ގަތަރުގައި ވޯލްޑް ކަޕް ބާއްވަން ނިންމީ މީގެ 12 އަހަރު ކުރިންނެވެ. އެގައުމަށް ވޯލްޑް ކަޕް ދޭން ނިންމި ހިސާބުންވެސް ހުޅަނގުން އެންމެ ބޮޑަށް ގަތަރަށް އިނގިލި ދިއްކުރީ އިނގިރޭސީންނެވެ. ގަތަރާ ދެކޮޅަށް އަޑުއުފުލުގެ ކެމްޕޭނުތަކުގައި އެންމެ އިސް ސަފުގައި ތިބީވެސް އިންގްލެންޑެވެ. އިނގިރޭސި އެފްއޭއެވެ. ހާއްސަކޮށް ގަތަރު ވޯލްޑް ކަޕަށް ވީ ތައްޔާރީތަކަށް ފާޑު ކިޔައި، ގަތަރުގެ އުސޫލުތަކަށް ފާޑުކިޔައިފައިވެސް ވެއެވެ. އަދިވެސް ތިބީ އެގޮތުގައެވެ.
ފީފާގެ އުސޫލުތަކާއި ވޯލްޑްކަޕް ބާއްވާ ގައުމުކަމަށްވާ ގަތަރުގެ ގާނޫނުތަކާއި އާދަކާދަތައް މުގުރާލައި ޔޫރަޕުގެ 8 ޓީމެއްގެ ކެޕްޓަނުން އެއްޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދިނުމަށް ވިއްސާރަދުނީގެ ބޭންޑު އަޅަން ނިންމައިފައިވާ އިރު، އެކަމަށްވެސް އިސްވީ އިންގްލެންޑް ކެޕްޓަން ހެރީ ކޭންއެވެ. ކޭން ބުނީ ފީފާގެ ޖޫރިމަނާއެއް އައި ނަމަވެސް އޭނާ ނުކުންނާނީ ވިއްސާރަ ދުނީގެ ކެޕްޓަން ބޭންޑްގައި ކަމަށެވެ.
އޭގެ އިތުރުންވެސް މަސައްކަތްތެރީންގެ ހައްގުތަކުގެ ވާހަކަތަކުގައި އާއިލާތަކަށް ބަދަލު ދޭންވެސް އިންގްލެންޑުން ގޮވާލައި، އެގައުމުގެ ކޯޗު ގެރެތު ސައުތުގޭޓް ގަތަރާ އެއްކޮޅަށް ބުނި ވާހަކައަކަށް ފާޑު ކިޔުންވެސް އަމާޒުކޮށްފައިވެއެވެ. ސައުތުގޭޓް ހޫނު ފެނަށް ވެއްޓުނީ ގަތަރުގައި މަސައްކަތް ކުރާ އެހެން ގައުމުތަކުގެ މީހުން ވޯލްޑް ކަޕަށް ރަނގަޅު ރޫހެއްގައި ތިބިކަމަށް ބުނުމުންނެވެ. އިނގިރޭސި މީޑިއާތަކުން އެވާހަކައިގައިވެސް ސައުތުގޭޓް ހޫނު ފެނަށް ވައްޓާލިއެވެ.
ސީއެންއެންއަށް ދިން އިންޓަވިއުއެއްގައި ގަތަރުގެ މަސައްކަތްތެރިންގެ ހާލަތާ ބެހޭގޮތުން ސުވާލުކުރުމުން ސައުތުގޭޓް ބުނީ ފުޓުބޯޅައަކީ ވޯލްޑް ކަޕެއްގެ އެންމެ މުހިއްމު ކަންތައް ކަމަށާއި، ގަތަރުގައި މަސައްކަތްކުރާ އެތައް މަސައްކަތްތެރީންނެއް ތިބީ ވޯލްޑް ކަޕަށް ހެޔޮހިތުން އިންތިޒާރު ކޮށްގެން ކަމަށެވެ.
ސައުތުގޭޓްގެ އެ ވާހަކަތަކަށް އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ބޮޑެތި ޖަމިއްޔާތަކުން ފާޑު ކިޔައިފައިވެއެވެ. އެ ޖަމިއްޔާގެ މައިގްރެންޓް ލޭބާ ރައިޓްސް ރިސާޗާ އެލާ ނައިޓް ބުނީ ގަތަރުގައި މަސައްކަތް ކުރާ އެތައް މަސައްކަތްތެރީންނަކީ ފުޓުބޯޅައަށް ލޯބިކުރާ ބަޔަކަށްވުމުން ވޯލްޑް ކަޕަށް އިންތިޒާރުކުރާ ނަމަވެސް، އާންމު އަސާސީ ހިދުމަތްތައް ނުފުދި އެތައް ބަޔަކު މާޔޫސްކަމުގައި ތިބި ކަމަށެވެ.
ވޯލްޑް ކަޕް ފެށުމުގެ ކުރިން އިނގިރޭސީންނާއި ހުޅަނގުގެ އެތައް ގައުމަކުން ގަތަރާ ދިމާކޮށްލަން ފޫގަޅައި، އެކަން ކުރަމުން ގެންގޮސްފައި ވާއިރު، އެކަމުގެ ރުޅިގަނޑުގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ދާދިފަހުން ވަނީ ހުޅަނގަށް ވަރުގަދައަށް ރައްދުވެސް ދީފައެވެ.
"ގަތަރު، އަރަބި، އެފްރިކާގެ މީހެއްގެ އިހުސާސް މިއަދު އަހަންނަށް އިހުސާސްވޭ. އެއް ޖިންސުން ގުޅުން ހިންގާ މީހުންގެ އިހުސާސް އަހަންނަށް އިހުސާސްކުރެވޭ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިހުސާސް، ބިދޭސީ މަސައްކަތްތެރިންގެ ޖަޒުބާތުވެސް އިހުސާސް ކުރެވޭ. އަހަންނަކީ ޔޫރަޕް މީހެއް. މުޅި ދުނިޔޭގައި އަހަރެމެން 3،000 އަހަރު ވަންދެން ކުރި ކަންކަމަށް ކުރިއަށް އޮތް 3،000 އަހަރު މައާފަށް އެދެން ޖެހޭ. އެހެން ބަޔަކަށް ފާޑު ކިޔެން އޮތީ އެ ވާހަކަތައް ދެއްކުމަށްފަހު،" އިންފަންޓީނޯ ވޯލްޑް ކަޕް ކުރިން ދިން ނޫސްވެރިންގެ ބައްދަލުވުމެއްގައި ހުޅަނގުން އުޅެނީ މުނާފިގުވެގެން ކަމަށް ފާހަގަކޮށް، ވިދާޅުވިއެވެ.
ދަނޑުބޭރުގެ އެ އަޑުތަކުން ދުރަށް ޖެހިލަން އިންގްލެންޑަށް ޖެހެނީ ފުރަތަމަ މެޗުގައި މިއަދު އިރާނާ ދެކޮޅަށް ނުކުތުމަށެވެ. މެޗުން ފޯކަސް ގެއްލޭނެ އެއްވެސް ޖާގައެއް ނޯންނާނެއެވެ. އިރާނަކީ އޭޝިއާގެ އެންމެ މަތީ ރޭންކްގައި ވޯލްޑް ކަޕަށް ނުކުންނަ ޓީމެވެ. ފެށުން އޮތީ ޓަފް ޗެލެންޖަކުންނެވެ.
މިއީ އިރާނުން ވޯލްޑް ކަޕްގައި ވާދަކުރާ ހަވަނަ ފަހަރެވެ. މީގެ ކުރިން އިރާނުން ވާދަކުރި ފަސް ވޯލްޑް ކަޕަކީ 1978، 1998، 2006ގެ އިތުރުން 2014 އަދި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައެވެ. ވޯލްޑް ކަޕްގައި އިރާނަކީ ކާމިޔާބު ޓީމެއް ނޫނެވެ. މިހާތަނަށް އިރާނަށް ގްރޫޕް ސްޓޭޖު ފަހަނަޅައި ދެވިފައެއް ނުވެއެވެ. އެގައުމުން މިހާތަނަށް ވޯލްޑް ކަޕެއްގައި ކާމިޔާބު ކޮށްފައި ވަނީ އެންމެ ދެމެޗެކެވެ. އެއީ 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައި އެމެރިކާއާ ދެކޮޅަށް ކުޅުނު މެޗެއްގެ އިތުރުން އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕްގައި މޮރޮކޯ ކައިރީ ކުޅުނު މެޗެވެ.
އެހެންކަމުން ކޮންމެހެން ހަދާފައި ނަމަވެސް އިރާނުން މިފަހަރު ނުކުންނަނީ ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިޔުމަށެވެ. އެ އަޒުމުގައި އިރާން ނުކުތުމަކީ އިންގްލެންޑަށް ޗެލެންޖަކަށް ވާނެއެވެ. މިހާތަނަށް އިރާނުން އިންގްލެންޑާ ދެކޮޅަށް ބޮޑު މުބާރާތެއްގައި ކުޅެފައި ނުވުމަކީވެސް މެޗު ހާއްސަވާނެ އެއް ސަބަބެވެ.
އިރާން މިފަހަރު ވޯލްޑް ކަޕަށް ނުކުންނަނީ އެގައުމުގެ ފުޓުބޯޅައާ އެންމެ ރައްޓެހި ކޯޗު، ކާލޯސް ގުއެރޯޒާ އެކުގައެވެ. 2011 ވަނަ އަހަރުން ފެށިން 2019 ވަނަ އަހަރަށްވެސް އިރާން ކޯޗުގެ މަގާމުގައި ގުއެރޯޒް ހުރި އިރު، އިރާނުން 2018 ވަނަ އަހަރު ވޯލްޑް ކަޕަށް ދިޔައީވެސް އޭނާއާއެކުގައެވެ. އެފަހުން މެދުކެނޑުމެއް އައި ނަމަވެސް އަނެއްކާވެސް އެހުރީ ގައުމީ ޓީމާއެކުގައެވެ.
އަނެއްކޮޅުން އިންގްލެންޑް ނުކުންނާނީ ފަހަކަށް އައިސް އިންގްލެންޑަށް އެންމެ ބޮޑެތި ކާމިޔާބީތައް ގެނެސްދިން ސައުތުގޭޓާ އެކުގައެވެ. ކާމިޔާބު ނަމަވެސް އަބަދުވެސް އޭނާއަށް ޕްރެޝަރު އޮންނާނެއެވެ. އެއީ އިންގްލެންޑްގެ ވަޒީފާއަށް ވީތީއެވެ. 1966 ވަނަ އަހަރު ހޯދި ވޯލްޑް ކަޕަށްފަހު ތަށްޓެއް ނުލިބި އޮތް އިންގްލެންޑް އޭގެފަހުން ފުރަތަމަ ފައިނަލެއްގައި، މިދިޔަ އަހަރު ކުޅުނީވެސް ސައުތުގޭޓާ އެކުގައެވެ. ސައުތުގޭޓާއެކު އިންގްލެންޑް ވަނީ 2018 ވަނަ އަހަރު ވޯލްޑް ކަޕް ސެމީ ފައިނަލަށްވެސް ގޮސްފައެވެ.
"މިއީ ފުޓުބޯޅައިގެ ފެންވަރު ވަޒަން ކުރެވޭނެ މުބާރާތް. އެހެންވީމަ ފުރަތަމަ މެޗުން ޓީމުގެ ފެންވަރު ވަޒަން ކުރަން ބޭނުންވޭ. ފުރަތަމަ މެޗަކީ ޓީމަށް ގޮތް ނިންމޭނެވެސް މެޗު. މެޗު ވަރަށް މުހިއްމުވާނެ،" މިއަދުގެ މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސައުތުގޭޓް ބުނެފައިވެއެވެ.
އިންގްލެންޑާއި އިރާން ވާދަކުރާ ގްރޫޕް ބީގެ މެޗު ފަށާނީ މިއަދު ރާއްޖެގަނޑިން އިރުއޮއްސި 6:00 ގައެވެ. މެޗު އޮންނާނީ ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައެވެ. ސްޓޭޑިއަމް ނިސްބަތްވަނީ ދޯހާއަށެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022