ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އާއި ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާގެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިއަދު ހެނދުނު ބޭއްވި އަޑުއެހުމަށް ޔޫސުފް ނައީމް ހާޒިރުވެފައި ނުވާތީ މިއަދު މެންދުރުގެ ވަގުތަކަށް އެ އަޑުއެހުން ފަސްކޮށްފިއެވެ.
ވ. އާރަށް މައްސަލައިގައި މިއަދު ހެނދުނު 9:30 އަށް ތާވަލުކުރި އަޑުއެހުން ފެށުމަށް ފަހު، މައްސަލަ ބައްލަވާ ގާޒީ، އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ، މިއަދުގެ އަޑުއެހުމަށް ބަލިހާލަތު ހުރި ގޮތުން ޔޫސުފް ނައީމަށް ހާޒިރު ނުވެވޭނެކަން އަންގާފައިވާ ކަމަށާއި އެހެންވެ ޔޫސުފް ނައީމްގެ ބައި މިއަދުގެ ފަހުގެ ވަގުތެއްގައި ކުރިއަށް ގެންދާނެ ކަމަށެވެ. އެކަމާ ގުޅިގެން ދައުލަތާއި ދިފާއުން ދެކޭ ގޮތް އެއްސެވުމުން، ދިފާއުންވެސް ދައުލަތުންވެސް ވަނީ އެކަމަށް އިއުތިރާޒްކޮށް ޔާމީނާއި ޔޫސިފް ނައީމްގެ ބައި އެއްކޮށް ކުރިއަށް ގެންދިއުމަށް އެދިފައެވެ.
އެހެންވެ، ދެފަރާތަށްވެސް ހަމަހަމަ ފުރުސަތު ދިނުމަށްޓަކައި ގާޒީ ޝަކީލް ނިންމެވީ، އަޑުއެހުން ދެން ކުރިއަށްގެންދަވާނީ މިއަދު 1:00 ޖަހާއިރު ކަމަށެވެ. އެ އަޑުއެހުމުގައި އޮންނާނީ ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކެވުމާއި ދައުލަތުން އަލަށް ހުށަހެޅި ހެކިތައް ބަލައިގަތުމާމެދު ގޮތެއް ނިންމުމެވެ.
އާރަށް މައްސަލައިގައި ރައީސް ޔާމީނަށް ކުރާ ދައުވާގައިވާ ގޮތުން އާރަށް ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮއްވައި ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކުރީ 2015 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ނުވަ ވަނަ ދުވަހުއެވެ. އަދި 13 އޯގަސްޓު 2015 ގައި އެ މައްސަލައިގައި ދެން ހިމެނޭ ފަރާތް، ޔޫސުފް ނައީމްގެ ހިއްސާ އޮންނަ ޓޫޖީ ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏެއް އުފައްދައި އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫޖީ ޕްރައިވެޓް ލިމިޓެޑަށް އެރަށް ދޫކުރީ ޔާމީނުގެ ނުފޫޒު ބޭނުން ކުރައްވައިގެން ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.
ޓޫޖީ ޕްރައިވެޓް ލިމިޓެޑާއި އެމްއެމްޕީއާރްސީއާ ދެމެދު ސޮއިކޮށްފައިވަނީ 9 ސެޕްޓެމްބަރު 2015ގައި ކަމަށާއި އޭގެ އެއް ދުވަސް ކުރިން 8 ސެޕްޓެމްބަރު 2015 ގައި ޓޫޖީގެ 99 ޕަސަންޓް ހިއްސާ ވިއްކާލައިފައިވާ ކަމަށެވެ. އަދި އެ ހިއްސާ ވިއްކި ފަރާތުން 9 ސެޕްޓެމްބަރުގައި އެއް މިލިއަން ޑޮލަރުގެ ޗެކެއް ޔޫސުފް ނައީމަށް ދީފައިވާ ކަމަށް ދައުލަތުން ބުނެފައިވެއެވެ. އަދި 13 ސެޕްޓެމްބަރުގައި އެ ޗެކްގެ ފައިސާ ޔޫސުފް ނައީމްގެ އެކައުންޓަށް ޖަމާވި ކަމަށާއި އޭގެ ދެ ދުވަސް ފަހުން 15 ސެޕްޓެމްބަރުގައި ޔޫސުފް ނައީމްގެ އެކައުންޓުން އެ ފައިސާ ނަގައި ރައީސް ޔާމީނުގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ. އަދި އެ ފައިސާ އެހެން، ފައިސާތަކާ އެއްކުރައްވައިގެން ޔާމީން ވަނީ މަނީ ލޯންޑާކުރައްވާފައި ކަމަށް ދައުލަތުން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު