ހިޔާ ފްލެޓްތަކުން އިއްޔެ ކަރަންޓާއި ފެނުގެ ހިދުމަތް ކެނޑުނު މައްސަލައިގައި ޒިންމާވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބުނެފިއެވެ.
ސްޓެލްކޯއިން އިއްޔެ ބުނީ ހިޔާ ސަރަހައްދުން ކަރަންޓާއި ފެން ކެނޑުނީ ދެވަނަ ފިޔަވަހީގެ 7،000 ހައުސިން ޔުނިޓަށް ކަރަންޓް ފޯރުކޮށް ދޭ މައި ކޭބަލް ބުރިވެގެން ކަމަށެވެ. އަދި ކޭބަލަށް ދިމާވި މައްސަލަ ހައްލުކުރަން ގިނަ ވަގުތު ނަގާތީ، ސްޓެލްކޯ އިން ވަނީ ވަގުތީ ކޭބަލެއް އަޅައި ފްލެޓްތަކަށް ކަރަންޓުގެ ހިދުމަތް ދީފައެވެ.
އެކަމާ ގުޅިގެން އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ހިޔާ ފްލެޓުތަކުން ކަރަންޓު ކެނޑުނީ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ އިމާރާތްކުރަމުންދާ މަޝްރޫއެއްގެ ކޮންޓްރެކްޓަރެއް މަގު ކޮނުމުގެ ތެރޭގައި ކަމަށާއި މަގު ކޮންނަމުން ދިޔައީ އެކަމަށް ނަގަންޖެހޭ ހުއްދަތައް ނުނަގައި ގަވައިދާ ހިލާފަށް ކަމަށެވެ. އަދި މިކަމާ ގުޅިގެން އެ ކޯޕަރޭޝަނުގެ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން އިތުރަށް ބުނީ ހުޅުމާލޭގެ އެއްވެސް ސަރަހައްދެއްގައި މަގުކޮނެ ކުރަންޖެހޭ މަސައްކަތްތައް ކުރާއިރު، އެ ކޯޕަރޭޝަނުގެ ހުއްދަ ނަގަން ޖެހޭނެ ކަމަށެވެ. އަދި ހުއްދަ ދިނުމުގައި ކަރަންޓާއި ފެނުގެ ހިދުމަތްދޭ ފަރާތްތަކަށް އެކޯޕަރޭޝަނުން އަންގައި އިންސްޕެކްޝަން ޓީމަކުން މަސައްކަތުގެ ސައިޓަށް ގޮސް އެ މަސައްކަތް ކުރިއަށްދާ ގޮތް ގަވާއިދުން ބަލަމުންދާނެ ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު