ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަރާތުން ހުޅުމާލެ ދެ ސަރަހައްދެއްގައި ވޯލްޑް ކަޕްގެ މެޗްތައް ބެލޭނެ އިންތިޒާމުތައް ހަމަޖައްސައި ދިނުމަށް ނިންމައިފިއެވެ.
ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް މެޗުތައް ބޮޑު ސްކްރީނުގައި ދެއްކުމަށް "ބޯޅަފޯރި" ނަމުގައި އެޗްޑީސީން ވަނީ ހާއްސަ ހަރަކާތެއް މިއަދު އިފްތިތާހުކޮށް، އެ ހަރަކާތުގެ ޕާޓްނަރުންނާ އެކު ސޮއިކޮށްފައެވެ.
އެގޮތުން "ބޯޅަފޯރީގެ" މެއިން ޕާޓްނަރުންނަކީ ޔޫތް މިނިސްޓްރީ އާއި ސްޓެލްކޯއެވެ. އަދި އޮންލައިން މީޑިއާ ޕާޓްނަރުގެ ގޮތުގައި "މިހާރު"، ބެވެރެޖް ޕާޓްނަރުގެ ގޮތުގައި ކޮކާކޯލާ، ޕްރިންޓިން ޕާޓްނަރުގެ ގޮތުގައި ތިންކް އަދި ސަޕޯޓިން ޕާޓްނަރުގެ ގޮތުގައި ވެލިގާ ހާޑްވެއާ ވަނީ ހަމަޖައްސައިފައެވެ.
އެޗްޑީސީން ބުނީ ހުޅުމާލެގައި ދިރިއުޅޭ ފަރާތްތަކަށް ވޯލްޑް ކަޕް ބެލުމުގެ ފުރުސަތު ދިނުމަށް މިފަހަރު "ބޯޅަފޯރި" ފޯރިގަދަކޮށް ހުޅުމާލޭގައި ބޭއްވުމުގެ އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން ހުޅުމާލޭގެ ދެ ސަރަހައްދެއްގައި 20 ފޫޓު 40 ފޫޓުގެ ބޮޑު ސްކްރީނުގައި ވޯލްޑް ކަޕް މެޗުތައް އެޅުވުމަށް ނިންމާފައިވާ ކަމަށް އެކޯޕަރޭޝަނުން ބުންޏެވެ.
އޭގެ ތެރެއިން އެއް ސްކްރީން ހުޅުމާލޭވެ ސިންތެޓިކް ޓްރެކްގައި ބަހައްޓާ އިރު، ދެވަނަ ސްކްރީން ބަހައްޓަނީ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތައް ސަރަހައްދުގައެވެ. މިއީ ހުޅުމާލޭގެ ފޭސް އެކެއް އަދި ފޭސް ދޭއްގައި ދިރިއުޅޭ ފަރާތްތަކަށްވެސް ވޯލްޑް ކަޕް މެޗުތައް ބެލުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ބަހައްޓާ ސްކްރީންތަކެއް ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން އިތުރަށް ބުނީ އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ދެނެގަނެ އެންމެ ފުރިހަމަ ގޮތުގައި އެކަންކަން ފޯރުކޮށްދިނުމަށް ކަމަށެވެ. އެގޮތުން އާންމުން ބޭނުންވާ ކަންކަން ގާތުން ބަލައި އެކަންކަން ފަހިކޮށްދިނުމުގެ މަސައްކަތް އެ ކޯޕަރޭޝަނުގެ ފަރާތުން އަބަދުވެސް ކުރަމުންދާ ކަމަށް ބުންޏެވެ.