މ. ނިރުފެހި ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި އެންމެންގެ ހަށިގަނޑުތައް އެ މީހުންގެ ގައުމަށް ގެންގޮސްފިއެވެ.
މި މަހުގެ ނުވަވަނަ ދުވަހުގެ ރޭ ނިރުފެހި ގޭގެ ތިރީގައި ހަދާފައި ހުރި ގަރާޖުގައި ރޯވެ، ހިނގި އަލިފާނުގެ ހާދިސާގައި ދިހަ މީހަކު މަރުވިއެވެ. އެއީ އިންޑިއާގެ ފަސް ފިރިހެނުންނާއި ތިން އަންހެނުންނާއި ބަންގްލަދޭޝްގެ އަންހެނަކާ ފިރިހެނެކެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ އަލިފާނުގެ ހާދިސާގައި މަރުވި އެންމެންގެ ހަށިގަނޑު އެ މީހުންގެ ގައުމުތަކަށް ގެންގޮސްފައިވާ ކަމަށެވެ.
ނިރުފެހި ގޭގައި ހިންގަމުންދިޔަ ގަރާޖަކީ ފުލުހުން ބުނާ ގޮތުން، ހުޅުމާލޭގައި ހިންގުމުގެ ހުއްދަ ދީފައިވާ ގަރާޖެކެވެ.
ނިރުފެހިގެ ސާފުކުރުމުގެ މަސައްކަތް ކުރަމުންދާއިރު އެތަނުން އިންސާނެއްގެ ފައިތިލައެއް ވަނީ ފެނިފައެވެ. ނަމަވެސް އެއީ މަރުވި މީހުންގެ ތެރެއިން މީހެއްގެ ފައިތިލައެއް ކަމެއް ނުވަތަ އެހެން މީހެއްގެ ފައިތިލަ ކަމެއް އަދި ވަނީ ސާފުވާ ގޮތްނުވެފައެވެ.
ފުލުހުންގެ މީޑިއާ އޮފިސަރާއި "ވަން" އިން މިއަދު ސުވާލުކުރުމުން ވިދާޅުވީ އެއީ ކާކުގެ ފައިތިލައެއް ކަން ދެނެގަތުމަށް ތަހުލީލުތައް ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ އެ ފައިތިލައިން މިހާރު ޑީއެންއޭ ސާމްޕަލް ނަގައި ތަހުލީލު ކުރަމުންދާ ކަމަށެވެ.