ޚަބަރު

ބޮކްސާ ތެރޭގައި ފޮރުވައިގެން އައްޑުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު އުމުރަށް ޖަލަށް

ލައިގެންހުރި ބޮކްސާ ތެރޭގައި މަސްތުވާތަކެތި ފޮރުވައިގެން އައްޑޫ ސިޓީއަށް އެތަކެތި އެތެރެކުރަން އުޅުނު މީހަކު ބޮޑު ޖޫރިމަނާއަކާއެކު އުމުރަށް ޖަލަށް ލައިފިއެވެ.

މި މައްސަލައިގައި ޖަލަށް ލާފައިވަނީ، ސ. ހިތަދޫ. ފަރުހާނާމަންޒިލް، ޝަމްއޫން މުހައްމަދެވެ.

ދައުލަތުން ބުނީ، ޝަމްއޫންގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ދައުވާ އުފުލީ 14 ޖެނުއަރީ 2022 ވަނަ ދުވަހުގެ 15:44 އެހާކަންހާއިރު މޯލްޑިވިއަންގެ ފްލައިޓަކުން މާލެއިން އައްޑޫ ސިޓީ ގަމަށް މަސްތުވާތަކެތި ގެންދާ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތާއެކު، ފުލުހުން ގަން، އެއާޕޯޓުގައި ތިއްބައި، އޭނާ ފްލައިޓުން ފައިބައިގެން އެއާޕޯޓުގެ އެރައިވަލް ޓާމިނަލަށް ވަނުމުން، ފުލުހުން އޭނާ ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައިފާސްކުރަން ބޭނުންވާ ކަމަށް ބުނުމުން، އޭނާ ލައިގެން ހުރި ބޮކްސާ ތެރޭގައި މަސްތުވާތަކެތި ހުންނާނެ ކަމަށާއި އެތަކެތި އޭނާ އަމިއްލައަށް ފުލުހުންނާ ހަވާލުކުރާނެ ކަމަށް ބުނެ އޭނާ ލައިގެން ހުރި ބޮކްސާގެ ތެރެއިން އެތަކެތި ނަގައި ފުލުހުންނާ ހަވާލުކުރި އިންސްލޭޝަން ޓޭޕް އަޅައިފައިވާ ޖޫސްޕެޓީ ކޮތަޅުގައި 99.25 ގްރާމްގެ ޑައިމޯފިން ހުރިކަމަށް އެތަކެތީގެ ތަހުލީލު ރިޕޯޓުން ދައްކާތީ ކަމަށެވެ.

އެ ދައުވާގެ އިބްތިދާއީ މަރުހަލާގައި ޝަމްއޫން ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. ޝަމްއޫން ބުނެފައިވާ ގޮތުގައި އޭނާގެ ހަށިގަނޑު ފުލުހުން ބަލައި ފާސްކުރީ ކޯޓު އަމުރަކާ ނުލައި ގާނޫނާ ހިލާފަށް ކަމަށެވެ. ތަހުގީގަށް ދީފައިވާ އިއުތިރާފު ބަޔާނަކީ އޮޅުވާލައިގެން ދީފައިވާ ބަޔާނެއްކަން ބުނެފައިވެއެވެ.

އެހެންވެ ދައުވާ ސާބިތުކުރަން ދައުލަތުން ވަނީ ކްރައިމް ސީންއަށް ދިޔަ ފުލުހުންނާއި މަސްތުވާތަކެތީގެ ތަހުލީލު ފޯމާއި އެހެން ބައެއް ބަޔާންތައް ހެކީގެ ގޮތުގައި ހުށަހަޅައިފައެވެ.

ދައުލަތުން ހުށަހެޅި ހެކިތަކަށް ބެއްލެވުމަށް ފަހު މައްސަލަ ބެއްލެވި ގާޒީ ސަފްއަތު ހަބީބު އިއްޔެ ހުކުމް ކުރެއްވީ ޝަމްއޫން އުމުރަށް ޖަލަށް ލުމާއެކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށެވެ. ނަމަވެސް ހުކުމުގެ ކުރިން ޝަމްއޫން ދެ އަހަރާއި 23 ދުވަހު ބަންދުގައި ހޭދަކޮށްފައިވާތީ އޭނާ ތަންފީޒުކުރަން ޖެހޭނީ 22 އަހަރާއި 11 މަހާއި ހަތް ދުވަހުގެ ޖަލު ހުކުމެއް ކަމަށް ގާޒީ ކަނޑައެޅުއްވިއެވެ.