ޚަބަރު

ފުވައްމުލަކުގައި ކުޑަކުދިންގެ ކަސްޓޯޑިއަލް މަރުކަޒެއް ހުޅުވައިފި

މުހައްމަދު އިޝާން

ފުވައްމުލަކު ސިޓީގައި ކުޑަކުދިންގެ ކަސްޓޯޑިއަލް މަރުކަޒެއް މިއަދު ހުޅުވައިފިއެވެ.

އެ މަރުކަޒު ހުޅުއްވައިދެއްވީ ރައްޔިތުން މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އަދި ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމެޓީގެ މުގަރިރު ޖީހާން މަހްމޫދާއި ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއީލް ރަފީގުއެވެ.

ފުލުހުން މިއަދު ބުނީ އެ ކަސްޓޯޑިއަލް މަރުކަޒަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ގާއިމުކުރި ފުރަތަމަ އެފަދަ ކަސްޓޯޑިއަލް މަރުކަޒު ކަމަށެވެ.

ކުޑަކުދިންގެ ކަސްޓޯޑިއަލް މަރުކަޒު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް އާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުން އަދި ފުވައްމުލަކު ސިޓީގެ ކައުންސިލް އިދާރާގެ އިސްވެރިންގެ އިތުރުން އެކިއެކި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ރަސްމިއްޔާތުގައި މަންނާނު ވިދާޅުވީ، 28 އަހަރު ކުރިން މީހުން ބަންދުކުރާ އިރު، ކުޑަކުދިންނާއި ބޮޑެތި މީހުން ތަފާތު ނުކުރާ ކަމަށެވެ. 28 އަހަރު ކުރިން މީހަކު ކުށެއްކޮށްފިނަމަ، އިންޒާރެއްދިނުމަށްފަހު އެ ކުށް ތިންވަނަ ފަހަރަށް ތަކުރާރުކޮށްފިނަމަ އަދި އެއީ ދައުވާކުރެވޭ ވަރުގެ ކުށެއްނަމަ ދައުވާކުރުމަށް ޕްރޮސެކިއުޓާ އޮފީހަށް ފޮނުވާ ކަމަށާއި އެގޮތަށް ކަންތައްކުރުމުގެ ސަބަބުން ދެވަނަ ފަހަރަށް ކުށްކޮށްގެން އަންނަ މިންވަރު މަދުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މަންނާނު ވިދާޅުވީ މިހާރު އޮތް ޖުވެނައިލް ޖަސްޓިސްއަށް ބަލާއިރު، ކުއްޖަކު ދެވަނަ ފަހަރަށް ކުށެއް ކޮށްގެން ގެނެވޭއިރު، އެކުއްޖަކަށް ނަސޭހަތްދިނުމަށްފަހު ދެން ކަންކަން ކުރަންވީ ގޮތުގެ މައުލޫމާތު އެކުއްޖާގެ ބެލެނިވެރިޔާއަށް ހިއްސާކުރާ ކަމަށެވެ. ނަމަވެސް އެންމެ ކުރީގައި އެގޮތަށް އެކަން ކުރާނެ ބަޔަކު ނުތިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ފުވައްމުލަކުގައި ހުޅުވި ކުޑަކުދިންގެ ކަސްޓޯޑިއަލް މަރުކަޒުގައި ކުޑަކުދިންނަށް ހާއްސަކޮށްގެން އިންޑޯ އަދި އައުޓް ޑޯ ކުޅިވަރުތައް ކުޅެވޭނެ ތަނަކާއި ލައިބްރަރީއަކާއި ކްލާސްރޫމެއްގެ އިތުރުން ކޮމްޕިއުޓާ ލެބެއް ގާއިމުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.