ކުޅުންތެރިންނަށް އަދަބު ލިބޭނެތީ އިންގްލެންޑާއި ވޭލްސްއިން ވިއްސާރަދުނީގެ ކުލަތައް ދައްކުވައިދޭ ކެޕްޓަން ބޭންޑް ނުވަތަ "ވަން ލަވް" ބޭންޑް ނާޅަން ނިންމައިފިއެވެ.
ފީފާގެ އުސޫލުތަކާއި ވޯލްޑް ކަޕް ބާއްވާ ގައުމުކަމަށްވާ ގަތަރުގެ ގާނޫނުތަކާއި އާދަކާދަތައް މުގުރާލައި ޔޫރަޕުގެ އަށް ޓީމެއްގެ ކެޕްޓަނުން އެއްޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދިނުމަށް ވިއްސާރަދުނީގެ ބޭންޑު އަޅަން އިއްޔެ ނިންމާފައިވީ ނަމަވެސް، އެ ބޭންޑް އަޅާ ކެޕްޓަނުންނަށް ކާޑު ދެއްކުންފަދަ މެޗުތެރޭގެ އަދަބުތައް ދޭނެ ކަމަށް ބުނުމުން، އެކަން ނުކުރަން ވޭލްސް އާއި އިންގްލެންޑުން ވަނީ ނިންމައިފައެވެ.
އެދެގައުމުގެ އެފްއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މެޗު ތެރޭގެ އަދަބުތައް ލިބޭ ކަންކަން ނުކުރަން ކެޕްޓަނުންނަށް އެދިފައިވާނެ ކަމަށާއި ފީފާގެ ނިންމުމަށް އެ ދެގައުމުންވެސް ކަންބޮޑުވާ ކަމަށެވެ.
ވޭލްސް އާއި އިނގިރޭސި އެފްއޭއިން ބުނީ ޖޫރިމަނާ ކުރާ ގޮތަށް އެކަމުގެ އަދަބު ދޭން އޮތް ނަމަ، ކެޕްޓަނުން ބޭންޑް އަޅާނެ ކަމަށާއި ބޭންޑް ނާޅަން ނިންމީ ކުޅުންތެރިޔާ ދަނޑުން ފައިބަން ޖެހޭނެ ފަދަ އަދަބެއް އައިސްދާނެތީ ކަމަށެވެ.
ވިއްސާރަދުނީގެ ކުލަތަކަކީ އެއްޖިންސުން ގުޅުން ހިންގުމާއި އެއްޖިންސުން ކައިވެނިކުރަން ވަކާލާތުކުރާ މީހުންގެ ހަރަކާތްތައް ރަމްޒުކޮށްދޭ ކުލަތަކެވެ. މިކުލަތައް ހިމެނޭ ބޭންޑު ހުއްދަކުރުމަށް ފީފާއަކުން ނުނިންމައެވެ. އަދި ވަކިން ހާއްސަކޮށް ގަތަރަކީ މުސްލިމް ގައުމަކަށްވީ އިރު، އެގައުމުގެ ސަގާފަތާވެސް އެއްޖިންސުން ގުޅުން ޕްރޮމޯޓް ކުރުންވެސް ވަރަށް ބޮޑަށް މަނާކުރެއެވެ.
ފީފާއިން ކުޅުންތެރިންނަށް ފިޔަވަޅު އަޅަން ނިންމުމާއެކު، އިންގްލެންޑާއި ވޭލްސްގެ އިތުރުން ދެން ތިބި ގައުމުތަކުންވެސް ވިއްސާރަ ދުނި ކެޕްޓަން ބޭންޑް ނާޅަން ނިންމާނެ ކަމަށް މިހާރު ވަނީ ބެލެވިފައެވެ.
އެއްޖިންސުން ގުޅުން ހިންގުމަށް ތަރުހީބުދިނުމުގެ ބޭންޑު އަޅަން ނިންމި އަށް ޓީމުގެ ތެރޭގައި ހިމެނެނީ އިންގްލެންޑާއި، ޖަރުމަނާއި، ފްރާންސާއި، ބެލްޖިއަމާއި، ޑެންމާކާއި، ހޮލެންޑާއި، ސުވިޒަލެންޑާއި ވޭލްސްއެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022