ޚަބަރު

ޖުޑީޝަލް އެކެޑަމީގެ ޗާންސެލަރުކަމުން މާޖިދު ވަކިކުރި މައްސަލަ ބެެލެން ނެތް ކަމަށް ކުރި ހުކުމް ބާތިލުކޮށްފި

އިބްރާހިމް ޒަކީ

ޖުޑީޝަލް އެކެޑަމީގެ ކުރީގެ ޗާންސެލަރު އަހުމަދު މާޖިދު، މަގާމުން ވަކިކުރި މައްސަލަ ބެލުމުގެ އިހުތިސާސް ނެތް ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުމާއި، އެ ނިންމުމަށް ތާއީދުކޮށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފިއެވެ.

މި މައްސަލައަކީ، 2019 ވަނަ އަހަރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހާ ގުޅިގެން ދިމާވި މައްސަލައެކެވެ.

ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ އަކީ ސުޕްރީމް ކޯޓުގެ 31 އޮކްޓޯބަރު 2015ގެ ސާކިއުލާއިން ގާއިމު ކުރި ތަނެކެވެ. އެ ސާކިއުލާގައިވާ ގޮތުން، ޖުޑީޝަލް އެކަޑަމީގެ ތަންފީޒީ އެންމެ އިސް ފަރާތަކީ އެތަނުގެ ޗާންސެލަރެވެ. އެގޮތުގެ މަތީން ޗާންސެލަރުގެ ޒިންމާ އަދާކުރާ ފަރާތެއްގެ ގޮތުގައި، އަހުމަދު މާޖިދާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާ ދެމެދު "މަސްއޫލިއްޔަތު" އަދާކުރުމަށް 5 އޯގަސްޓް 2018 ގައި އެއްބަސްވުމެއްގައި ސޮއިކުރިއެވެ. އެހެންކަމުން އެ ތާރީހުން ފެށިގެން މާޖިދު ހުންނެވީ ސުޕްރީމް ކޯޓުން އުފެއްދި ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރުގެ މަގާމުގައެވެ.

އޭރު އެކަން އެގޮތަށް އޮތް ނަމަވެސް، ޖޭއެސްސީގެ ގާނޫނަށް 2019 ވަނަ އަހަރު ގެނައި އިސްލާހުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އުފެއްދިއެވެ. އަދި އެ ޑިޕާޓްމަންޓުގެ އިދާރީ އެންމެ އިސްފަރާތަކީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ކަމުގައި އެ ގާނޫނުން ކަނޑައެޅިއެވެ.

ތިނެއް ސެޕްޓެމްބަރު 2019 އިން ފެށިގެން އެ އިސްލާހަށް އަމަލު ކުރަން ފެށުމާއެކު، ސުޕްރީމް ކޯޓުގެ ސާކިއުލާގެ ދަށުން ގާއިމުކޮށް ހިންގަމުން ގެންދިޔަ ޖުޑީޝަލް އެކަޑަމީ އުވި، އެކަޑަމީގެ އިދާރީ މުވައްޒަފުންނާއި މަސައްކަތްތަކާއި އެ އެކަޑަމީގެ ހުރިހާ ވަސީލަތްތަކާއި އެންމެހާ މާލީ އަދި މަދަނީ ޒިންމާތަކާއި ހައްގުތައް، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަން ބަދަލުވިއެވެ. އަދި ޖުޑީޝަލް އެކަޑަމީގެ އެންމެ އިސްފަރާތަކީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ކަމުގައި ގާނޫނުން ކަނޑައެޅި، މާޖިދު އަދާކުރަމުންދިޔަ ޗާންސެލަރު ކަމުގެ މަގާމުން އޭނާ ވަކިވެގެން ދިޔައެވެ.

އެ މައްސަލައާ ގުޅިގެން، ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރު ކަމުގެ ވަޒީފާއިން މާޖިދު ވަކިކުރީ މައުލޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުކުރުމެއްނެތި، ގާނޫނާއި ގަވާއިދާ ހިލާފަށް ބޭއިންސާފުން ކަމަށް ބުނެ، 2 ނޮވެމްބަރު 2020 ގައި އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިއެވެ.

ސިވިލް ކޯޓުން ބުނެފައި ވަނީ، މާޖިދުގެ ފަރާތުން ހުށަހެޅި ދައުވާއަކީ އޭނާ ވަޒީފާއިން ވަކިކުރިގޮތުގެ މައްޗަށް ހިލާފު އުފައްދައި، ވަޒީފާގެ އެއްބަސްވުމެއްގެ މައްޗަށް ބިނާވާ މުސާރަ އާއި އިނާޔަތްތަކާއި އަދި ގެއްލުމުގެ ބަދަލު ހޯދުމުގެ ދައުވާއަކަށް ވާތީ، އެފަދަ ދައުވާގެ މައްސަލަތައް ގިންތި ކުރެވެނީ ވަޒީފާގެ މައްސަލަތަކުގެ ގޮތުގައި ކަމަށެވެ.

ވަޒީފާގެ މައްސަލަތަކުގެ ތެރެއިން ސިވިލް ކޯޓަށް އެ މައްސަލައެއް ބެލުމުގެ އިހުތިސާސް ލިބިގެންވަނީ ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން އެހެން ގާނޫނެއްގެ ދަށުން އިސްތިސްނާ ކުރެވިފައިވާ ދާއިރާތަކާއި، ފަރާތްތަކުގެ ވަޒީފާގެ މައްސަލަތައް ކަމަށްވެސް ބުނެފައިވެއެވެ. އަދި އެހެން ގާނޫނަކުން އިސްތިސްނާ ކުރެވިފައިވާ ދާއިރާތަކާއި ފަރާތްތައް ފިޔަވައި، ވަޒީފާގެ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބެލުމުގެ އިހުތިސާސް ލިބިދެވެނީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ކަން އެނގެން އޮންނާތީ، މާޖިދުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ ބެލުމުގެ އިހުތިސާސް އެ ކޯޓަށް ލިބިގެން ނުވާ ކަމަށްވެސް ބުނެފައިވެއެވެ.

ސިވިލް ކޯޓުގެ އެ ނިންމުމާ ގުޅިގެން މާޖިދުގެ ފަރާތުން އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅިއެވެ.

އެ މައްސަލަ ބެލުމަށްފަހު ޓްރައިބިއުނަލުން ބުނެފައިވަނީ، އެކަށީގެންވާ ސަބަބެއްނެތި ވަޒީފާއިން ވަކިކުރުމާ ބެހޭ މައްސަލަތައް ހުށަހަޅަން ޖެހޭނީ ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި ކަމަށެވެ.

އެހެންކަމުން މާޖިދު ޗާންސެލަރު ކަމުގެ މަގާމުން ވަކިކުރި އިރު، ހިންގުމުގެ އިސް މަގާމުތަކުގައި ތިބޭ މީހުން ވަޒީފާއިން ވަކިކުރުމާ ގުޅޭ މައްސަލައަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ބެލުމުގެ އިހުތިސާސް ލިބިގެންނުވާ މައްސަލައެއްކަމުގައި ކަނޑައަޅާ ކަމަށެވެ.

މާޖިދު އެ މައްސަލަ ހައިކޯޓަށްވެސް ހުށަހެޅިއެވެ. ނަމަވެސް ހައިކޯޓުން ވަނީ އެ މައްސަލައިގައި ޓްރައިބިއުނަލްގެ ނިންމުމަށް ތާއީދުކޮށްފައެވެ.

ނަމަވެސް އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުުން މައްސަލަ ބަލައި މިއަދު ކުރި ހުކުމްގައި، ޓްރައިބިއުނަލުން ނިންމި ނިންމުމާއި، ޓްރައިބިއުނަލްގެ ނިންމުމަށް ތާއީދުކޮށް ހައިކޯޓުން ކުރި ހުކުމްވެސް ވަނީ ބާތިލުކޮށްފައެވެ. އަދި ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި މާޖިދުގެ ފަރާތުން އެ މައްސަލަ އަލުން ޓްރައިބިއުނަލަށް ހުށަހަޅައިފިނަމަ، އެ މައްސަލަ ޓްރައިބިއުނަލުން ބަލަންޖެހޭނެ ކަމަށްވެސް ސުޕްރީމް ކޯޓުގެ ހުކުމްގައި ވެއެވެ.