ޑޮމިނިކަން ރިޕަބްލިކް، އަލްޖީރިޔާ އަދި ނެދަލޭންޑް ސަރުކާރުން ރާއްޖެއަށް ކަނޑައެޅި ސަފީރުންނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސަފީރުކަމުގެ ފަތްކޮޅު އަރުއްވައިފިއެވެ.
ޑޮމިނިކަން ރިޕަބްލިކް ސަރުކާރުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރަކީ ޑޭވިޑް އިމަނުއެލް ޕުސް ބަޗަލްއެވެ. އަލްޖީރިއާއިން ރާއްޖެއަށް ކަނޑައެޅި އާ ސަފީރަކީ އަބްދުލްރަހްމާން ބެންގްރާއެވެ. އަދި ނެދަލޭންޑް ސަރުކާރުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރަކީ ބޮނީ ހާބޯކްއެވެ.
ޑޮމިނިކަން ރިޕަބްލިކްއިން ރާއްޖެއަށް ކަނޑައެޅި ސަފީރާއެކު ރައީސް ސޯލިހު ވަނީ ފަތުރުވެރިކަން ކުރިއެރުވުމާއި ތިމާވެށީގެ ދާއިރާ އާއި ކާރިސާތަކަށް ވިލުންތެރިކަން އިތުރުކުރުންފަދަ ދެ ގައުމުން އިސްކަންދޭ ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ. އަދި ބައިނަލްއަގުވާމީ މައިދާނުގައި ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާ ކުރައްވައިފައެވެ.
ނެދަލެންޑްސްގެ އާ ސަފީރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ކުރިޔަށް އޮތްތަނުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފައެވެ. އަދި ވަނީ ނެދަލޭންޑްސްއިން ދިވެހިންނަށް ވިސާ ލުއިދެއްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
އަދި މަސްވެރިކަމުގެ ދާއިރާއިން ދެގައުމުގެ ގުޅުން ބަދަހިކުރެވި، ރާއްޖެއިން އެކްސްޕޯޓްކުރާ މަހަށް ނަގާ ޓެރިފް ކުޑަކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އަލްޖީރިއާގެ ސަފީރާއެކު ބޭއްވި ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ އަލްޖީރިޔާ އާއި ރާއްޖެއަކީ އިސްލާމީ ސަގާފަތާއި އާދަކާދައިގެ ގޮތުންވެސް ވަރަށް އެއްގޮތް ކަންތައްތަކެއް ހިއްސާކުރާ ދެ ގައުމުކަން ފާހަގަކުރައްވައިފައެވެ. އަދި ރައީސްގެ ވާހަކަފުޅުގައި ދިވެހި ސަރުކާރުން ބައިނަލްއަގުވާމީ އަދި ދޭދޭ ގުޅުންތައް ބަދަހިކުރެއްވުމަށް ދެއްވާ އިސްކަން ފާހަގަކުރެއްވިއެވެ.
އެ ބައްދަލުކުރެއްވުމުގައި ސަފީރު ވަނީ ދެގައުމުގެ ދެމެދު އޮންނަ ތާރީހީ ބަދަހިގުޅުން ފާހަގަކުރައްވައި ދެގައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން އިތުރަށް ގުޅުންބަދަހިކުރެއްވުމާ ގުޅޭގޮތުން ވާހަކަ ދައްކައިފައެވެ.
ރާއްޖެ އާއި އަލްޖީރިޔާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ 1988 ވަނަ އަހަރުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު