ގަތަރު ވޯލްޑް ކަޕް 2022

ބަހަނާ ދައްކާކަށް ނެތިން، މިޓީމު އެނބުރި އަންނާނީ އެކުގައި: މެސީ

މިއަދުގެ ބައްޔަށް ދައްކާނެ ބަހަނާއެއް ނެތް ކަމަށާއި ޓީމު އޮތީ އެނބުރި އަންނަން ތައްޔާރަށް ކަމަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފިއެވެ.

އާޖެންޓީނާއިން މިއަދު ގަތަރު ވޯލްޑް ކަޕް 2022 ގައި ކުޅުނު ފުރަތަމަ މެޗުގައި ސައުދީ އަރަބިއާ އަތުން ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. އެއީ ވޯލްޑް ކަޕްގެ ތާރީހުގައިވެސް އެންމެ ހައިރާންކުރުވަނިވި އެއް ނަތީޖާއެވެ.

މެޗަށް ނުކުތް އިރު ތާރީހު އޮތީ އާޖެންޓީނާ އަތުގައެވެ. ވޯލްޑް ކަޕް ދެފަހަރަށް ކާމިޔާބުކޮށްފައިވާ އާޖެންޓީނާ މިފަހަރުގެ މުބާރާތަށް ނުކުތީ ކޮޕާ އެމެރިކާގެ ޗެމްޕިއަނުން ގޮތުގައެވެ. އާޖެންޓީނާ މެޗަށް ނުކުތީ އެންމެފަހުން ކުޅުނު 36 މެޗުގައި ބަލިނުވެ އޮވެގެންނެވެ. އެހެން ނަމަވެސް އެ ސިލްސިލާއަށް ނިމުން ގެނައީ ސައުދީން މެޗުގައި ހޯދި ދެ ފުރުސަތުގައި ދެ ގޯލު ޖަހައިގެންނެވެ.

އެ މޮޅާއެކު ސައުދީން މާދަމާ ސަރުކާރުވެސް ބަންދު ކޮށްފައިވާ އިރު، މެޗަށްފަހު މެސީ ބުނީ ބަހަނާ ދައްކަން ބޭނުން ނުވާ ކަމަށެވެ.

"ދެތަށް ބުނާނަމަ މިއީ ވޭންހުރި ބައްޔެއް. މިއީ އުންމީދު ކުރި ފެށުމެއްވެސް ނޫން. މިއަދުގެ މެޗުން ތިން ޕޮއިންޓް ނަގައިގެން ހަމަޖެހިލައިގެން ފަށަން ބޭނުންވީ. އެކަމަކު މި ކަންކަމުގައިވެސް ހިކުމަތެއް އޮންނާނެކަން ގަބޫލުކުރަން. ދެން އޮތީ ކުރިއަށް އޮތް ތަނަށް ތައްޔާރުވުން. މޮޅުވާން ޖެހޭ. އެކަން ކުރެވެންވެސް އޮތީ މި ޓީމަށް. ބަހަނާއެއް ދައްކާކަށް ނެތިން. ޓީމު އެކުވެގެން މިކަމާ ކުރިމަތިލާނީ. މިއީ ވަރަށް ބަދަހި ގްރޫޕެއް. އެކަން ސާބިތުވެސް ކޮށްދީފައި އޮންނާނީ. މިފަދަ ބައްޔަކާ ކުރިމަތިނުލާތާ ވަރަށް ދުވަސްވެސް ވެއްޖެ. މިއީ ޓެސްޓެއް، މިކަމާ ކުރިމަތިލާން ޖެހޭނީ ޓީމު އެކު،" މެސީ ބުންޏެވެ.

މެސީ ބުނީ ޓީމަށް އޮތް ގޮތަކީ އަވަހަށް އަނެއް ސޮފުހާއަށް ގަނޑު އެއްލައި، އިތުބާރާއެކު ފެށުން ކަމަށެވެ. އޭގެ އިތުރުން މެސީ ސަޕޯޓަރުންގެ ކިބައިން އެދުނީ ޓީމަށް އިތުބާރުކޮށް، ޓީމަށް ހިތްވަރު ދިނުމަށެވެ.

ރެކޯޑު ހަތް ބެލޮންޑިއޯއެއް ހޯދާފައިވާ މެސީ މިފަހަރުގެ ވޯލްޑް ކަޕަށް ނުކުތީ ތަށި ހޯދުމުގެ އަޒުމެއްގައެވެ. އެއީ މި ވޯލްޑް ކަޕަކީ އޭނާގެ ފަހު ވޯލްޑް ކަޕް ކަމަށްވެސް ކުރިން އިއުލާން ކޮށްފައިވުމާ އެކު، އަބަދުވެސް ދެކެމުން އައި ވޯލްޑް ކަޕެއްގެ ހުވަފެން ހަގީގަތަކަށް ހެދުމަށެވެ.