އާޖެންޓީނާއިން މިއަހަރުގެ ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުގައި އޭޝިއާގެ ސައުދީ އަރަބިއާ އަތުން ބަލިވުމަކީ އެތައް ބަޔަކަށް ލިބުނު ހައިރާން ކަމެކެވެ. އާޖެންޓީނާއިން މެޗުގައި ލީޑު ނަގާފައި ވަނިކޮށް ސައުދީން ފަހަތުން އަރައި ދެ ގޯލު ޖަހައި މެޗު އަނބުރާލާފައިވާ އިރު، މެޗު ސައުދީން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ސައުދީއަކީ ވޯލްޑް ކަޕްގައި އާޖެންޓީނާ ކޮޅަށް އެއް ގޯލަށްވުރެ ގިނައިން ގޯލު ޖެހި އޭޝިއާގެ ފުރަތަމަ ޓީމެވެ.
މެޗަށް ނުކުތް އިރު ތާރީހު އޮތީ އާޖެންޓީނާ އަތުގައެވެ. ވޯލްޑް ކަޕް ދެފަހަރަށް ކާމިޔާބުކޮށްފައިވާ އާޖެންޓީނާ މިފަހަރުގެ މުބާރާތަށް ނުކުތީ ކޮޕާ އެމެރިކާގެ ޗެމްޕިއަނުން ގޮތުގައެވެ. އާޖެންޓީނާ މެޗަށް ނުކުތީ އެންމެފަހުން ކުޅުނު 36 މެޗުގައި ބަލިނުވެ އޮވެގެންނެވެ. އެހެން ނަމަވެސް އެ ސިލްސިލާއަށް ނިމުން ގެނައީ ސައުދީން މެޗުގައި ހޯދި ދެ ފުރުސަތުގައި ދެ ގޯލު ޖަހައިގެންނެވެ.
މިއަދުގެ ނަތީޖާ ވެގެންދާނީ ވޯލްޑް ކަޕް ތާރީހުގައި އެންމެ ހައިރާން ކުރުވަނިވި އެއް ނަތީޖާއަށެވެ. ތާރީހަށް ނަޒަރު ހިންގާލާނަމަ މިފަދަ ބައެއް ނަތީޖާތައް ވޯލްޑް ކަޕްގައި ފެނިގެން ގޮސްފައިވެއެވެ.
ރޯޖާ ލެމެރޭގެ ފްރާންސް 2002 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ނުކުތީ 1998 ވަނަ އަހަރު އަމިއްލަ ގައުމުގައި ކުޅުނު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައި އޮވެގެންނެވެ. ދެކުނު ކޮރެއާ އާއި ޖަޕާނުގައި އޮތް 2002 ވަނަ އަހަރުގެ ވޯލްޑްގެ ފުރަތަމަ މެޗަށް ސެނެގާލާ ދެކޮޅަށް ފްރާންސް ނުކުތް އިރު، އެ މެޗަށް ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ޒައިނެދީން ޒިދާން ނުނިކުމެއެވެ. އެހެން ނަމަވެސް ތިއެރީ އޮންރީ އާއި ޕެޓްރިކް ވިއެރާ ފަދަ ކުޅުންތެރިން ތިބި ފްރާންސަށް ސެނެގާލް ކައިރިން 1-0 ގެ ބައްޔަކާ ކުރިމަތިވާނެ ކަމަށް އެއީ އަންދާޒާ ނުކުރެވި އޮތް ނަތީޖާއެކެވެ.
މެޗުގައި ސެނެގާލަށް ތާރީހީ ގޯލު ޖަހައިދިނީ ޕާޕާ ޑޫބާ ޑިއޮޕެވެ.
ނަވާރަސަތޭކަ ނުވަދިހަ ވަނަ އަހަރު އިޓަލީގައި އޮތް ވޯލްޑް ކަޕަށް އާޖެންޓީނާ ނުކުތީ 12 އަހަރު ތެރޭގައި ތިންވަނަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބު ކުރުމަށެވެ. އަދި ވޯލްޑް ކަޕްގެ ތަށި ދިފާއުކުރި ތިންވަނަ ގައުމަކަށް ވުމަށެވެ. އެފަހަރު ފައިނަލަށް އާޖެންޓީނާ ގޮސް، ވެސްޓް ޖަރުމަނު ކައިރިން ފައިނަލްގައި ބަލިވި އިރު، ފެށުން ދިޔައީ ހައިރާން ކުރުވަނިވި ގޮތަކަށެވެ.
ޑިއޭގޯ މަރަޑޯގެ ލީޑާޝިޕްގައި މުބާރާތަށް ނުކުތް އާޖެންޓީނާ ފުރަތަމަ މެޗުގައި ބަލިވީ ކެމަރޫން އަތުން 1-0 ގެ ނަތީޖާއަކުންނެވެ.
އިޓަލީގައި 1990 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް އަޔަލެންޑް ދިޔަ ހިސާބަކީ އެގައުމަށް ފުޓުބޯޅައިގެ ޗާޓަށް ވަދެވުނު ހިސާބެވެ. އެފަހަރު އަޔަލެންޑް ބަލިވީ އިޓަލީ ކައިރިންނެވެ. އެ ބައްޔާއެކު 1994 ވަނަ އަހަރު ވޯލްޑް ކަޕަށް އަޔަލެންޑް ކުރިމަތިލީ އިޓަލީއަށް ދޯކާއެއް ދޭށެވެ. އެހެން ނަމަވެސް އެއީ އެއްވެސް ފުޓުބޯޅަ ސަޕޯޓަރަކު ކުރި އަންދާޒާއެއް ނޫނެވެ. އަޔަލެންޑުން ނިއު ޖާޒީގައި ކުޅުނު ގްރޫޕް ސްޓޭޖު މެޗުގައި އެފަހަރު އިޓަލީ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
ޔޫރޯ 2008 ވަނަ އަހަރުގެ ޗެމްޕިއަން ޓީމުގެ ގޮތުގައި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ނުކުތް ސްޕެއިނަކީ އޭރު "އަން ޓަޗެބަލް" ޓީމެކެވެ. އެހާވެސް ހުނަރުވެރި ކުޅުންތެރިން ތިބި އެޓީމުން 2010 ވަނަ އަހަރު ދެކުނު އެފްރިކާގެ ވޯލްޑް ކަޕް ފެށީ ސްވިޒަލޭންޑާ ދެކޮޅަށް ކުޅުނު މެޗުންނެވެ.
ޑެލް ބޮސްކޭގެ ސްޕެއިނުން އެ މެޗުގައި 1-0 އިން ބަލިވީ މުޅި ދުނިޔެ ހައިރާން ކޮށްލައިފައެވެ. އެ ބައްޔަކީ ސްޕެއިނަށް ދިން އެލާމެކެވެ. އެ އެލާމުގެ ސަމާލުކަމާ އެކު އެފަހަރު ސްޕެއިނުން އެގައުމުގެ ތާރީހުގައި ފުރަތަމަ ވޯލްޑް ކަޕްވެސް އުފުލާލިއެވެ.
ނަވާރަސަތޭކަ އަށްޑިހަ ނުވަ ވަނަ އަހަރާއި 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުން ކެޓި ދެކުނު ކޮރެއާ، އަމިއްލަ ގައުމުގެ ވޯލްޑް ކަޕަށް ނުކުތީ ހާލަތު ބަދަލުކުރަން ނަމަވެސް އެޓީމުން އެ މުބާރާތުގެ ސެމީ ފައިނަލް ކުޅޭނެ ކަމަށް އެއްވެސް ބަޔަކު ހީއެއް ނުކުރެއެވެ. ހާއްސަކޮށް ގަދަ 16 ގައި ވަރުގަދަ އިޓަލީއާ ދެކޮޅަށް ދެކުނު ކޮރެއާ ކުޅުނު މެޗުގައި 2-1 އިން ކޮރެއާ މޮޅުވާނެ ކަމަށް ހީކުރި މީހަކު ވާނެއެވެ. އެ މެޗު ނިމުނީ އިޓަލީގެ ލެޖެންޑް، ފްރެންޗެސްކޯ ޓޮޓީއަށް ދެއްކި ރަތް ކާޑަކާވެސް އެކުގައެވެ.