މާލެއިން ގޯތި ދިނުމަށް ހުޅުވާލި ފުރުސަތުގައި ގޯއްޗަށް ކުރިމަތިލި މީހުންގެ ތެރެއިން ގޯތި ލިބޭ މީހުން ޝޯޓް ލިސްޓުކޮށް އަންނަ އަހަރުގެ މެއި މަހުގެ ތެރޭގައި ގޯތި ލިބޭނެ މީހުން ކަނޑައެޅޭނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ހުސްވި ހަފުތާގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގެ ބައްދަލުވުމުގައި މާލެއިން ގޯތި ދިނުމާބެހޭ ކަންތައްތައް މިހާރު އޮތް ހިސާބެއް އޮޅުންފިލުވުމަށްޓަކައި އެ ކޮމިޓީގެ މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ، ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން މިހާރު ކުރިއަށް ގެންދަނީ ގޯޗަށް އެދި ހުށަހެޅި މީހުންގެ ފޯމުތައް ދިރާސާކުރުމުގެ މަސައްކަތްތައް ކަމަށެވެ.
އެ މަސައްކަތް ކުރިއަށްދާއިރު، ގޯތި ދިނުމާބެހޭ ހާއްސަ ކޮމިޓީއެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަން ޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
"ރައީސް އެބަ އުފައްދަންޖެހޭ އެސެސްކުރާ ކޮމިޓީއެއް. އަދި އެ ކޮމިޓީ އެކުލަވައެއް ނުލައްވާ. ނަމަވެސް ދާދި އަވަހަށް އެކަން ކުރައްވާނެ. ކޮށް ނިމުނީމަ އަޅުގަނޑުމެން މި ބަލަނީ ކުރިއަށް އޮތް އަހަރުގެ މެއި މަހާ ހިސަބަށޭ އަޅުގަނޑުމެނަށް މީހުން ޝޯޓްލިސްޓް ކޮށްފަ ގޯތި ލިބޭނެ މީހުން ކަނޑައަޅާ ނިންމޭނީ،" އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ، ހުޅުމާލެއިން ދިނުމަށް ހުރި ގޯތިތަކަށް ބިން ފާހަގަކޮށް އަދި ގުޅީފަޅިގައި ހުރި ގޯތިތައް
ކުރެހުމުގައި ފާހަގަކޮށްފައިވާ ކަމަށެވެ. ނަމަވެސް ގުޅީފަޅު ހިއްކުމުގެ މަސައްކަތް އަދި އަމަލީ ގޮތުން ނުފެށޭ ކަމަށް ވިދާޅުވިއެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން 1،000 ގޯއްޗާއި ގުޅިފަޅު ހިއްކައި އެ ތަނުން ދޫކުރާ 2،000 ގޯއްޗާއި ހުޅުމާލޭގައި މިހާރު އިމާރާތް ކުރަމުންދާ 4،000 ފްލެޓަށް ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
މިދިޔަ ޖޫން 26 ގައި ހުޅުވާލި އެ ފުރުސަތުގައި ގޯއްޗާއި ފްލެޓަށް 35،861 ފޯމު ވަނީ ހުށަހަޅައިފައެވެ. އޭގެ ތެރެއިން މާލެއިން ހިލޭ ދޫކުރާ ބިންތަކަށް އެދި 15،164 މީހުުން ފޯމު ލާފައިވެއެވެ.