ފްރާންސްގެ އެންމެ މުހިންމު ކުޅުންތެރިޔާ ކަރިމް ބެންޒެމާއަށް އަނިޔާވެ، ވޯލްޑް ކަޕް ގެއްލިއްޖެއެވެ.
ރެއާލް މެޑްރިޑްގެ ސުޕަ ސްޓާ ފޯވަޑް ބެންޒެމާއަށް އަނިޔާވެފައި ވަނީ ފްރާންސުން ގަތަރުގައި ކުރިއަށް ގެންދިޔަ ތަމްރީނުތަކުގެ ތެރެއިންނެވެ. ބެންޒެމާގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ޓެސްޓުތައް ހަދައި، ފްރާންސްގެ މެޑިކަލް ޓީމުން ނިންމާފައިވަނީ އޭނާއަށް ވޯލްޑް ކަޕްގެ މެޗެއް ނުކުޅެވޭނެ ކަމަށެވެ. އެހެންކަމުން ފްރާންސުން ވަނީ ބެންޒެމާގެ ބަދަލުގައި ސްކޮޑަށް ކުޅުންތެރިޔަކު ގެންނަން ވިސްނަމުންނެވެ.
އަނިޔާގެ ސަބަބުން ވޯލްޑް ކަޕް ގެއްލި، އެކަމުގެ މާޔޫސްކަމުގައި ބެންޒެމާ ބުނީ އޭނާއަކީ ހަޔާތުގެ އެއްވެސް ކަމެއްގައި އުންމީދު ދޫކޮށްލާ މީހެއް ނޫން ކަމަށާއި ނަމަވެސް ޓީމަށް ވިސްނައި މި ފަހަރު ފަހަތަށް ޖެހެން މަޖުބޫރުވެފައިވާ ކަމަށެވެ. ބެންޒެމާ ބުނީ ޓީމަށް ފައިދާ ވާނީ އިތުރު ކުޅުންތެރިޔަކު ސްކޮޑަށް ނުކުމެގެން ކަމަށާއި އެކަމަށް ފުރުސަތުދީ ފްރާންސަށް އެންމެ ހެޔޮ އެދޭ މީހާގެ ގޮތުގައި މި ފަހަރު ވޯލްޑް ކަޕް ބަލާނީ ދަނޑު ބޭރުން ކަމަށެވެ.
ބެންޒެމާއަކީ މިއަހަރު ދިން ބެލޮންޑިއޯ އެވޯޑު ހާސިލުކުރި ކުޅުންތެރިޔާއެވެ. ރެއާލްގެ ކެޕްޓަން ބެންޒެމާ ވެފައި ވަނީ ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި އެވޯޑު ހާސިލުކުރި ފްރާންސްގެ ފަސްވަނަ ކުޅުންތެރިޔާއަށެވެ. އޭގެ ކުރިން ބެލޮންޑިއޯ އެވޯޑު ހޯދި ފްރާންސްގެ ކުޅުންތެރިންނަކީ ރޭމަންޑް ކޮޕާ، މިޝޭލް ޕްލެޓީނީގެ އިތުރުން ޖީން-ޕިއޭ ޕަޕިން އަދި ޒައިނައްދީން ޒިދާނެވެ. އޭގެ ތެރެއިން ޕްލެޓީނީ ވަނީ ޖެހިޖެހިގެން ތިން ފަހަރަށް ބެލޮންޑިއޯ ކާމިޔާބުކޮށްފައެވެ.
ބެންޒެމާއަކީ މިދިޔަ އަހަރު ޔޫރަޕްގައި އެންމެ ވިދުންގަދަ ކުޅުންތެރިޔާއެވެ. އޭނާއަށް މި އަހަރު ބެލޮންޑިއޯ ލިބުނު އިރު، މިދިޔަ ސީޒަން ނިންމާލީ ކުޅުނު 46 މެޗުން 44 ގޯލު ޖަހައި، 15 އެސިސްޓް ފުރިހަމަކޮށްގެންނެވެ. އެ ސީޒަނުގައި އޭނާ ވަނީ ރެއާލްއާއެކު ޗެމްޕިއަންސް ލީގު ހޯދައި، ސްޕެއިންގެ ލީގުވެސް ކާމިޔާބުކޮށްފައެވެ. އޭގެ އިތުރުން ބެންޒެމާ ވަނީ މިދިޔަ އަހަރު އޮކްޓޯބަރު މަހު ފްރާންސް ގައުމީ ޓީމާއެކު ނޭޝަންސް ލީގުވެސް ކާމިޔާބުކޮށްފައެވެ.
އުމުރުން 34 އަހަރުގެ ބެންޒެމާ ލީގުގައި 27 ގޯލު ޖަހައި، 12 އެސިސްޓް ފުރިހަމަ ކުރި އިރު، އޭނާއަކީ މިދިޔަ ސީޒަނުގެ ލީގު ޓޮޕް ސްކޯރާވެސް މެއެވެ. އޭގެ އިތުރުން ބެންޒެމާ ވަނީ ޗެމްޕިއަންސް ލީގުގައިވެސް 15 ގޯލު ޖަހައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ގޮތުގައި ނިންމާލައިފައެވެ. އޭގެ ތެރެއިން 10 ގޯލަކީ ނޮކްއައުޓް ބުރުގެ މެޗުތަކުގައި ޖެހި ގޯލުތަކެވެ. ބެންޒެމާ ވަނީ މިދިޔަ ސީޒަނުގައި ފްރާންސް ގައުމީ ޓީމަށް ކުޅުނު 10 މެޗުގައި ހަ ގޯލު ޖަހައިފައެވެ.
ބެންޒެމާ މިފަހަރުގެ ވޯލްޑް ކަޕަށް ދިޔައީވެސް ފޯމު ރަނގަޅުކޮށް ހުރެގެންނެވެ. އެގޮތުން އޭނާ ވަނީ މިހާތަނަށް ކުޅުނު 12 މެޗުން ހަ ގޯލު ޖަހައިފައެވެ.
ވޯލްޑް ކަޕްގެ އެންމެފަހުގެ ޗެމްޕިއަނުންނަށް މިފަހަރު އަނިޔާގެ ބޮޑެތި މައްސަލަތަކެއް ވަނީ ދިމާވެފައެވެ. ކޭމްޕް ކުރި ފަހުން ބެންޒެމާގެ އިތުރުން ކްރިސްޓޮފާ އެންކުންކޫ އަދި ޕްރިންސަލް ކިމްޕެންބޭއަށް އަނިޔާވެ ޓީމުން ބޭރުވާން ޖެހުނު އިރު، އެންގޯލޯ ކަންޓޭއާއި ޕައުލް ޕޮގްބާވެސް އަނިޔާގެ ސަބަބުން ވޯލްޑް ކަޕްގައި ނުކުޅޭނެއެވެ.