މިދިޔަ ބުދަ ދުވެހުގެ ރޭ އަލިފާނުގެ ހާދިސާއެއް ހިނގި މ. ނިރުފެހި ގެއިން އިންސާނެއްގެ ފައިތިލަ ފެނިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަން "ވަން" އަށް މިރޭ ވިދާޅުވީ ފެނުނު ފައިތިލައަކީ ހާދިސާގައި މަރުވި މީހެއްގެ ފައިތިލައެއްތޯ ބަލަމުންދާ ކަމަށެވެ. އަދި މިއަދު ފެނުނު ފައިތިލަ ފިޔަވައި އިންސާނެއްގެ ހަށިގަނޑުގެ އިތުރުބައެއް ފެނިފައި ނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި އަލިފާނުގެ ހާދިސާގައި މަރުވި އެންމެންގެ ގުނަވަންތައް ހަމައެވެ.
ފުލުހުން ފުރަތަމަ ބުނެފައިވަނީ އެގެއިން ފެނުނީ އަތްތިލައެއް ކަމަށެވެ. ނަމަވެސް އަތްތިލައެއް ފެނުނު ކަމަށް ބުނެވުނީ އޮޅުމަކުން ކަމަށާއި އެގެއިން ފެނުނީ ފައިތިލައެއް ކަމަށް ފުލުހުން ފަހުން ވަނީ ބުނެފައެވެ.
ފައިތިލަ ފެނިފައިވަނީ ނިރުފެހިގެ ސާފުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. އެތަން ސާފުކުރުމުގެ މަސައްކަތް ކުރަމުންދަނީ ޕްލޭނިން މިނިސްޓްރީންނެވެ. އެ މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ނިރުފެހިގެ ތަޅާލުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.
ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި 10 ބިދޭސީއަކު ވަނީ މަރުވެފައެވެ. އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އެ ގޭގެ ތިރީ ފްލޯގައި ހުރި ގަރާޖެއްގައެވެ. ގަރާޖުގައި ރޯވި އަލިފާންގަނޑު ދޮޅު މިނިޓު ތެރޭ ވަނީ މުޅި އެ އިމާރާތަށް ފެތުރިފައެވެ. އެ ގޭގެ މަތީ ދެ ފްލޯއަކީ އެކޮމެޑޭޝަން ބްލޮކްތަކެވެ. މަރުވެފައިވަނީ އެތަނުގައި ދިރިއުޅުނު ބިދޭސީންނެވެ.
ފުލުހުން ދަނީ އެ އަލިފާނުގެ މައްސަލަ ތަހުގީގު ކުރަމުންނެވެ.