ގަތަރު ވޯލްޑް ކަޕް 2022 ގެ ގްރޫޕް ބީގެ ފުރަތަމަ މެޗުގައި އިންގްލެންޑާއި އިރާން ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

މިއީ ދެ ގައުމުންވެސް ވާދަވެރި މުބާރާތެއްގައި ކުރިމަތިލާ ފުރަތަމަ ފަހަރު. އިންގްލެންޑުން 1966 ވަނަ އަހަރު ވޯލްޑް ކަޕް ހޯދި ފަހުން އެޓީމަށް މުބާރާތް ކާމިޔާބު ކުރެވިފައެއް ނުވޭ. އިންގްލެންޑަށް 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ސެމީ ފައިނަލަށް ދެވުނު. އެއީ ފަހުގެ ތާރީހެއްގައި ވޯލްޑް ކަޕްގައި އިންގްލެންޑް ހޯދި އެންމެ ބޮޑު ކާމިޔާބީ. މިފަހަރު ނުކުންނާނީ ތަށި ހޯދައި ތާރީހު ލިޔެލަން.

އިރާނަށް މިއީ ހަވަނަ ވޯލްޑް ކަޕް. މިފަަހަރުގެ ވޯލްޑް ކަޕަކީ ޖެހިޖެހިގެން އެގައުމުން ކުޅޭ ތިންވަނަ ވޯލްޑް ކަޕް. މިދިޔަ ދެ އަހަރުގެ ވޯލްޑް ކަޕްގައިވެސް އިރާން ކެޓީ ގްރޫޕް ސްޓޭޖުން. މިފަހަރު އެޓީމުން ނުކުންނާނީ އެ ތާރީހު ބަދަލުކޮށް، ފުރަތަމަ ފަހަރަށް ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިޔުމަށް.

  • އިންގްލެންޑް - ގެރެތު ސައުތުގޭޓް

އިންގްލެންޑް ގައުމީ ޓީމު ކޯޗުކަމުގެ މަގާމަކީ އުނދަގޫ މަގާމެއް ނަމަވެސް ގެރެތު ސައުތުގޭޓްގެ ފަރާތުން މިހާތަނަށް ފެނިފައިވަނީ ތަފާތު ވިސްނުމަކުން ޓީމަށް ހެޔޮ ބަދަލުތަކެއް ގެންނަ މަންޒަރު. ހާއްސަކޮށް ވަކި ޓީމެއްގެ ކުޅުންތެރިޔަކަށް ނުބަލައި، ޒުވާން ހުނަރުވެރި ކުޅުންތެރިންނާއެކު ރިސްކް ނަގަން ކެރޭ ކޯޗެއްގެ ގޮތުގައި ސައުތުގޭޓް ފާހަގަ ވެފައިވާ އިރު، 2018 ވަނަ އަހަރު ވޯލްޑް ކަޕް ސެމީއާއި އެންމެފަހުން ޔޫރޯގެ ފައިނަލަކީ އޭނާގެ ބޮޑެތި ކާމިޔާބީތައް. އިންގްލެންޑުގެ އިތުބާރު ސައުތުގޭޓް ހޯދައި، މިފަހަރު ނުކުންނާނީ ރަން މެޑައްޔަށް.

  • އިރާން - ކާލޯސް ގުއެރޯޒް

ޕޯޗުގަލަށް އުފަން ކާލޯސް ގުއެރޯޒްއަކީ ޔޫރަޕްގެ ފުޓުބޯޅައަށް މުޅިން އާ ނަމެއް ނޫން. ގުއެރޯޒް ވަނީ ޕޯޗުގަލް ގައުމީ ޓީމަށްވެސް ދެ ފަހަރެއްގެ މަތިން ކޯޗުކަން ކޮށްދީފައި. އޭގެ އިތުރުން ޔޫއޭއީއާއި ދެކުނު އެފްރިކާ، ކޮލަމްބިއާގެ އިތުރުން މިސްރު ގައުމީ ޓީމަށްވެސް ކޯޗުކަން ކޮށްދިން ގުއެރޯޒްއަކީ ތަޖުރިބާގެ ފައިދާ ހޯދޭނެ ކޯޗެއް. 2011 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރަށްވެސް އިރާން ކޯޗުގެ މަގާމުގައި ގުއެރޯޒް ހުރި އިރު، އިރާނުން 2018 ވަނަ އަހަރު ވޯލްޑް ކަޕަށް ދިޔައީވެސް އޭނާއާއެކުގައި.

ގުއެރޯޒް ޔޫރަޕުން އެންމެ ބޮޑަށް ފާހަގަވެފައި ވަނީ ގިނަ ދުވަސްތަކެއް ވަންދެން މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ސާ އެލެކްސް ފާގަސަންގެ އެސިސްޓެންޓެއްގެ ގޮތުގައި ހުރި ކޯޗެއްގެ ގޮތުގައި.