ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޑުޖައްސައިލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.
ނަޝީދު، މަޖިލީހުގެ ޖަލްސާތަކާއި މަޖިލީހުގެ އެހެނިހެން ކަންތައްތައް ގަވާއިދާ ހިލާފަށް، ބާރުގެ ބޭނުންކުރައްވައިގެން ކުރައްވަމުން ގެންދަވާކަމުގެ ޝަކުވާއާ އެކު ސަރުކާރަށް ތާއީދުކުރައްވާ މަޖިލިސް މެމްބަރުންތަކެއް ވަނީ މިއަދު ރައީސް ސޯލިހާ ބައްދަލުކުރައްވައިފައެވެ.
އެ ބައްދަލުވުމަށް ވަޑައިގަތް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) "ވަން" އަށް މިރޭ ވިދާޅުވީ، ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ބޭނުންވާކަން ބައެއް މެމްބަރުން ހާމަކުރެއްވުމުން އެ މަސައްކަތް މަޑުޖައްސައިލުމަށް ރައީސް ދެންނެވި ކަމަށެވެ.
"އެ މަނިކުފާނު ވިދާޅުވީ އިހަށް މަޑުކޮށްލަވަދޭށޭ. އެހެންވެ އަޅުގަނޑުމެން ވެސް މިހާރު މިތިބީ އަދި އެ މަސައްކަތް އިތުރަށް ކުރިއަށް ނުގެންދާ ގޮތަށް،" މަވޯޓާ ވިދާޅުވިއެވެ.
މަވޯޓާ ވިދާޅުވީ މީގެ ކުރިން ވެސް ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލައަށް ބޭނުންވާ އަދަދަށް ސޮއި ހަމަކޮށްގެން ރައީސްއާ ބައްދަލުކުރެއްވުމުން އެކަން ކުރިއަށް ނުގެންދިޔުމަށް އެދިވަޑައިގަންނެވި ކަމަށެވެ.
އޭނާ ވިދާޅުވީ "އެކަމަކު ވެސް އަޅުގަނޑުމެންނަށް ކެތް ކުރެވޭނީ ވަކިވަރަކަށް" ކަމަށެވެ. އެފަހަރު ނަޝީދު މަގާމުން ވަކިކުރަން މެމްބަރުން މަސައްކަތް ކުރެއްވީ ރައީސް ސޯލިހު ބަދުއަހުލާގީ އަމަލު ހިންގަވާ ފޮޓޯތަކެއް ލިބިވަޑައިގެންފައިވާ ކަމަށް ނަޝީދު ވިދާޅުވުމުންނެވެ.
ނަޝީދު ގެންދަވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާ ގުޅިވަޑައިގެން ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވަމުން ކަމަށް މަވޯޓާ ތުހުމަތު ކުރެއްވިއެވެ.
"އަޅުގަނޑުމެން އެ ޕާޓީގެ މެމްބަރުން ކުރިމަތީގައި އިދިކޮޅާ ގުޅިގެން މި ސަރުކާރާ މަސައްކަތް އެ ކުރައްވަނީ، އެ މީހުން ދައްކަންވީ ވާހަކަތަކާއީ ކަންތައް ކުރިއަށް ގެންދަވީ ގޮތް އަޅުގަނޑުމެން ކުރިމަތީގައި މި ކިޔައިދެއްވަނީ ނަޝީދު" މަވޯޓާ ވިދާޅުވިއެވެ.
މީގެ އިތުރުން މަވޯޓާ ވިދާޅުވީ ނަޝީދު ބޭނުންފުޅަކީ ކޮންމެ ގޮތަކުވެސް ވެރިކަމަށް ވަޑައިގެންނެވުން ކަމަށާއި އެކަން ހާސިލުކުރެއްވުމަށް އެ މަނިކުފާނު "ކޮންމެފަދަ" ކަމެއް ވެސް ކުރައްވަފާނެ ކަމަށެވެ. އަދި ވިދާޅުވީ ނަޝީދު މިހާރު ވެސް ގެންދަވަނީ އެމްޑީޕީގެ ތެރޭގައި ފިތުނަ އުފައްދައި އިދިކޮޅާ ގުޅިވަޑައިގެން ވެރިކަމަށް ވަޑައިގަންނަވަން ކަމަށް މަވޯޓާ ވިދާޅުވިއެވެ.
"ނަޝީދު އެކަންތައް ކުރާ ގޮތުގެ ސަބަބުން ލޭ އޮހެރުންތަކަށް ގޮސްދާނެ، މާޒީގައި އެކި ގައުމުތަކުގައި އެކަން އެބަހުރި ފެނިފައި،" މަވޯޓާ ވިދާޅުވިއެވެ.
މީގެ ކުރިންވެސް މަޖިލިސް ރައީސް ގަވާއިދާ ހިލާފަށް މަޖިލިސް ޖަލްސާތަކުގައި ކަންކަން ކުރައްވަމުން ގެންދަވާތީ ނިޒާމީ ނުކުތާ ނަންގަވައިގެން މެންބަރުން އެކަން ފާހަގަކުރަމުން ގެންދެވިއެވެ. ނަމަވެސް މަޖިލިސް ރައީސް އެކަމަށް އިންކާރުކުރައްވައެވެ. އަބަދުވެސް ވިދާޅުވަމުން ގެންދަވަނީ "މި މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ހަމަ އެންމެން ކަމެއްވެސް ގަވާއިދާ ހިލާފަށް ނުކުރައްވާނަން،" ކަމަށެވެ.
ނަމަވެސް މަޖިލީހުގެ ކަންކަން ގަވާއިދާ ހިލާފަށް ކުރިއަށްގެންދަވާ މައްސަލައިގައި މެމްބަރުންގެ ކެތްތެރިކަން މިއަދު ކޮޅުންލީ ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާމެދު އިއްޔެ އާއި މިއަދު މަޖިލީހުގެ ރިޔާސަތުން ކަންކުރެއްވި ގޮތުންނެވެ.
އެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ނިންމައި މިހާރު އޮތީ މަޖިލިސް ތަޅުމަށް ފޮނުވައިފައެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ދެން އޮންނަން ޖެހޭނީ ކޮމިޓީން އެ ބިލު ދިރާސާކޮށް މަޖިލީހަށް ފޮނުވި ކޮމިޓީ ރިޕޯޓަށް ބަހުސް ކުރުމަށް ހުޅުވާލައި، އެއަށްފަހު ބިލުގެ ތިންވަނަ ކިޔުން އިއްވައި ބިލު ފާސްކުރުމަށް ވޯޓަށް އެހުމެވެ.
އިއްޔެގެ ޖަލްސާގައި ކޮމިޓީ ރިޕޯޓަށް ބަހުސްކުރަން ހުޅުވައިލުމުން އެއްވެސް ބޭފުޅަކު ފުރުސަތަކަށް އެދިވަޑައެއް ނުގެންނަވައެވެ. ނަމަވެސް ބިލުގެ ތިންވަނަ ކިއުން އިއްވައި ވޯޓަށް އެހުމެއް ނެތި، އެ ވަގުތު ރިޔާސަތުގައި އިންނެވި ނަޝީދަށް ތާއިދުކުރައްވާ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ވަނީ ބިލަށް ވޯޓަށް އަހަން ބޭނުންވާ ކޯރަމް ނެތް ކަމަށް ވިދާޅުވެ ޖަލްސާ ނިންމަވާލައްވައިފައެވެ.
އެ މައްސަލައިގައި މެމްބަރުން އިހުތިޖާޖުވެސް ކުރެއްވިއެވެ. އެބޭފުޅުން ވިދާޅުވީ، އަފީފު ޖަލްސާ ނިންމަވައިލެއްވީ މަޖިލީހުގެ ގަވާއިދުގެ ތިން ކަމަކާ ހިލާފުވެވަޑައިގެން ކަމަށެވެ.
މިއަދުގެ ޖަލްސާ ފެއްޓެވުމަށްފަހު ނަޝީދު ވަނީ، އަފީފު އިއްޔެ ކަންތައް ކުރެއްވި ގޮތް ދިފާއުކުރައްވައިފައެވެ. އަދި ކުރީން ވާހަކަދައްކަވާނެ މެމްބަރަކު ނުވެގެން ބަހުސް ކުރުމުގެ ފުރުސަތު ބަންދު ކޮށްފައި އޮތް، އެ ބިލަށް ބަހުސް ކުރުމުގެ ފުރުސަތު އަލުން ހުޅުވައިލެއްވިއެވެ.
ނަމަވެސް އިއްޔެއެކޭ އެއްގޮތަށް ނަޝީދުވެސް ޖަލްސާ ނިންމަވައިލެއްވީ އެ ބިލަށް ވޯޓަށް ނާއްސަވައެވެ. އެކަމާ ގުޅިގެން މިއަދުވެސް މެމްބަރުން އިހުތިޖާޖު ކުރެއްވިއެވެ. އެ އިހުތިޖާޖުގެ ތެރެއިން ޓެކްސް ބިލުގެ ފަހުން އޮތް ގަރާރަށް ވޯޓަށް އެއްސެވިއެވެ. އަދި އެ ވޯޓުގެ ނަތީޖާ ވިދާޅުވުމަށްފަހު ޖަލްސާ ނިންމަވައިލެއްވިއެވެ.