ޗައިނާއިން ހަމައެކަނި ކުޅުނު ވޯލްޑް ކަޕަކީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕެވެ. ކޮރެއާ ޖަޕާނުގެ އެ ވޯލްޑް ކަޕުން ޗައިނާ ކަޓައިގެން ދިޔައީ ގްރޫޕް ސްޓޭޖުންނެވެ. މިފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވާން ޗައިނާއިން ބޮޑު އަޒުމެއްގައި މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ. އެހެން ނަމަވެސް އެގައުމުގައި ފުޓުބޯޅައިގެ ދުރު ރާސްތާ ޕްލޭނެއް އެބައޮތެވެ. ރައީސް ޒީ ޖިންޕިންގެ ތަސައްވަރުގައި އެތައް ސަތޭކަ ދަނޑެއް ހަދައި، އެތައް ސްކޫލެއްގައި ގްރާސް ރޫޓް ފެށުން އެބައޮތެވެ. އެ ތަސައްވަރަށް މިއަދު ޗައިނާއިން ކޮށާ އެއް މަގަކީ ފީފާގެ އެންމެ ބޮޑެތި ސްޕޮންސަރުންނަށް އެގައުމުގެ ކުންފުނިތައް ހެދުމެވެ.
އެމެރިކާގެ ކޮކާ-ކޯލާއާއި މެކްޑޮނާލްޑްސް، އަދި ބުޑްވީސާއަކީ ފީފާގެ ބޮޑެތި ސްޕޮންސަރުން ނަމަވެސް، ގަތަރު ވޯލްޑް ކަޕްގެ އެންމެ ބޮޑު ދެ ސްޕޮންސަރުންނަކީ ޗައިނާގެ ބްރޭންޑްތައް ކަމަށްވާ ވަންޑާ ގްރޫޕާއި ވީވޯއެވެ. އެ ކުންފުނިތަކުގެ އިތުރުންވެސް ޗައިނާގެ އެހެން ބްރޭންޑްތައްވެސް ފީފާ ވޯލްޑް ކަޕަށް ބޮޑެތި އަދަދުން ހަރަދުކޮށް ސްޕޮންސާޝިޕް ދީފައިވާ އިރު، ޗައިނާއަކީ ވޯލްޑް ކަޕްގެ އެންމެ ބޮޑު ސްޕޮންސަރެވެ.
ޗައިނާގެ ސްޕޮންސަރުން ގަތަރު ވޯލްޑް ކަޕްގެ ސްޕޮންސާ ގޮތުގައި 1.395 ބިލިއަން އެމެރިކާ ޑޮލަރު ފީފާއަށް ދީފައިވެއެވެ. އެ ސްޕޮންސާޝިޕަކީ ނޮވެންބަރު 20 ވަނަ ދުވަހުން ޑިސެންބަރު 18 ވަނަ ދުވަހާ ހަމައަށް ކުރިޔަށްދާނެ އެއްބަސްވުންތަކެއްގެ ދަށުން ދީފައިވާ ސްޕޮންސާޝިޕްތަކެކެވެ. އެމެރިކާގެ ކުންފުނިތަކުން ވޯލްޑް ކަޕަށް ދީފައިވާ ސްޕޮންސާޝިޕްގެ އަގު 1.1 ބިލިއަން ޑޮލަރުގައި ހުރިއިރު، މިފަހަރު ކުރީގައި އޮތީ ޗައިނާއެވެ.
ވޯލްޑް ކަޕް 2022 އަށް ޗައިނާއިން އެންމެ ބޮޑެތި ސްޕޮންސާ ދީފައިވާ ކުންފުނިތަކަކީ ވަންޑާ ގްރޫޕް، ވީވޯގެ އިތުރުން މެންނިއު ޑެއިރީ އަދި ހައިސެންސެވެ. އެއީ ޗައިނާއިން ބޭރަށް އެހާމެ މަގުބޫލު ނޫން ކުންފުނިތައް ނަމަވެސް، އެ ކުންފުނިތަކަކީ ބިލިއަނުން ފައިދާވާ ބޮޑެތި ކުންފުނިތަކެވެ.
ޗައިނާއިން ފުރަތަމަ ފަހަރަށް 2010 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފީފާއަށް ސްޕޮންސާ ދީފައިވާ އިރު، އެފަހަރު ސްޕޮންސާ ދިން ކުންފުންޏަކީ ޔިންގްލީ ސޯލާއެވެ. އޭގެފަހުން ބޭއްވި ކޮންމެ ވޯލްޑް ކަޕެއްގެ ސްޕޮންސާޝިޕްގައި ޗައިނާގެ ދައުރު ފެނުނީ ވަރަށް ބޮޑަށްވެސް ފުޅާކޮށެވެ. އެގޮތުން މިފަހަރުގެ ވޯލްޑް ކަޕް އޮފިޝަލް ސްޕޮންސާ ލިސްޓްގައި ހިމެނޭ ވަންޑާ ގްރޫޕަކީވެސް 2016 ވަނަ އަހަރުން ފެށިގެން 2030 ވަނަ އަހަރާ ހަމައަށް ދަންދެން ފީފާއަށް ސްޕޮންސާ ދޭނެ އެގްރީމެންޓެއްގެ ދަށުގައި އޮތް ކުންފުންޏެވެ. ވަންޑާ ގްރޫޕުގެ އިތުރުން މިފަހަރުގެ ވޯލްޑް ކަޕްގެ އޮފިޝަލް ސްޕޮންސަރުންނަކީ ކޮކާ-ކޯލާގެ އިތުރުން އެޑިޑާސް، ހުޔުންޑާއީ، ކިއާ، ގަތަރު އެއާވޭސް، ގަތަރު އެނާޖީ އަދި ވިސާ އެވެ.
ވީވޯގެ އެއްބަސްވުންވެސް ފީފާއާއެކު ވެފައި އޮތީ 2017 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރުގެ ނިޔަލަށެވެ. ވަންޑާ ގްރޫޕުން ދިގު މުއްދަތަކަށްވެފައިވާ ސްޕޮންސާޝިޕް ޑީލްގެ ފުރިހަމަ އަގަކީ 850 މިލިއަން ޑޮލަރެވެ. ވީވޯއިން ވެފައިވާ އެއްބަސްވުމުގެ އަގަކީ 450 މިލިއަން ޑޮލަރެވެ. ހައިސެންސަކީ ހަމައެކަނި ވޯލްޑް ކަޕުގެ ސްޕޮންސާއެކެވެ. އެ ކުންފުނިން ވޯލްޑް ކަޕަށް 35 މިލިއަން ޑޮލަރުގެ ސްޕޮންސާޝިޕެއް ދީފައިވެއެވެ. މެންނިއު ޑެއިރީ، ޗައިނާގެ އެންމެ ބޮޑު ޑެއިރީ ބްރޭންޑުން 2021 އިން މިއަހަރުގެ ނިޔަލަށް ފީފާއާއެކު ވެފައިވާ އެއްބަސްވުމާއެކު، ސްޕޮންސާޝިޕްގެ ގޮތުގައި އެކުންފުނިން 60 މިލިއަން ޑޮލަރު ފީފާއަށް ދޭނެއެވެ.
ގަތަރު ވޯލްޑް ކަޕް 2022 ގެ ޖުމުލަ ސްޕޮންސާޝިޕް އަދަދުތަކަށް ބަލައި ގައުމުތައް މިނެކިރާލާއިރު، އެއްވަނަ ޗައިނާއަށް ލިބެނީ އެ ގައުމުގެ ކުންފުނިތަކުން 207 މިލިއަން ޑޮލަރު ވޯލްޑް ކަޕް ސްޕޮންސާޝިޕަށް ދީފައިވާތީއެވެ. ވަކި ގައުމުތަކަށް ބަލާއިރު ދެން އެންމެ ގިނަ ސްޕޮންސާޝިޕް ވޯލްޑް ކަޕް 2022 އަށް އޮތީ ހޯސްޓް ގަތަރުންނެވެ. އެއީ 134 މިލިއަން ޑޮލަރެވެ. އެމެރިކާގެ ކުންފުނިތަކުން މިފަހަރު ވޯލްޑް ކަޕްގެ ސްޕޮންސާއަށް 129 މިލިއަން ޑޮލަރު ދީފައިވާ އިރު، އެހެން ހުރިހާ ސްޕޮންސާތަކުގެ އަދަދަކީ 185 މިލިއަން ޑޮލަރެވެ.
ފީފާގެ ތެރޭގައި ކޮރަޕްޝަންގެ އެތައް މައްސަލައެއް އުފެދި، ކުރީގެ ރައީސް ސެޕް ބްލެޓާގެ އިސްތިއުފާއަށްވެސް މަޖުބޫރުވިއެވެ. ވޯލްޑް ކަޕްތައް ގައުމުތަކަށް ދިނުމުގައިވެސް ކޮރަޕްޝަންގެ އެތައް މައްސަލަތަކެއް ފީފާއަށް ކުރިމަތިވެފައިވާ އިރު، އެ އިދާރާގެ ސްޕޮންސާޝިޕްތަކަށްވެސް އެކަމުގެ އަސަރުކުރިއެވެ.
ފީފާގެ އެންމެ ބޮޑެތި ސްޕޮންސަރުން ގޮތުގައި ކުރިން އޮތް ސޮނީ، އެމިރޭޓްސް، ޖޯންސަން އެންޑް ޖޯންސަން ފަދަ ކުންފުނިތައް 2014 އަދި 2015 ވަނަ އަހަރުގައި ފީފާއަށް ސޕޮންސާ ދިނުން ހުއްޓާލިއެވެ. އެ ކުންފުނިތަކުން މައިގަނޑުކޮށް ކޮށްފައިވާ ތުހުމަތަކީ ރަޝިއާ ވޯލްޑް ކަޕާއި ގަތަރު ވޯލްޑް ކަޕްގެ ބިޑް ކޮރަޕްޓްވި ކަމުގެ ތުހުމަތެވެ.
އެ ތުހުމަތުތަކާއެކު ފީފާގެ މާލިއްޔަތަށް އަސަރުކުރި ވަގުތު ޗައިނާގެ ބޮޑެތި ކުންފުނިތަކަށް ފެނުނީ ފުރުސަތެކެވެ. އެ ކުންފުނިތަކުން ފުރުސަތުގެ ބޭނުންވެސް ކުރިއެވެ. 2016 ވަނަ އަހަރު ވަންޑާ ގްރޫޕުން ފީފާއާއެކު ބޮޑު އެއްބަސްވުމެއްގައި ސޮއިކުރި އިރު، ކުންފުނީގެ ފައުންޑަރު ވޭން ޖިއާންލިން ބުނީ "ކޮންޓްރަވާސީސް"އަކީ ފުރުސަތެއްކަމުގައި އޭނާ ބެއްލެވި ކަމަށެވެ. އޭނާ ވިދާޅުވީ ކުރިން ފީފާއަށް ނުފޫޒުއޮތް ކުންފުނިތަކުގެ ތެރެއަށް ވަންނަން އުނދަގޫވެފައި ތިއްބާ، އާ ދޮރުތަކެއް ޗައިނާ ކުންފުނިތަކަށް ހުޅުވުނީ ފީފާގެ މަންޒަރު ހަޑިވުމުން ކަމަށެވެ.
ޗައިނާގެ ކުންފުނިތަކުން ސްޕޮންސާޝިޕް 2018 ވަނަ އަހަރު ރަޝިއާ ވޯލްޑް ކަޕްގައިވެސް ބޮޑެވެ. އެގޮތުން ޗައިނާގެ ހަތް ކުންފުންޏެއްގެ ސްޕޮންސާޝިޕް ޖުމުލަ އަދަދު، 835 މިލިއަން ޑޮލަރަށް އަރައެވެ. އެފަހަރުވެސް ޗައިނާ ކުންފުނިތައް ވަނީ ރަޝިއާއާއި އެމެރިކާގެ ބްރޭންޑްތައްވެސް ފަހަތަށް ޖައްސާލައިފައެވެ.