ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް ބީގައި ކުޅުނު ފުރަތަމަ މެޗުގައި އިންގްލެންޑުން އިރާން ބަލިކޮށްފިއެވެ.
މިއަދު ހަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އިންގްލެންޑުން ކާމިޔާބުކުރީ 6-2 ގެ ނަތީޖާއަކުންނެވެ.
މިއަދު މެޗަށް ނުކުތް އިރު، އިރާނުން މިހާތަނަށް ފީފާ ވޯލްޑް ކަޕްގައި ކުޅެފައި ވަނީ ފަސް ފަހަރުއެވެ. އެއީ 1978، 1998، 2006ގެ އިތުރުން 2014 އަދި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައެވެ. ވޯލްޑް ކަޕްގައި އިރާނަކީ ކާމިޔާބު ޓީމެއް ނޫނެވެ. މިހާތަނަށް އިރާނަށް ގްރޫޕް ސްޓޭޖު ފަހަނަ އަޅައި ދެވިފައެއް ނުވެއެވެ.
އިންގްލެންޑުގެ ތާރީހުގައިވެސް ހޯދުނު ހަމައެކަނި ކާމިޔާބީއަކީ 1966 ވަނަ އަހަރު ވޯލްޑް ކަޕްގެ ތަށި ހޯދުމެވެ. އަށް ފަހަރަކު އިންގްލެންޑުން ކުއާޓާ ފައިނަލުގައި ވާދަކުރި ނަމަވެސް އެޓީމަކީ ސެމީ ފައިނަލާ ބީރަށްޓެހި ޓީމެކެވެ. 1966 ގެ ތަށްޓަށް ފަހު އުންމީދު ގެނެސްދިން ޖީލަކީ މިހާރުގެ ޖީލެވެ. އެ ޖީލުން 2018 ވަނަ އަހަރުގެ ސެމީ ފައިނަލުގައި ކުޅުމުގެ އިތުރުން މިދިޔަ އަހަރު އޮތް ޔޫރޯގެ ފައިނަލުގައި ވަނީ ކުޅެފައެވެ. އެ ފޯމު ދަމަހައްޓަން މިފަހަރު ވޯލްޑް ކަޕަށް އިންގްލެންޑް ދިޔައީ ތަށި ހޯދުމަށެވެ.
މިއަދުގެ މެޗުގެ ކުރިން ދަނޑު ބޭރުގެ ޑްރާމާތައް އޮތީ ބޮޑުކޮށެވެ. އިރާނުން ނުކުތީ ގައުމުގައި އޮތް ބޮޑު ހަލަބޮލިކަން ހަނދާން ނައްތާލައި ފުޓުބޯޅައަށް ފޯކަސް ކުރުމަށެވެ. އަނެއްކޮޅުން އިންގްލެންޑް ވެފައި އޮތީ ވޯލްޑް ކަޕާ ގުޅިގެން ގަތަރަށް އެންމެ ބޮޑަށް ފާޑު ކިޔައި، ގަތަރުގެ އުސޫލުތަކަށް ގޮންޖަހަން އެންމެ ބޮޑަށް ބޭނުންވެގެން އުޅުނު ގައުމަށެވެ.
އިންގްލެންޑުން މެޗުގެ ފުރަތަމަ 11 އަށް ނެރުނު ކުޅުންތެރިންގެ ތެރޭގައި ޗެލްސީގެ މޭސަން މައުންޓާއި މެންޗެސްޓާ ޔުނައިޓެޑްގެ ހެރީ މެގުއާ ފާހަގަ ކުރެވުނު އިރު، މެންޗެސްޓާ ސިޓީގެ ފިލް ފޮޑެން އާއި ޖެކް ގްރީލިޝް ފެށީ ބެންޗުންނެވެ. މެޗު ވަރުގަދަކޮށް ފަށައި އިންގްލެންޑުން ގިނަ ޕާސްތަކެއް ޖަހައި ފުރަތަމަ ކޮޅުގައިވެސް ކޮންޓްރޯލް ހޯދިއެވެ.
މެޗުގެ ކުރީކޮޅުގައި އިރާނަށް ދިމާވި އެންމެ ބޮޑު މާޔޫސްކަމަކީ ތަޖުރިބާކާރު ގޯލްކީޕަރު އަލީރެޒާ ބެއިރަންވޭންޑަށް އަނިޔާވުމާ ގުޅިގެން އޭނާ ބަދަލުކުރަން ޖެހުމެވެ. ބެއިރަންވޭންޑަށް އަނިޔާވީ އަރިމަތިން ހުރަސްވެގެން އައި ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި އީރާން ޓީމުގެ ޑިފެންޑަރު ހޮސެއިނީއާ، ދެ ކުޅުންތެރިން ޖެހިގެންނެވެ. ބެއިރަންވޭންޑްގެ ނޭފަތަށް އަނިޔާވެ އޭނާ ބާލަން ޖެހުނު އިރު، ކުޅެން ނުކުތީ ހޮސެއިން ހޮސެއިނީއެވެ.
މެޗުގެ ފުރަތަމަ ހާފުގެ 30 އަކަށް މިނެޓަށްފަހު އިންގްލެންޑުން ހަމަލާތައް އުފައްދަން ފެށިއެވެ. މޭސަން މައުންޓްގެ ހަމަލާއެއް ގޯލުގެ އަރިމަތީ ދާގަނޑަށް އަމާޒުވެފައިވާ އިރު، އޭގެފަހުން މެގުއާ ބޮލުން ޖެހި ބޯޅައެއް ގޯލުގެ ދަނޑިއަށްވެސް އަމާޒުވިއެވެ.
މެޗުގައި އިންގްލެންޑުން ލީޑު ނެގީ 35 ވަނަ މިނެޓުގައެވެ. އަރިމަތިން ނެގި ހުރަސް ބޮލުން ގޯލަށް ވައްދާލައި، އިންގްލެންޑަށް ލީޑު ނަގައިދިނީ ޖޫޑް ބެލިންހަމްއެވެ. އެއީ އިންގްލެންޑްގެ ޖާޒީގައި ބެލިންގްހަމް ޖެހި ފުރަތަމަ ގޯލެވެ. އޭނާ ވެގެން ގޮސްފައިވަނީ ވޯލްޑް ކަޕެއްގައި އިންގްލެންޑަށް ގޯލެއް ކާމިޔާބުކޮށްދިން ދެވަނައަށް އެންމެ ހަގު ކުޅުންތެރިޔާއަށެވެ. ބެލިންގްހަމް ގޯލު ޖެހި އިރު، އޭނާގެ އުމުރަކީ 19 އަހަރާއި 145 ދުވަހެވެ. ވޯލްޑް ކަޕެއްގައި އިންގްލެންޑަށް ގޯލު ކާމިޔާބުކޮށްދިން އެންމެ ހަގު ކުޅުންތެރިޔަކީ މައިކަލް އޮވެންއެވެ. ވޯލްޑް ކަޕް 1998 ގައި އޮވެން ގޯލު ޖެހި އިރު، އޭނާގެ އުމުރަކީ 18 އަހަރާއި 190 ދުވަހެވެ.
އިންގްލެންޑުން ހާފު ނިންމާލީ ފުލުފުލުގައި އިތުރު ދެ ގޯލެއްވެސް ޖަހައިގެންނެވެ. އެ ދެ ގޯލުގައިވެސް ބެލިންހަމްގެ ދައުރު ބޮޑުކޮށް ފެނުނު އިރު، އެ ގޯލުތައް ޖެހީ ބުކަޔޯ ސަކާ އާއި ރަހީމް ސްޓާލިންނެވެ. ސަކާގެ ގޯލަކީ ކޯނަރެއްގެ ތެރެއިން ލިބުނު ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭގައި ހުރެ ފޮނުވާލި ހަމަލާއަކުން ޖެހި ގޯލެކެވެ. ސްޓާލިން ގޯލު ޖެހީ ކައުންޓާ އެޓޭކެއްގެ ތެރެއިން ކެޕްޓަން ހެރީ ކޭން ދިން ބޯޅައަކުން ހިތްގައިމުކޮށް ގޯލަށް ބޯޅަ ފޮނުވާލައިގެންނެވެ.
ދެވަނަ ހާފަށް އިރާނުން ތިން ބަދަލާއެކު ނުކުތް ނަމަވެސް މެޗުގެ ކޮންޓްރޯލް އޮތީ އިންގްލެންޑް އަތުގައެވެ. އެޓީމުން ހަމަޖެހިލާފައި ދެވަނަ ހާފުގައިވެސް ކުޅެމުންދިޔަ އިރު، އިތުރު ގޯލުތައް ފެނިގެން ދިޔައެވެ. 62 ވަނަ މިނެޓުގައި ސަކާ އޭނާގެ ދެވަނަ ގޯލު ޖަހައި އިންގްލެންޑްގެ ހަތަރު ވަނަ ގޯލު ޖަހައިދިން އިރު، އޭނާ ގޯލު ޖެހީ ޕެނަލްޓީ އޭރިއާ ތެރެއިން ގޯލްކީޕަރަށް އޮޅުވާލައި، ވަރަށް ބަލާލާފައި ބޯޅަ ގޯލަށް ވައްދާލައިގެންނެވެ.
އޭގެ އިރުކޮޅެއް ފަހުން ފޯމުގައި ހުރި ޕޯޓޯ ފޯވަޑް މެހްދީ ތަރޭމީ އިރާނަށް ގޯލެއް ޖަހައި އެޓީމަށް ހިތްވަރު ހޯދައިދިން ނަމަވެސް، އެ ގޯލަށް ހަތް ވަރަކަށް މިނެޓް ވީތަނާ އިންގްލެންޑްގެ ފަސްވަނަ ގޯލެއް ފެނިގެން ދިޔައެވެ. އެ ގޯލު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޔުނައިޓެޑްގެ މާކަސް ރަޝްފޯޑެވެ. ރަޝްފޯޑު ގޯލު ޖެހީ އޭނާ ފައިގައި ޖެހުނު ފުރަތަމަ ބޯޅައިންނެވެ.
އިންގްލެންޑްގެ ހަވަނަ ގޯލު، މެޗު ނިމެން ދަނިކޮށް ޖަހައިދިނީ ބަދަލަކަށް ނުކުތް ޖެކް ގްރީލިޝްއެވެ. އޭގެ ފަހުން އިރާނަށް ގޯލް ޖަހަން ހުސް ފުރުސަތެއް، ބަދަލަކަށް އެރި ސަރުދާރު އަޒްމޫނަށް ލިބުނު ނަމަވެސް، އޭނާ ޖެހި ބޯޅަ އިންގްލެންޑްގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑުގެ އަތުގައި ޖެހިފައި ބޭރަށް ދިޔައީ ދަނޑީގައިވެސް ޖެހިފައެވެ.
މެޗު ނިމެން ސިކުންތު ކޮޅަކަށް ވެފައި ވަނިކޮށް، އޭރިއާ ތެރެއިން އިންގްލެންޑްގެ ޖޯން ސްޓޯންސް ކުރި ފައުލަކަށް ރެފްރީ ވަނީ ވީއޭއާރް ބަލައި، އިރާނަށް ޕެނަލްޓީ ދީފައެވެ. ޕެނަލްޓީ ކާމިޔާބުކޮށް އިރާނަށް ދެވަނަ ގޯލެއްވެސް ޖަހައިދިނީ ތަރޭމީއެވެ.
21:00 ސެނެގާލް - ނެދަލޭންޑްސް (ގްރޫޕް އޭ)
00:00 އެމެރިކާ - ވޭލްސް (ގްރޫޕް ބީ)
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022