މ. ނިރުފެހި ގޭގައި މިދިޔަ ބުދަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ބިދޭސީ މީހާގެ ހާލު އަދިވެސް ސީރިއަސް ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
ނިރުފެހި ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި 10 ބިދޭސީއަކު ވަނީ މަރުވެފައެވެ. އޭގެ ތެރެއިން އެކަކީ ހާދިސާގައި ފިހިގެން އައިޖީއެމްއެޗަށް ގެންދިޔަ ދެ މީހުންގެ ތެރެއިން އެކަކެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ، އެ ހޮސްޕިޓަލަށް ގެނައި އަނެއް މީހާއަށް އަދިވެސް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށެވެ. ނަމަވެސް އޭނާގެ ހަށިގަނޑުން ފިހިފައިވަނީ ނުވަތަ ލިބިފައިވަނީ ކޮން ކަހަލަ އަނިޔާތަކެއް ކަމެއް ވިދާޅެއް ނުވެއެވެ.
މި ބިދޭސީ މީހާއަކީ ކޮން ގައުމެއްގެ މީހެއްކަން އައިޖީއެމްއެޗަކުންވެސް އެމްއެންޑީއެފަކުންވެސް ނުބުނެއެވެ.
މި ހާދިސާގައި މަރުވި 10 މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ އަށް މީހަކާއި ބަންގްލަދޭޝްގެ ދެ މީހެކެވެ. އެ މީހުންގެ ހަށިގަނޑުތައް ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާއިރު މިހާތަނަށް ތިން މީހެއްގެ ހަށިގަނޑު ވަނީ އެމީހުންގެ އާއިލާއާ ހަވާލުކުރުމަށް ގެންގޮސްފައެވެ.