ކްރިސްޓިއާނޯ ރޮނާލްޑޯ

ރޮނާލްޑޯ އާއި ޔުނައިޓެޑްގެ ގުޅުން ނިމުމަކަށް

ދެފަރާތުން އެއްބަސްވެ، ކްރިސްޓިއާނޯ ރޮނާލްޑޯ އާއި މެންޗެސްޓާ ޔުނައިޓެޑް ހަދާފައިވާ އެއްބަސްވުން އުވާލަން ނިންމައިފިއެވެ.

ޔުނައިޓެޑުން މިރޭ ނެރުނު ސްޓޭޓްމަންޓްގައި ބުނީ އުމުރުން 37 އަހަރުގެ ފޯވަޑް ރޮނާލްޑޯއާ އެކު އެ ކްލަބުން ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެންނަން ނިންމާފައިވާ ކަމަށެވެ. އަދި ރޮނާލްޑޯގެ ކެރިއަރުގެ ކުރިމަގަށް ކާމިޔާބަށް އެދޭ ކަމަށްވެސް ޔުނައިޓެޑުން ބުންޏެވެ.

އެކަމާ ގުޅިގެން ރޮނާލްޑޯ ނެރުނު ބަޔާނެއްގައި ބުނީ ދެފަރާތުން ވާހަކަ ދެކެވި އެއްބަސްވުން އުވާލަން ނިންމާފައިވާ ކަމަށާއި އަބަދުވެސް ޔުނައިޓެޑާއި އެ ކްލަބުގެ ސަޕޯޓަރުން ދެކެ ވާ ލޯބި ހިތު ތެރޭގައި އޮންނާނެ ކަމަށެވެ.

މިވަގުތު ޕޯޗުގަލްއާ އެކު ވޯލްޑް ކަޕަށް ތައްޔާރުވެގެން ހުރި ރޮނާލްޑޯއަކީ މިހާރު ފްރީ އެޖެންޓެކެވެ. އޭނާއަށް ބޭނުން ކްލަބަކަށް ސޮއިކުރުމުގެ ފުރުސަތު މިހާރު އޮންނާނެއެވެ.

ރޮނާލްޑޯ އާއި ޔުނައިޓެޑާ ދެމެދު ސީޒަނުގެ ކުރިންވެސް ކޮންމެވެސް ވަރެއްގެ މައްސަލަތަކެއް ޖެހިފައިވާ އިރު، ވޯލްޑް ކަޕަށް ދެތިން ދުވަހަށް ވެފައިވަނިކޮށް ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް ބަހުގެ ހަމަލާތައް އަމާޒުކޮށް، ވަރުގަދަ އިންޓަވިއުއެއް ދީފައެވެ. ރޮނާލްޑޯ އިންޓަވިއު ދީފައި ވަނީ މަޝްހޫރު ޖާނަލިސްޓް އަދި ޓީވީ ހޯސްޓް ޕިއާސް މޯގަންގެ ހާއްސަ ޕްރޮގްރާމަކަށެވެ.

އެ އިންޓަވިއުގައި ޔުނައިޓެޑްގެ ބޯޑަށާއި ކޯޗުންނަށްވެސް ރޮނާލްޑޯ ވަރަށް ބޮޑަށް ފާޑު ކިޔާފައިވެއެވެ. ރޮނާލްޑޯ ބުނީ ކްލަބުން އޭނާއަށް އޮޅުވާލި ކަމަށާއި ކޯޗުންނަށް އިހުތިރާމު ގެއްލުނު ކަމަށެވެ. ރޮނާލްޑޯ ވަނީ އޭނާގެ ދަރިފުޅު ބަލިވި ވާހަކައަށްވެސް ކްލަބުން އިހުތިރާމު ނުކުރާ ކަމަށް ބުނެ، ކްލަބުގެ ބޯޑަށްވެސް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ.

އެކަމާ ގުޅިގެން ޔުނައިޓެޑުން މިދިޔަ ހަފުތާވެސް ފިޔަވަޅު އަޅަން ތައްޔާރުވެފައިވާ އިރު، އެއްބަސްވުން އުވާލަން އުޅޭ ކަމަށް ކުރިންވެސް އޮތީ ބެލެވިފައެވެ.

ރޮނާލްޑޯގެ ކެރިއަރު ސްޕޯޓިން ލިސްބަންއިން ފަށައި، ޔުނައިޓެޑާ ފުރަތަމަ ގުޅުނީ 2003 ވަނަ އަހަރުއެވެ. އެފަހަރު 2009 ވަނަ އަހަރާ ހަމައަށް ރޮނާލްޑޯ ޔުނައިޓެޑަށް ކުޅެފައިވާ އިރު، އޭގެ ފަހުން ރެއާލް މެޑްރިޑަށާއި ޔުވެންޓަސްއަށް ވެސް ކުޅުމަށްފަހު ރޮނާލްޑޯ އެނބުރި ޔުނައިޓެޑަށް ދިޔައީ 2021 ވަނަ އަހަރުއެވެ.