ޚަބަރު

ޓެރަރިޒަމް އޮޕަރޭޝަން: ފަސް މީހަކު ޝަރީއަތް ނިމެންދެން ބަންދު، އެހެން މީހުންގެ މުއްދަތު އިތުރުކޮށްފި

ރިފާ ހަލީލު

ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށް ގެންދާ ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަނުގައި ހައްޔަރުކުރި 14 މީހުންގެ ތެރެއިން ފަސް މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފިއެވެ.

ޓެރަރިޒަމާ ދެކޮޅަށް މާލެ އާއި އައްޑޫ ސިޓީ އަދި ކ. ގުރައިދޫގައި ފުލުހުންނާއި އެމްއެންޑީއެފުން ވަނީ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ. މި އޮޕަރޭޝަނުގައި އައްޑޫ ސިޓީން 10 މީހަކާއި މާލެއިން ދެ މީހަކާއި ކ. ގުރައިދޫއިން ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން މިއަދު ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި 14 މީހުންގެ ތެރެއިން 18އ. މިހާ އާއި 33އ ގެ ދެ މީހުންނާއި، 35އ. މީހަކާއި އަދި 46 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ. އަދި 19އ.ގެ މީހަކާއި، 27އ.ގެ ދެ މީހުން އަދި 28 އަހަރުގެ މީހާގެ ބަންދަށް 30 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޭގެ އިތުރުން 20އ. މީހަކާއި، 27އ. މީހަކާއި، 30އ. މީހަކާއި، 35އ އަދި 37 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ ހައްޔަރުކުރި 14 މީހުންނަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިއެސްއާ ގުޅިގެން ރާއްޖޭގައި ގޮވާތަކެތި ބޭނުންކޮށްގެން ޓެރަރިޒަމްގެ ހަމަލާއެއްދީ ގިނަ ބައެއްގެ ފުރާނަ ދުއްވާލަން މަސައްކަތް ކުރި ބައެއް ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން ނުވަ މީހުންނަކީ ޓެރަރިޒަމްގެ މައްސަލަތަކުގެ ކުށުގެ ރެކޯޑް އޮތް މީހުން ކަމަށާއި އަދި އެ އެންމެންނަކީވެސް އައްޑޫ ސިޓީއަށް ނިސްބަތްވާ މީހުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.