މާލީގޮތުން ރާއްޖެ ބަނގުރޫޓުވާއިރު، ރައްޔިތުންގެ މަޖިލީހުގައި އެމަނިކުފާނު އިންނެވުމަކީ ލަދުވެތި ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލިސް ރައީސް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ބަޖެޓް ރިޕޯޓަށް ކުރިއަށްދާ ބަހުސްގައި، ރާއްޖޭގެ ފޮރިން ކަރަންސީ ރިޒާވް ހުރި މިންވަރު ދެނެގަތުމުގެ މުހިއްމުކަމާބެހޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
ބަޖެޓް ރިޕޯޓުގެ ބަހުސްގެ ތެރެއިން ހެނދުނު ސަޔަށް މަޖިލިސް ޖަލްސާ މެދު ކަނޑުއްވައިލައްވަމުން، މަޖިލިސް ރައީސް ވިދާޅުވީ، "އަޅުގަނޑުމެންގެ ވިސްނުން ބަހައްޓަން ޖެހޭނެ މިވަގުތު، މި ދުވަހާއި މިހަފުތާގައި އަޅުގަނޑުމެންގެ ރިޒާވް، ފޮރިން ކަރަންސީ، ބޭރު ރިޒާވް ހުރި މިންވަރަކީ ކޮބައިތޯ ދެނެގަނެ އަދި ކުރިއަށް މިއޮތް ހަފުތާތަކުގައި މި ދަންނަވަނީ މިއަންނަ ހަފުތާއާއި އޭގެ އަނެއް ހަފުތާގައި ދައުލަތުން ދައްކަންހުރީ ކޮން ފައިސާއެއްތޯ،" ކަމަށެވެ.
އޭގެ އިތުރުން ތެލަށް ދައްކަން ހުރި ފައިސާ ރިޒާވްގައި އެބަހުރިތޯ އާއި ކާޑަށް ދައްކަން ހުރި ފައިސާ އެބަހުރިތޯ ބަލަން ޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެ ފައިސާ ދައުލަތުުގެ ރިޒާވްގައި ހުރިކަމާމެދު ޝައްކު އުފެދޭ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު މި ކަންބޮޑުވުން އިތުރަށް ފާހަގަ ކުރަން މިޖެހެނީ، އެނގިވަޑައިގަންނަވާނެ އަޅުގަނޑު ދާދި ފަހުން މަސައްކަތް ކުރަމުން މިއައީ، ސިލޯނު ސަރުކާރާ އަދި ފަހުން ގާނާ ސަރުކާރާއެކުގައި މި ދެ ގައުމުވެސް އެދިޔައީ ހަމަ ބަނގުރޫޓުގެ މަގަށް، އަޅުގަނޑުމެން އެމަގަށް ދާއިރު މި ރިޔާސަތުގައި އަޅުގަނޑު އިނދެއްޖެ ނަމަ އަޅުގަނޑު ދަންނަވާނީ އެއީ އަޅުގަނޑަށް ވެސް ވަރަށްބޮޑު ލަދުވެތި ކަމަކަށޭ،" އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވައި މަޖިލިސް ރައީސް ވިދާޅުވިއެވެ
މަޖިލިސް ރައީސް ވިދާޅުވީ، އެހެންވީމާ "އެއްގޮތަކަށް ވެސް އެ މަގަށް އަޅުގަނޑުމެން ދިޔަ ދީގެންނުވާނެ އަޅުގަނޑުމެން މިވަގުތު ހާއްސަ ގޮތެއްގައި ދައުލަތުގެ މާލިއްޔަތު ހުރިގޮތް ސާފުކުރުން ބޭނުންތެރި އަދި އެ މައުލޫމާތު އާއްމުކޮށް އެނގުންވެސް ވަރަށް ބޭނުންތެރި،" ކަމަށެވެ.