ވައިގެ މަގުން ބްރެޒިލުން ރާއްޖެ އައި މީހެއްގެ އަތުން 15 މިލިއަން ރުފިޔާގެ ކޮކެއިން، މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން މިއަދު ބުނީ އެތަކެތި އަތުލައިގެންފައި ވަނީ މިމަހުގެ ނުވަ ވަނަ ދުވަހު ރާއްޖެ އައި އުމުރުން 29 އަހަރުގެ ބްރެޒިލް އަންހެނަކާ މެދު ޝައްކު ކުރެވިގެން، އޭނާގެ ލަގެޖް ބަލައި ފާސްކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

އެގޮތުން އަތުލައިގަނެވުނު ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލު ކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން އަށް ޕޮޒިޓިވްވެފައިވާ ކަމަށްވެސް ކަސްޓަމްސްއިން ބުންޏެވެ.

ކަސްޓަމްސް އިން ބުނީ މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމުލަ 4.460 ކިލޯ ހުރި ކަމަށާއި މިތަކެތީގެ މަގުމަތީ އަގު 15 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

މައްސަލައިގައި ޝާމިލުވާ މީހާ އާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.

ކަސްޓަމްސް އިން އިތުރަށް ބުނީ މިއީ މިއަހަރުގެ މިހާތަނަށް މިބާވަތުގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް 10 ވަނަ ފަހަރު ކަމަށެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް 17 ކިލޯގެ ކޮކެއިން އަތުލައިގެންފައިވާ ކަމަށް ބުންޏެވެ.