މ. ނިރުފެހިގޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ތިން މީހެއްގެ ހަށިގަނޑު އެމީހުންގެ ގައުމަށް ފޮނުވާލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
އަލިފާނުގެ ހާދިސާ އާއި މިހާރު ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށް ގެންދާ ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ދިނުމަށް ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑެތު އެންޑް ހޮމިސައިޑް އިންވެސްޓިގޭޝަން ޑިޕާޓުމަންޓުގެ ހެޑް، އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު ވިދާޅުވީ މިހާދިސާގައި އިންޑިއާގެ އަށް މީހަކާއި ބަންގްލަދޭޝްގެ ދެ މީހަކު މަރުވެފައިވާ ކަމަށެވެ.
ސާމިހު ވިދާޅުވީ އިންޑިއާގެ ތިން މީހެއްގެ ހަށިގަނޑު މިހާރު އާއިލާ އާ ހަވާލު ކުރުމަށް ގައުމަށް ފޮނުވާލާފައިވާ ކަމަށެވެ.
"ބާކީ ތިބި މީހުންގެ ހަށިގަނޑުތައް ގައުމުތަކަށް ފޮނުވާލުމަށް ކުރަންޖެހޭ މަސައްކަތް މިދަނީ ކުރަމުން. މި މައްސަލަ ހާއްސަ މައްސަލައެއްގެ ގޮތުގައި މިދަނީ ތަހުގީގު ކުރަމުން." އޭނާ ވިދާޅުވިއެވެ.
އަލިފާނުގެ ހާދިސާ ހިނގި ވަގުތު އެ އިމާރާތުގެ ތެރޭގައި 26 މީހަކު ތިބި ކަމަށާއި އޭގެ ތެރޭގައި ގަރާޖާއި މަތީ ދެ ފްލޯގައި ތިބި މީހުން ހިމެނޭ ކަަމަށްވެސް ސާމިހް ވިދާޅުވިއެވެ.
ސާމިހް ވިދާޅުވީ ނިރުފެހިގޭގެ ފުރަތަމަ ބުރީގައި ހަތަރު ކޮޓަރި އަދި ދެވަނަ ބުރީގައި އަށް ކޮޓަރި ހުރި ކަމަށާއި ކޮންމެ ތަނެއްވެސް ހުރީ ވަކީން ކެއްކޭ ގޮތަށް އިންތިޒާމު ހަމަޖައްސާފައި ކަމަށެވެ. އަދި ގަރާޖުގައި މަސައްކަތް ކުރާ މީހުން ނިދަން ތިރީގައިވެސް ކޮޓަރިއެއް ހަދާފައިވާ ކަމަށާއި އެ ތަނުގައި ފަސް މީހަކު ދިިރިއުޅޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރުން އަލިފާނުގެ ހާދިސާ ހިނގައިގެން އުޅުނު ވަގުތު ނިރުފެހިގެއިން ފެނުނު ދެ މީހަކަށް ވަގުތުން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ފޮނުވުނު ކަމަށާއި އެ ދެ މީހުންގެ ތެރެއިން އެކަކު ފަރުވާދެމުން ދަނިކޮށް މަރުވި ކަމަށެވެ. އަދި އަނެއް މީހާއަށް އަދިވެސް އައިޖީއެމްއެޗުގައި ފަރުވާދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.