ޓޫރިޒަމްގެ ބޭނުމަށް ވ. އާރަށް ދޫކުރަން އޭރު ރައީސް ކަމުގައި ހުންނެވި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުއްދަ ދެއްވިކަން އެނގޭނެ އެއްވެސް ލިޔުމެއް ނެތް ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ނުއަގުގައި ކުއްޔަށް ދޫކުރި މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ވަނީ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާ އުފުލައިފައެވެ. އެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޔޫސުފް ނައީމަށް ކުރަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާއެވެ.

ދައުލަތުން ބުނެފައިވާ ގޮތުގައި، އާރަށް ޔޫސުފް ނައީމްގެ ހިއްސާ އޮންނަ ކުންފުންޏަކަށް ދޫކުރަން އިކޮނޮމިކް ޔޫތް ކައުންސިލް (އީވައިސީ) ގެ ބައްދަލުވުމެއްގައި ނިންމުމަށް ފަހު ރައީސް ޔާމީން އެންޑޯޒް ކުރެއްވިއެވެ.

އީވައިސީން އެކަން ނިންމުމަށްފަހު ރައީސަށް ފޮނުވި ނޯޓް ދައުލަތުން ވަނީ އާ ހެކީގެ ގޮތުގައި ހުށަހަޅައިފައެވެ. އެ ނޯޓާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޔާމީންގެ ދިފާއީ ވަކީލް އާދަމް ޝަމީމް ވިދާޅުވީ އޭގައި ތިން ނިންމުމެއް ފާހަގަ ކޮށްފައިވާ ކަމަށެވެ.

އެގޮތުން ފުރަތަމަ ނިންމުމާ ދިމާލުގައި ރަނގަޅު ފާހަގައެއް ޖަހައި، ދެވަނަ ނިންމުމާ ދިމާލުގައި "ވަޓް އިޒް ދިސް" އޭ ކިޔައި ރައީސް ދެކެވަޑައިގަންނަވާ ގޮތް ލިޔުއްވާފައިވާ އިރު، އާރަށް ޓޫރިޒަމް މިނިސްޓްރީއަށް ބަދަލު ކުރަން ނިންމާފައިވާ ނިންމުމާ ދިމާލުގައި އެއްވެސް އެއްޗެއް ޖައްސަވާފައި ނުވާ ކަމަށެވެ. އެކަމުންވެސް ދޭހަވަނީ އާރަށް ކުއްޔަށް ދޫކުރަން ރައީސް ޔާމީން ހުއްދަ ދެއްވާފައިނުވާކަން ކަމުގައި ވިދާޅުވިއެވެ.

ޔާމީންގެ ދިފާއީ ވަކީލުން ވަނީ އާރަށާ ގުޅޭ ގޮތުން ހިނގާފައިވަނީ ސައްހަ މުއާމަލާތެއް ކަމުގައިވެސް ވިދާޅުވެފައެވެ. އެގޮތުން، ޔޫސުފް ނައީމް ޓޫރިޒަމްގެ ބޭނުމަށް ރަށެއް ކުއްޔަށް ނެގުމަށް ފަހު އިކުއިޒިޝަންގެ ކޯސްޓަށްވާ ވަރަށް އެމްއެމްޕީއާރްސީއަށް ފައިސާ ދިނުމަކީ ޝައްކު އުފެދޭ ކަމެއް ނޫން ކަމަށް ޔާމީންގެ ދިފާއީ ވަކީލް އަބްދުﷲ ޝިޔާޒް ވިދާޅުވިއެވެ.

އާރަށް މައްސަލައިގައި މިހާރު ކުރިއަށްދަނީ ޔާމީންގެ ފަރާތްޕުޅުން ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކެވުމެވެ. އެގޮތުން މިއަދު މިއީ ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި ތިން ވަނަ ދުވަހެވެ.

އާރަށް މައްސަލައިގައި ރައީސް ޔާމީނަށް ކުރާ ދައުވާގައިވާ ގޮތުން އާރަށް ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮއްވައި ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކުރީ 2015 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ނުވަ ވަނަ ދުވަހުއެވެ. އަދި 13 އޯގަސްޓު 2015 ގައި އެ މައްސަލައިގައި ދެން ހިމެނޭ ފަރާތް، ޔޫސުފް ނައީމްގެ ހިއްސާ އޮންނަ ޓޫޖީ ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏެއް އުފައްދައި އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫޖީ ޕްރައިވެޓް ލިމިޓެޑަށް އެރަށް ދޫކުރީ ޔާމީނުގެ ނުފޫޒު ބޭނުން ކުރައްވައިގެން ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

ޓޫޖީ ޕްރައިވެޓް ލިމިޓެޑާއި އެމްއެމްޕީއާރްސީއާ ދެމެދު ސޮއިކޮށްފައިވަނީ 9 ސެޕްޓެމްބަރު 2015ގައި ކަމަށާއި އޭގެ އެއް ދުވަސް ކުރިން 8 ސެޕްޓެމްބަރު 2015 ގައި ޓޫޖީގެ 99 ޕަސަންޓް ހިއްސާ ވިއްކާލައިފައިވާ ކަމަށާއި އެ ހިއްސާ ވިއްކި ފަރާތުން 9 ސެޕްޓެމްބަރުގައި އެއް މިލިއަން ޑޮލަރުގެ ޗެކެއް ޔޫސުފް ނައީމަށް ދީފައިވާ ކަމަށް ދައުލަތުން ބުނެފައިވެއެވެ. އަދި 13 ސެޕްޓެމްބަރުގައި އެ ޗެކްގެ ފައިސާ ޔޫސުފް ނައީމްގެ އެކައުންޓަށް ޖަމާވި ކަމަށާއި އޭގެ ދެ ދުވަސް ފަހުން 15 ސެޕްޓެމްބަރުގައި ޔޫސުފް ނައީމްގެ އެކައުންޓުން އެ ފައިސާ ނަގައި ރައީސް ޔާމީނުގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށާއި އެ ފައިސާ އެހެން، ފައިސާތަކާ އެއްކުރައްވައިގެން ޔާމީން ވަނީ މަނީ ލޯންޑާކުރައްވާފައި ކަމަށް ދައުލަތުން ބުނެފައިވެއެވެ.