އަންނަ އާދިއްތަ ދުވަހު ގަތަރުގައި ފެށުމަށް ތައްޔާރުވެފައިވާ ފީފާ ވޯލްޑް ކަޕްގައި ރާ ވިއްކުމަށް ހަދާފައިވާ އުސޫލުތައް ބަދަލުކޮށްފިއެވެ.

ގަތަރަކީ މުސްލިމް ގައުމަކަށްވީ އިރު، އެގައުމުގައި އާންމުކޮށް ބަނގުރާ ވިއްކުމަކީ ހުއްދަ ކަމެއް ނޫނެވެ. ހުޅަނގުގެ ގައުމުތަކުގައި ބާއްވާ ވޯލްޑް ކަޕާއި މިފަހަރުގެ ވޯލްޑް ކަޕް ތަފާތު ވެގެންދާނެ އެއް ސަބަބީ ގަތަރުގެ މުސްލިމް ގާނޫނުތަކާއި އުސޫލުތަކެވެ. އެ އުސޫލުތަކުގެ ތެރެއިން ބައެއް ލުއިތައް ހޯދަން ފީފާއިން މަޝްވަރާތައް ކޮށްފައިވާ އިރު، ބަނގުރާ ވިއްކުމުގެ ހުއްދައެއް ހޯދަން ފީފާއިން ވަނީ ކުރިން ގަތަރުގެ ވެރިންނާ މަޝްވަރާތައް ކޮށްފައެވެ.

އެ މަޝްވަރާތަކަށްފަހު ކުރިން އޮތް ގޮތުން ސްޓޭޑިއަމްގެ ވަކި ހާއްސަ ސަރަހައްދުތަކެއްގެ އިތުރުން ފޭން ޒޯންތަކުގައި ބަނގުރާ ގަނެ، ބޭނުންކުރެވޭނެ ގޮތް ފީފާއިން ހެދިއެވެ. އެއީ ފީފާގެ އެންމެ ބޮޑު އެއް ސްޕޮންސާގެ ތެރޭގައި ހިމެނޭ ބަނގުރާ ބްރޭންޑެއް އިޝްތިހާރު ކުރުމަށްވެސް އެހީވުމުގެ ގޮތުންނެވެ.

އެ ނިންމުން ކުރިން އެގޮތަށް ނިންމާފައި އޮތް ނަމަވެސް، އޭރުވެސް ފީފާއިން އިންތިޒާރު ކުރަމުން ދިޔައީ އެކަމާ ގުޅޭގޮތުން ސްޕްރީމް ކޮމެޓީ ފޯ ލެގަސީ އެންޑް ޑެލިވަރީގެ ރަސްމީ ބަހަކަށެވެ. އެ ބަހާއެކު މިއަދު ފީފާއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ކުރިން ހުޅުވާލި ތަންތަނުގައި ބަނގުރަލުގެ ބާވަތްތައް ނުވިއްކަން މިހާރު ނިންމާފައިވާ ކަމަށެވެ.

"ހޯސްޓް ގައުމާއެކު ފީފާއިން ކުރި މަޝްވަރާތަކަށްފަހު ނިންމާފައި ވަނީ ސަޕޯޓަރުންނަށް ބަނގުރާ ގަތުމަށް ކުރިން ހަމަޖެއްސި ފޭން ޒޯންތަކާއި ސްޓޭޑިއަމް އޭރިއާތަކުގައިވެސް ބަނގުރާ ނުވިއްކޭނެ ގޮތަށް. ބިއަރުގެ އެއްވެސް ބުއިމެއްވެސް އެ ސްޓޭޑިއަމްތަކުގައި ނުވިއްކޭނެ، އަދި ބޭނުންވެސް ނުކުރެވޭނެ. އެހެންނަމަވެސް ބުޑް ޒީރޯގެ ބުއިން އެ ސަރަހައްދުންވެސް ލިބޭނެ، އެއީ ފީފާގެ ސްޕޮންސާ ބުޑްވީސާގެ ނޮން އަލްކަހޯލިކް ބުއިމެއް،" ފީފާގެ ބަޔާނުގައިވެއެވެ.

ފީފާއިން ބުނެފައި ވަނީ ބަނގުރަލުގެ ބާވަތްތައް ސްޓޭޑިއަމް ސަރަހައްދުގައި ނުވިއްކި ނަމަވެސް، އެ ސަރަހައްދަކީ މަޖާ، އުފާވެރި މާހައުލަކަށްވާނެ ކަމުގެ ޔަގީންކަން ދޭ ކަމަށާއި ފީފާގެ ސްޕޮންސަރުން ފަރާތުން އަބަދުވެސް ދެމުންދާ އެއްބާރުލުމާއި ޔަގީން ކަމަށް ޝުކުރު އަދާކުރާ ކަމަށެވެ.

ތިން މިލިއަނާ ގާތްކުރާ އަދަދެއްގެ އާބާދީއެއް ދިރިއުޅޭ ގަތަރަށް ވޯލްޑް ކަޕާ ދިމާކޮށް 1.2 މިލިއަން މީހުން ޒިޔާރަތް ކުރާނެ ކަމަށް އަންދާޒާ ކުރެވެއެވެ. ގަތަރުގައި ހުރުމުގެ ކަންކަން ފުރިހަމައަށް ހަމަޖެހޭނެ ކަމަށް އިންތިޒާމުކުރާ ފަރާތުން ޔަގީންކަން ދީފައިވާ އިރު، އެގައުމުގައި ވޯލްޑް ކަޕަށް ދާ މީހުންނަށް ހާއްސަކޮށް 130،000 ރޫމް އެބަހުއްޓެވެ. އެއީ ހޮޓެލްތަކާއި ކެބިންތަކުގެ އިތުރުން ކްރޫޒް ލައިންތަކާއި އެޕާޓްމަންޓް އަދި ހާއްސަ ކޭމްޕްތަކާވެސް އެކުގައެވެ.

ގަތަރު ވޯލްޑް ކަޕްގެ ފޯރި އެގައުމުގައި މިހާރުވެސް ފެށިފައިވާ އިރު، ބޮޑެތި ފޭން ފެސްޓިވަލްތައް ކުރިއަށް އެބަދެއެވެ.