ކްރިސްޓިއާނޯ ރޮނާލްޑޯ

ސައުދީ ކްލަބެއްގެ 305 މިލިއަން ޕައުންޑް ޑީލަކަށް ނޫނެކޭ ބުނިން: ރޮނާލްޑޯ

ސައުދީ އަރަބިއްޔާގެ ކްލަބަކުން ލިބުނު 305 މިލިއަން ޕައުންޑްގެ ޑީލަކަށް ނޫނެކޭ ބުނި ކަމަށް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

މަޝްހޫރު ޖާނަލިސްޓް އަދި ޓީވީ ހޯސްޓް ޕިއާސް މޯގަންއަށް ދިން އެކްސްކްލޫސިވް އިންޓަވިއުގެ އެކިއެކި ބައިތައް ސްޓްރީމް ކުރަމުން އަންނައިރު، އެންމެފަހު ބައިގައި ރޮނާލްޑޯ ވާހަކަ ދައްކާފައި ވަނީ މެންޗެސްޓާ ޔުނައިޓެޑްގެ ކެރިއަރާއި، ރިޓަޔާމެންޓާ ގުޅޭ ގޮތުންނެވެ. އެވާހަކަތަކުގެ ތެރެއިން ރޮނާލްޑޯ ބުނެފައި ވަނީ ސައުދީގެ ކްލަބެއް ކަމަށްވާ އަލް ހިލާލުން އޭނާއަށް ދެއަހަރު ދުވަހުގެ އެއްބަސްވުމެއް ހުށަހެޅި ކަމަށާއި، އަހަރެއްގެ މައްޗަށް ޖެހޭނެ މުސާރައެއް ކަމަށް ހިލާލުން ހުށަހެޅީ 305 މިލިއަން ޕައުންޑް ކަމަށެވެ.

"އެއީ ތެދެއް. އެ ރޫމާސްއަކީ ތެދު ވާހަކަތަކެއް. އޭރު އަހަރެން މަޑުކުރީ ޔުނައިޓެޑްގައި އުފަލުން ހުރުމުން. އެ ވާހަކަތަކާ ގުޅިގެން މީޑިއާއިން އަހަންނާ ދޭތެރޭ ޝައްކުކޮށް، ދައްކަން ނުޖެހޭ އެތައް ވާހަކަތަކެއްވެސް ދެއްކި،" ހޫނު މޫސުމުގެ ޓްރާންސްފާގައި ލިބުނު އޮފާއާ ގުޅިގެން ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ ކްލަބު ދޫކޮށްލަން އުޅޭކަމަށް މި ސީޒަނުގެ ކުރިން ގިނަ މީޑިއާތަކަކުން ރިޕޯޓު ކޮށްފައިވާ އިރު، އޭނާ ބުނީ ޔުނައިޓެޑް ދޫކޮށްނުލީ ހިތްހަމަ ޖެހިގެން ކުރީ ސީޒަން ނިންމާލެވިފައި އޮތުމުން ކަމަށެވެ. އަދި ކްލަބެއް ނުލިބިގެން ޔުނައިޓެޑް ދޫކޮށްނުލައި ހުންނަން ޖެހުނީ ކަމަށް މީޑިއާގައި ބުނާ ވާހަކަތައް ރޮނާލްޑޯ ދޮގުވެސް ކުރިއެވެ. ރޮނާލްޑޯ ބުނީ ނިމިދިޔަ ސީޒަނުގައި 32 ގޯލު ޖެހި ފޯވަޑެއް ބޭނުން ނުވާނެ ކްލަބެއް ނޯންނާނެ ކަމަށެވެ.

ރޮނާލްޑޯ ބުނީ ދުނިޔޭގެ އެންމެ ބޮޑު މުސާރަ ލިބޭ ކުޅުންތެރިޔާއަށް ވުމަށް ލިބުނު ފުރުސަތަށް ނޫނެކޭ ބުނުމަކީ އުނދަގޫވި ކަމެއް ކަމަށެވެ.

ރޮނާލްޑޯ އިންޓަވިއުގައި އިތުރަށް ބުނީ އޭނާ ގަބޫލުކުރާ ގޮތުގައި އަދިވެސް އޭނާއަށް ފަސޭހަކަމާއެކު ގޯލުތަކެއް ޖެހިދާނެއެވެ. އިތުރަށް ދެ އަހަރު ދުވަހު ކުޅެން ބޭނުންވާ ކަމަށްވެސް ރޮނާލްޑޯ ބުނެފައިވާ އިރު، އޭނާ ބުނީ 40 އަހަރު ވަންދެން ކުޅުމަށްފަހު ހުއްޓާލަން ގަސްދުކުރާ ކަމަށެވެ. އެހެން ނަމަވެސް ޕޯޗުގަލަށް ވޯލްޑް ކަޕް ލިބިއްޖެނަމަ ކެރިއާ ނިންމާލާނެ ކަމުގައިވެސް ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ މޯގަންއަށް ދިން އިންޓަވިއުއާއެކު މުޅި ފުޓުބޯޅަ ދުނިޔެއަށް ވަނީ "ޝޮކެއް" ލިބިފައެވެ. އެ އިންޓަވިއުގައި ޔުނައިޓެޑްގެ ބޯޑަށާއި، ކޯޗުންނަށްވެސް ރޮނާލްޑޯ ވަރަށް ބޮޑަށް ފާޑު ކިޔައިފައިވެއެވެ. ރޮނާލްޑޯ ބުނީ ކްލަބުން އޭނާއަށް އޮޅުވާލި ކަމަށާއި، ކޯޗުންނަށް އިހުތިރާމު ގެއްލުނު ކަމަށެވެ. ރޮނާލްޑޯ ވަނީ އޭނާގެ ދަރިފުޅު ބަލިވި ވާހަކައަށްވެސް ކްލަބުން އިހުތިރާމު ނުކުރާ ކަމަށް ބުނެ، ކްލަބުގެ ބޯޑަށްވެސް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ.

ރޮނާލްޑޯގެ ވާހަކަތަކާއެކު މަޝްހޫރު ކުޅުންތެރިންނާއި ޕަންޑިތުންގެ ހިޔާލުވެސް ތަފާތުވެފައިވާ އިރު، އެއްބަޔަކު ރޮނާލްޑޯއަށް ތައުރީފު ކުރިއެވެ. އަނެއް ބަޔަކު ބުނަނީ ރޮނާލްޑޯގެ އެއްބަސްވުން އުވާލަން ޖެހޭ ކަމަށެވެ.