ. ހަމަލާއަކަށްފަހު ހަމަލާއެއް އުފެއްދި އިރު، މިފަހަރު ގްރީޒްމަން ޖެހި ބޯޅަ އޮސްޓްރޭލިއާ ޑިފެންޑަރު ސާފުކޮށްލީ ގޯލުގެ ރޮނގު މަތިންނެވެ. އޮސްޓްރޭލިއާއަށް ކެތް ނުވާ ވަރަށް ހަމަލާ އުފައްދަމުން ދިޔަ ފްރާންސުން ތިންވަނަ ގޯލެއް ޖެހީ އެމްބާޕޭއެވެ. އެ ގޯލު އެމްބާޕޭ ޖެހީ ބާސެލޯނާގެ އުސްމާން ޑެމްބެލޭ ނަގައިދިން ހުރަހަކުންނެވެ.

އެ ގޯލާއެކު ހަމަޖެހިލި ޗެމްޕިއަން ފްރާންސުން އިރުކޮޅެއްވެސް ނުވެ، ހަތަރު ވަނަ ގޯލެއް ޖެހިއެވެ. އެމްބާޕޭ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ފްރާންސަށް އެގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ދެވަނަ ގޯލުވެސް ކާމިޔާބުކޮށްދިން ޖިރޫއެވެ. އެ ގޯލަކީ ގައުމީ ޖާޒީގައި އޭނާ ޖެހި 51 ވަނަ ގޯލެވެ. އެ ގޯލާއެކު ފްރާންސަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑާ ޖިރޫ ވަނީ ހަމަކޮށްފައެވެ. ފްރާންސަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދިން ލެޖެންޑް ތިއަރީ އޮންރީ ވެސް ވަނީ ގައުމީ ޖާޒީގައި 51 ގޯލު ކާމިޔާބުކޮށްފައެވެ.

އޭގެ ފަހުންވެސް ފްރާންސުން ފަސްވަނަ ގޯލަކަށް ބުރަކޮށް މަސައްކަތް ކުރިއެވެ. އިބްރާހިމާ ކޮނާޓޭ ކޯނަރަކަށް ކުރިއަށް އަރައި ބޮލުން ޖެހި ބޯޅަ މެޓް ރަޔަން މަތަކުރި އިރު، މެޗުގެ ފަހުކޮޅުގައި ފްރާންސް ފެނުނީ ހަމަޖެހިލައިގެން ކުޅުނުތަނެވެ.

ފްރާންސުން ވޯލްޑް ކަޕްގެ ފެށުން ރަނގަޅުކުރީ އަނިޔާގެ މައްސަލަތަކަށް ސަމާލުކަމެއް ނުދީ ފޯމުގައެވެ. އެންމެފަހުގެ ޗެމްޕިއަން ފްރާންސަށް މި ވޯލްޑް ކަޕަށް ނުކުތް އިރު، ދިމާވި އެންމެ ބޮޑު މައްސަލައަކީ އަނިޔާގެ މައްސަލަތަކެވެ. ވޯލްޑް ކަޕަށް ތައްޔާރުވާން ފެށިތަނުން މެދުތެރެ ގެއްލުނެވެ. އެންގޯލޯ ކަންޓޭއާއި ޕައުލް ޕޮގްބާގެ ޕާޓްނާޝިޕްވެސް އަނިޔާގެ ސަބަބުން ވޯލްޑް ކަޕަކަށް ނުގެންދާ އިރު، ދެން އަނިޔާ ދިމާވާން ފެށީ ސްކޮޑު ނެގި ފަހުންނެވެ. ޕްރިންސަލް ކިމްޕެންބޭގެ އިތުރުން ފޯމުގައި ހުރި ޒުވާން ފޯވަޑް ކްރިސްޓޮފާ އެންކުންކޫއަށް ތަމްރީނުތަކުގައި އަނިޔާވި އިރު، ވޯލްޑް ކަޕަށް އެންމެ ދުވަހެއް އޮއްވައި ދެން އަނިޔާވީ ބެލޮންޑިއޯ ހޯދި ކަރިމް ބެންޒެމާއަށެވެ.

އެ މައްސަލަތަކާއެކުވެސް ފްރާންސްގެ ޓީމުން ސާބިތުކޮށްދިނީ އެޓީމަކީ ޗެމްޕިއަންކަން ދިފާއުކުރެވޭނެ ފެންވަރު ޓީމެއް ކަމެވެ. ގްރޫޕް ޑީގައި މިރޭ ކުޅުނު ފުރަތަމަ މެޗުގައި ޕޮލެންޑާއި ޓިއުނީޝިއާ ގޯލެއް ނުޖެހި އެއްވަރުވި އިރު، ދެން ފްރާންސުން ނުކުންނާނީ ޓިއުނީޝިއާއާ ދެކޮޅަށެވެ.

15:00 މޮރޮކޯ - ކްރޮއޭޝިއާ (ގްރޫޕް އެފް)

18:00 ޖަރުމަނު - ޖަޕާން (ގްރޫޕް އީ)

21:00 ސްޕެއިން - ކޮސްޓަ ރީކާ (ގްރޫޕް އީ)

00:00 ބެލްޖިއަމް - ކެނެޑާ (ގްރޫޕް އެފް)