ހައްޖާއި އުމްރާގެ އުސޫލުތައް ކަނޑައަޅާ ބިލެއް އެކުލަވާލައި، އެޓާނީ ޖެނެރަލްގެ އޮފީހުން ރައީސް އޮފީހަށް ފޮނުވައިފިއެވެ.

އެޓާނީ ޖެނެރަލް (އޭޖީ) ބުނީ، އެ ބިލަކީ ރާއްޖެއިން ހައްޖާއި އުމްރާއަށް މީހުން ގެންދިޔުމުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން އެކުލަވާލާފައިވާ ބިލެއް ކަމަށެވެ.

އެ ބިލުގައި ހިމެނެނީ ހައްޖަށާއި އުމްރާއަށް މީހުން ގެންދާ އަމިއްލަ ކުންފުނިތަކާ ގުޅޭ އުސޫލުތައް ކަނޑައެޅުމާއި މޯލްޑިވްސް ހައްޖު ކޯޕަރޭޝަން އިން ފޯރުކޮށްދޭ ހިދުމަތްތައް ހަރުދަނާކޮށް، އަގުހެޔޮކޮށް ހިދުމަތް ފޯރުކޮށް ދިނުމަށް އުމްރާ ފަންޑެއް ގާއިމްކޮށް، އެ ފަންޑަށް ފައިސާ އިންވެސްޓްކުރުމުގެ އުސޫލެއް ކަނޑައެޅުމެވެ.

ހައްޖާއި އުމްރާގެ ހިދުމަތް ދޭ އަމިއްލަ ކުންފުނިތަކަށް ހުއްދަ ދިނުމާއި ހުއްދަ ހިފެހެއްޓުމާއީ ހުއްދަ ބާތިލުކުރުމުގެ އުސޫލާއި ހައްޖާއި އުމްރާގެ ހިދުމަތްދޭ ކުންފުނިތަކުން ދިނުން ލާޒިމް ހިދުމަތްތައް އިންތިޒާމްކުރުމުގައި ހުންނަންޖެހޭ އަސާސީ މިންގަނޑު އެކުލަވާލުން ވެސް ހިމެނެއެވެ. މީގެ އިތުރުން އޭޖީ އޮފީހުން ވަނީ އެ ބިލުގައި ހައްޖާއި އުމްރާގެ ހިދުމަތްތަކުން ފައިސާ ނެގުމުގައި ދެ ފަރާތުން އަމަލުކުރަންޖެހޭ އުސޫލެއް ކަނޑައެޅުމަށްވެސް ބަޔާންކޮށްފައެވެ.

ހައްޖާއި އުމްރާގެ ހިދުމަތް ފޯރުކޮށްދިނުމާ ގުޅޭގޮތުންނާއި އިސްލާމިކް މިނިސްޓްރީން އެކަމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު ބަޔާންކުރަންވާނެ ކަމަށްވެސް ވެއެވެ. އަދި ގަނޫނާއި ގަވާއިދާ ހިލާފަށް އަމަލުކުރާ ފަރާތްތަކަށް ފިޔަވަޅު އެޅޭނެ އުސޫލެއް ގާއިމުކުރުންވާނެ ކަމަށް ވެސް އޭޖީ އޮފީހުން ވަނީ ބިލުގައި ހިމަނައިފައެވެ.