ޚަބަރު

ރާއްޖެ ބަނގުރޫޓުވާ ވާހަކައަކީ ސަރުކާރުގެ ކުރިއެރުން ފަނޑުކޮށްލަން ދައްކާ ވާހަކައެއް: އަމީރު

އިބްރާހިމް ޒަކީ

1

ރާއްޖެ ބަނގުރޫޓުވާ ވާހަކަ އެކި ފަރާތްތަކުން ދައްކަނީ ސިޔާސީ ބޭނުމުގައި ސަރުކާރު ބަލިކަށިކޮށް, މިހާތަނަށް މި ދިމާވި ދަތި އުނދަގުލާއެކުވެސް ހޯދަމުންދާ ކުރިއެރުންތައް ފަނޑުކޮށް ކިލަނބުކޮށްލުމުގެ ބޭނުމުގައި ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު މިހެން ވިދާޅުވީ، އަންނަ 2023 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދައުލަތުގެ ބަޖެޓު، ބަޖެޓު ކޮމިޓީން ދިރާސާކޮށް މަޖިލިސް ތަޅުމަށް ހުށަހަޅައިގެން މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދިޔަ ބަހުސްގެ ތެރެއިން، ބަޖެޓު އޮތް ގޮތުން ރާއްޖެ ބަނގުރޫޓު ވެދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ހެނދުނު ސައިގަޑިއަށް މެދުކަޑުއްވާލައްވަމުން މަޖިލިސް ރައީސް ވިދާޅުވީ، މާލީ ގޮތުން ރާއްޖެ ބަނގުރޫޓުވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އެ މަނިކުފާނު އިންނެވުމަކީ ލަދުވެތިކަމެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުން ބަހައްޓަން ޖެހޭނެ މި ވަގުތު، މި ދުވަހާއި މި ހަފުތާގައި އަޅުގަނޑުމެންގެ ރިޒާވް، ފޮރިން ކަރަންސީ، ބޭރު ރިޒާވް ހުރި މިންވަރަކީ ކޮބައިތޯ ދެނެގަނެ އަދި ކުރިއަށް މި އޮތް ހަފުތާތަކުގައި މި ދަންނަވަނީ މި އަންނަ ހަފުތާއާއި އޭގެ އަނެއް ހަފުތާގައި ދައުލަތުން ދައްކަން ހުރީ ކޮން ފައިސާއެއްތޯ،" ނަޝީދު ވިދާޅުވިއެވެ.

އޭގެ އިތުރުން ތެލަށް ދައްކަން ހުރި ފައިސާ ރިޒާވުގައި އެބަހުރިތޯއާއި ކާޑަށް ދައްކަން ހުރި ފައިސާ އެބަހުރިތޯ ބަލަން ޖެހޭ ކަމަށާއި އެ ފައިސާ ދައުލަތުުގެ ރިޒާވުގައި ހުރިކަމާމެދު ޝައްކު އުފެދޭ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑު މި ކަންބޮޑުވުން އިތުރަށް ފާހަގަކުރަން މި ޖެހެނީ އެނގިވަޑައިގަންނަވާނެ އަޅުގަނޑު ދާދި ފަހުން މަސައްކަތް ކުރަމުން މި އައީ، ސިލޯނު ސަރުކާރާ އަދި ފަހުން ގާނާ ސަރުކާރާއެކުގައި މި ދެ ގައުމުވެސް އެ ދިޔައީ ހަމަ ބަނގުރޫޓުގެ މަގަށް، އަޅުގަނޑުމެން އެ މަގަށްދާއިރު މި ރިޔާސަތުގައި އަޅުގަނޑު އިނދެއްޖެ ނަމަ އަޅުގަނޑު ދަންނަވާނީ އެއީ އަޅުގަނޑަށްވެސް ވަރަށް ބޮޑު ލަދުވެތި ކަމަކަށޭ،" ނަޝީދު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، އެއްގޮތަކަށްވެސް އެ މަގަށް ރާއްޖެ ދިޔަދީގެންނުވާނެ ކަމަށާއި މި ވަގުތު ދައުލަތުގެ މާލިއްޔަތު ހުރި ގޮތް ސާފުކުރުން ބޭނުންތެރި ކަމަށެވެ.

އެކަމާ ގުޅިގެން އަމީރު މިއަދު ކުރެއްވި ޓުވީޓުތަކެއްގައި ވިދާޅުވީ، މި ދަނޑިވަޅުގައި އިގުތިސާދާ މެދު, ނުރަނގަޅު ތަސައްވުރެއް އުފައްދައިި ބިރުވެރިކަން އުފެއްދުމަށްޓަކައި ޒިންމާދާރު މަގާމުތަކުގައި ތިބެގެން ކުރެވޭ މަސައްކަތަކީ ސިޔާސީ ބޭނުމަކަށް ކުރެވޭ ވަރަށް ހިތާމަހުރި ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ އިގުތިސާދީ ކުރިމަގު އޮތީ ފަހިކޮށް ކަމަށް ވިދާޅުވިއެވެ.

އަމީރު އިތުރަށް ވިދާޅުވީ، ދަތިތަކާ ގޮންޖެހުންތަކާއެކުވެސް ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން އެ ގޮންޖެހުންތައް ގިރާކުރަމުންދާ ކަމަށާއި ރަޝިޔާ-ޔޫކުރެއިން ހަނގުރާމައާއެކު ދިމާވަމުންދާ ގޮންޖެހުންތައް މެނޭޖުކުރުމަށްޓަކައި ސަރުކާރުން ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ.

"ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ މާލިމީކަމުގައި އެ ދަތިންވެސް އަޅުގަނޑުމެން އަރައިގަތިން. އަޅުގަނޑުމެން އަބަދުވެސް ފާހަގަކުރަމުން މިދަނީ ދަތިތަކާއި ގޮންޖެހުންތައް މިހާރުވެސް ހުރި ވާހަކަ. ފޮރުވާކަށް ނޫޅޭ. ހުރިހާ ތަފާސްހިސާބުތަކެއް އެ ހުރީ ހާމައަށް ފެންނަން. މާތްﷲގެ އިރާދަފުޅާއެކު ކޮވިޑުންވެސް އަރައިގަނެ, އެންމެ އަވަހަށް ކުރިއަރަމުންދާ އިގުތިސާދުތަކުގައި ރާއްޖެ ހިމެނޭ. 2020 ވަނަ އަހަރު ކޮވިޑާއެކު އަޅުގަނޑުމެން ކުރިމަތިލީ, މިއަދު މިތިބި ހާލަތަށްވުރެ މާދަތި ގޮންޖެހުންތައް ބޮޑު ހާލަތަކާ،" އަމީރު ވިދާޅުވިއެވެ.