މިހާތަނަށް ޖުމުލަ 10 ވޯލްޑް ކަޕެއްގައި ކުޅުނު އެމެރިކާއިން ވަނީ 1930 އަހަރު އުރުގުއޭގައި ބޭއްވި ފުރަތަމަ ވޯލްޑް ކަޕުގައިވެސް ކުޅެފައެވެ. އެ ވޯލްޑް ކަޕަށް އެމެރިކާއިން ދިޔައީ އުންމީދީ ޓީމަކާއެކުގައެވެ. އެޓީމު އެކުލެވިގެން ދިޔައީ އެމެރިކާގެ ސޮކާ ލީގުގެ މައްޗަށެވެ. އެ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި އެމެރިކާއިން ކުޅުނެވެ. އެއީ އެޓީމުން ވޯލްޑްގައި ހޯދި އެންމެ ބޮޑު ކާމިޔާބީވެސް މެއެވެ. އެއީ އުތުރު އެމެރިކާ ޓީމަކުންވެސް ވޯލްޑް ކަޕްގައި ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.

ދެހާހުގެ އަހަރުތަކުގެ ތެރެއަށް އެމެރިކާގެ ފުޓުބޯޅަ ވަދެގެން އައީ އުންމީދީ ނަންތަކަކާއެކުގައެވެ. ލަންޑަން ޑޮނަވަން ފަދަ ކުޅުންތެރިން އެޓީމުން ފާހަގަވި އިރު، 2002 ވަނަ އަހަރު އެމެރިކާއިން ކުއާޓާ ފައިނަލް ކުޅުނެވެ. 2010، 2014 ވަނަ އަހަރުވެސް ގަދަ 16 އިން ފުރުސަތު ހޯދި އެމެރިކާއަށް 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ގެއްލުނީ ހިތިކޮށެވެ.

ސަރަހައްދީ އެންމެ ބޮޑު މުބާރާތް، ކޮންކަކަފް ގޯލްޑް ކަޕް އެމެރިކާއިން 18 ފަހަރު ކާމިޔާބުކުރި އިރު، މިދިޔަ ވޯލްޑް ކަޕް ގެއްލުންވީ މާޔޫސް ކަމަކަށެވެ. އެ މާޔޫސްކަން ހަނދާން ނައްތާލުމަށް ޒުވާން ޓީމެއް އުފެއްދުމުގެ އާ މަސައްކަތެއް ފަށައި، އެގައުމުން އަންނަނީ އެ މަސައްކަތް ކާމިޔާބުކުރަމުންނެވެ. ލީގަށް އިންވެސްޓް ކުރާނެ މަގުބޫލު ފަރާތްތަކަކީ އެކަމުގެ މަދަދުވެރީންނެވެ. މިހާރު ސްކޮޑުން ޔޫރަޕްގައި ކުޅޭ ހުނަވެރި ކުޅުންތެރިން ފާހަގަވެއެވެ. އޭގެ ތެރެއިންވެސް ކެޕްޓަން ކްރިސްޓިއަން ޕުލިސިޗަކީ ޓީމުގެ ތަނބެވެ. ވޯލްޑް ކަޕްގައި ފެނިގެންދާނެ ދެވަނައަށް އެންމެ ޒުވާން ދެޓީމުގެ ތެރޭގައި އެމެރިކާ ހިމެނެއެވެ. އެވްރެޖް އުމުރަކީ 24 އަހަރެވެ. އެންމެ ޒުވާން ޓީމު ގާނާގެ އެވަރެޖް އުމުރަކީ 23.5 އެކެވެ. ޕުލިސިޗްގެ އުންމީދުތައްވެސް ހުރީ ޒުވާން ހުނަރުވެރި ކުޅުންތެރިންނާ ގުޅިފައެވެ.

"ޒުވާން ކުޅުންތެރިންތަކެއް ޓީމުގައި ތިބުމަކީ ޕޮސިޓިވް ކަމެއް. މި ސްކޮޑަކީ ކާމިޔާބީއަށް ވަރަށް ބޮޑަށް ބޭނުންވެ، އެކަމަށް ފެންބޮވައިގެންފައިވާ ކުޅުންތެރިންތަކެއްގެ ސްކޮޑެއް. މި ސްކޮޑުގައި ތިބި ކުޅުންތެރިންނަކީ އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކު ރަނގަޅަށް ދަންނަ ކުޅުންތެރިންތަކެއް. އެކުގައި ޒުވާން ޓީމުތަކަށްވެސް ގިނަ މެޗުތަކެއް ކުޅެފައިވާ ކުޅުންތެރިންތަކެއް،" ޕުލިސިޗް ބުންޏެވެ.

އުމުރުން 24 އަހަރުގެ އެމެރިކާ ކެޕްޓަން ބުނީ އެމެރިކާގެ ޓާގެޓަކީ މުބާރާތް ނެގުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުން ކަމަށާއި، އެއީ ފަސޭހަ ނޫން ކަމެއް ނަމަވެސް އެމެރިކާ ޓީމުގައި އެ ފެންވަރު ހުރިކަން ގަބޫލުކުރާ ކަމަށެވެ. ވޯލްޑް ކަޕްގައި ތާރީހު ލިޔެލުމަކީ އެމެރިކާ ޓީމުގެ އަޒުމެއް ކަމަށްވެސް ޕުލިސިޗް ބުންޏެވެ.

އެމެރިކާ ޓީމުގައި ތިބީ ޔޫރަޕްގެ ލީގުތަކުގެ ޒުވާން ތަރިންނެވެ. ޕުލިސިޗްގެ ނަޒަރުގައި ޔޫރަޕްގައި ކުޅޭ ކުޅުންތެރިން ގިނަ ކަމުގެ އިތުރުން ސްކޮޑުގެ އެވަރެޖް އުމުރު ދަށްވުމަކީ އެމެރިކާގެ ނުރައްކާ ބޮޑުވާނެވެސް ސަބަބެކެވެ.

އާސެނަލްއަށް ދާދިފަހުން ގެންދިޔަ މެޓް ޓާނާއާއި ކުރިން މެންޗެސްޓާ ސިޓީއަށް ކުޅެ މިހާރު މިޑްލްސްބްރާއަށް ކުޅޭ ޒެކް ސްޓެފަން ޓީމުގެ ގޯލުން ފާހަގަވާނެއެވެ. ފަހަތުން އޭސީ މިލާނަށް ކުޅޭ ސާޖީނިއޯ ޑެސްޓާއި ބްރޫޝިއާ މޮންޗަންގްލެޑްބެޗަށް ކުޅޭ ޖޯ ސްކެލީ ފާހަގަވާ އިރު، މެދުތެރެއިން އެންމެ ފާހަގަވަނީ ޔުވެންޓަސްގެ ވެސްޓޮން މެކެނީއެވެ. އޭގެއިތުރުން ލީޑްސްގެ ޓައިލާ އެޑަމްސްއާއި ސެލްޓާ ވީގޯގެ ލޫކާ ޑެ ލަ ޓޯރޭ އަދި ރޭންޖާސްގެ މާލިކް ޓިލްމަންވެސް ފާހަގަވެއެވެ. އެޓޭކް ލީޑް ކުރާނީ ކެޕްޓަން ޕުލިސިޗާއި ބްރޫޝިއާ ޑޯޓުމަންޑްގެ ޖިއޮވާނީ ރޭނާ، ނޯވިޗްގެ ޖޯޝް ސާޖަންޓް އަދި ލީޑްސްގެ ބްރެންޑެން އާރޮންސަންއެވެ.

ވޭލްސްއަކީ ދުނިޔޭގެ އެންމެ ޒަމާންވީ އެއް ފުޓުބޯޅަ ޓީމެވެ. 146 އަހަރުވީ ވޭލްސް ފުޓުބޯޅަ އިދާރާގެ ދަށުން ހިނގަމުން އަންނަ ވޭލްސް ގައުމީ ޓީމަށް މިފަހަރުގެ ވޯލްޑް ކަޕް ފުރުސަތަކީ ހަނދާނީ، ތާރީހީ ފުރުސަތެކެވެ. މި ވޯލްޑް ކަޕްގެ ކުރިން އެޓީމަށް 1958ގެ ވޯލްޑް ކަޕް ފިޔަވައި، ވޯލްޑް ކަޕްގެ އެހެން އެއްވެސް މުބާރާތަކުން ފުރުސަތު ލިބިފައެއް ނުވެއެވެ. އެހެންކަމުން މިއީ ގައުމީ ކަމެއްގެ ގޮތުގައި އެގައުމުން ސިފަކުރެއެވެ. މުޅި ވޭލްސް އޮތީ ޔަގީނުންވެސް ޓީމުގެ ފަހަތުގައެވެ. އެންމެ ބޮޑަށް ބަރޯސާވަނީ 33 އަހަރުގެ ކެޕްޓަން ގެރެތު ބޭލަށެވެ.

"އާޖެންޓީނާއާއި ބްރެޒިލް ކަހަލަ ޓީމުތަކުން ވޯލްޑް ކަޕްގައި ކުޅޭތަން ބަލަން ތިބުމަށްފަހު މި ބޮޑު މުބާރާތުގައި ވޭލްސްގެ ދިދަ ވިހުރުވާލެވުމަކީ ތަފާތު އިހުސާސެއް. މިއީ މުޅި ގައުމަށް އެންމެ ފަހުރުވެރި އެއް ވަގުތުކޮޅު. އެތައް ކުދިންނަކަށް މިމުބާރާތް މުހިއްމުވާނެ. އެތައް ޖީލަކަށް މި މުބާރާތުން ހިތްވަރު ލިބޭނެ،" ފުރަތަމަ މެޗާއި ގުޅިގެން ވާހަކަ ދައްކަމުން ބޭލް ބުންޏެވެ.

ބޭލް ބުނީ ގައުމީ ފުޓުބޯޅައިގެ ރަމްޒު މޭމަތީގައި ޖަހާލެވުމަކީ ތަފާތު އިހުސާސެއް ކުރެވޭ ކަމެއް ކަމަށާއި، ހާއްސަކޮށް ވޯލްޑް ކަޕުގައި ގައުމީ ޖާޒީ ރަމްޒުކޮށްދިނުމަކީ ފަހުރުވެރިވާ ކަމެއް ކަމަށެވެ.

ވޭލްސްއާއި އެމެރިކާގެ ކުރިމަތިލުން މިރޭ 12:00 ގައި އޮންނާނީ އަހުމަދު ބިން އަލީ ސްޓޭޑިއަމްގައެވެ.