ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމް އެއް މިލިއަން ޑޮލަރު ދިނީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއްގެ ތެރެއިން ކަމަށް ވިދާޅުވެ މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ޝަރީއަތަށް ދެއްވި ހެކިބަސް ނަފީވާނެ ވަރުގެ ހެއްކަކަށް އޭނާގެ ވަޒީފާ ހާޒިރީ ނުވާނެ ކަމަށް ޔާމީންގެ ދިފާއީ ވަކީލުން ބުނެފިއެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ނުއަގުގައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައު އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމަށް ރިޝްވަތު ހިފުމުގެ ދައުވާ ކުރެއެވެ. އާރަށް މައްސަލައިގައި ދައުލަތުން ކުރާ ދައުވާގައި ބުނެފައިވާ ގޮތުގައި ވ. އާރަށް ޔޫސުފް ނައީމްގެ ހިއްސާ އޮންނަ ކުންފުންޏަކަށް ދޫކުރުމުން އޭގެ މުގާބިލުގައި އޭނާ ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށެވެ.

ޔާމީންއާ ޔޫސުފް ނައީމް ވިދާޅުވެފައިވާ ގޮތުގައި އެ އެއް މިލިއަން ޑޮލަރުގެ މުއާމަލާތަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެވެ.

ނަރީޝްއަކީ އެކަން ސާބިތު ކުރުމަށް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި ހެއްކެކެވެ. ޝަރީއަތުގައި ހެކިބަސް ދެމުން ނަރީޝް ވަނީ، އެއް މިލިއަން ޑޮލަރަށްވާ ދިވެހި ރުފިޔާ ޔޫސުފް ނައީމާ ހަވާލުކުރެއްވި ކަމަށް ވިދާޅުވެފައެވެ.

ނަރީޝް، ޝަރީއަތަށް ދެއްވީ ދޮގު ހެއްކެއް ކަން ސާބިތުކުރަން ދައުލަތުން ވަނީ، ނަރީޝް އެ ދުވަސްވަރު ސިފައިންގޭގައި އަދާކުރި ވަޒީފާގެ ހާޒިރީ އާއި ނަރީޝް ސިފައިންގެ ވަޒީފާއިން ވަކިކުރި ސަބަބު ބަޔާންކޮށްފައިވާ ލިޔުމެއް ހުށަހަޅައިފައެވެ.

ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް މިއަދު ބޭއްވި އަޑުއެހުމުގައި ޔާމީންގެ ދިފާއީ ވަކީލު އާދަމް ޝަމީމް ވިދާޅުވީ ނަރީޝްގެ ހާޒިރީގައިވާ ގޮތުން އޭނާ ވަޒީފާއަށް އެކި ދުވަހު ނުކުމެފައިވަނީ އެކި ވަގުތު ކަމަށެވެ. ނަމަވެސް ފައިސާ ހަވާލުކުރަން ދެވުނު ދުވަހެއް ނަރީޝްގެ ހަނދާނުގައި ނެތް ކަމަށް ބުނެފައިވާތީ، ހުށަހެޅިފައިވާ ހާޒިރީއަކުން ހެކިބަސް ނަފީ ކުރެވޭނެ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

އާރަށް މައްސަލައިގައި ރައީސް ޔާމީނަށް ކުރާ ދައުވާގައިވާ ގޮތުން އާރަށް ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮއްވައި ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކުރީ 2015 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ނުވަ ވަނަ ދުވަހުއެވެ. އަދި 13 އޯގަސްޓު 2015 ގައި އެ މައްސަލައިގައި ދެން ހިމެނޭ ފަރާތް، ޔޫސުފް ނައީމްގެ ހިއްސާ އޮންނަ ޓޫޖީ ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏެއް އުފައްދައި އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫޖީ ޕްރައިވެޓް ލިމިޓެޑަށް އެރަށް ދޫކުރީ ޔާމީނުގެ ނުފޫޒު ބޭނުން ކުރައްވައިގެން ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

ޓޫޖީ ޕްރައިވެޓް ލިމިޓެޑާއި އެމްއެމްޕީއާރްސީއާ ދެމެދު ސޮއިކޮށްފައިވަނީ 9 ސެޕްޓެމްބަރު 2015ގައި ކަމަށާއި އޭގެ އެއް ދުވަސް ކުރިން 8 ސެޕްޓެމްބަރު 2015 ގައި ޓޫޖީގެ 99 ޕަސަންޓް ހިއްސާ ވިއްކާލައިފައިވާ ކަމަށާއި އެ ހިއްސާ ވިއްކި ފަރާތުން 9 ސެޕްޓެމްބަރުގައި އެއް މިލިއަން ޑޮލަރުގެ ޗެކެއް ޔޫސުފް ނައީމަށް ދީފައިވާ ކަމަށް ދައުލަތުން ބުނެފައިވެއެވެ. އަދި 13 ސެޕްޓެމްބަރުގައި އެ ޗެކްގެ ފައިސާ ޔޫސުފް ނައީމްގެ އެކައުންޓަށް ޖަމާވި ކަމަށާއި އޭގެ ދެ ދުވަސް ފަހުން 15 ސެޕްޓެމްބަރުގައި ޔޫސުފް ނައީމްގެ އެކައުންޓުން އެ ފައިސާ ނަގައި ރައީސް ޔާމީނުގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށާއި އެ ފައިސާ އެހެން، ފައިސާތަކާ އެއްކުރައްވައިގެން ޔާމީން ވަނީ މަނީ ލޯންޑާކުރައްވާފައި ކަމަށް ދައުލަތުން ބުނެފައިވެއެވެ.