ފިރިމީހާ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދި ކަމަށް ތުހުމަތުކުރާ، ފައިސާ ބޭނުންކުރި ކަމަށް ބުނެ އޭނާގެ އަނބިމީހާ، ގދ. ތިނަދޫ ލަކީލާސްޓް، ރާމިޒާ އަލީގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ފުރަތަމަ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލަން ނިންމި ނިންމުން ހައި ކޯޓުގައި އިސްތިއުނާފުކުރުމުން އެ މައްސަލަ އަލުން ބެލުމަށް އަމުރުކޮށްފިއެވެ.

ރާމިޒާގެ މައްޗަށް ދައުވާ ކުރީ އޭނާގެ ފިރިމީހާ ގދ. ތިނަދޫ، ރަންގަލް، ހަސަން ލޫތު، އިތުރު ބަޔަކާއެކު މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ހޯދި ކަމަށް ޝައްކު ކުރެވޭ ފައިސާ އޭނާގެ އެކައުންޓަށް ޖަމާކުރުމުން، އޭގެން މަންފާ ހޯދާފައިވާތީ އެވެ.

މިއީ މަނީ ލޯންޑަރިންނާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ލިބުނު ފައިސާ ބޭނުން ކުރިކަމުގެ ތުހުމަތުގައި އުފުލި ފުރަތަމަ ދައުވާއެވެ. މަނީ ލޯންޑަރިންގެ ގާނޫނުގައިވާ ގޮތުން ވަކި ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާއެއްކަން ޝައްކު ކުރެވޭ ހާލަތުގައި އެ ފައިސާ އަތުގައި ބަހައްޓައިފި ނަމަ އަދި، އެއިން މުއާމަލާތުކޮށްފި ނަމަ އެއީ މަނީ ލޯންޑަރިންގެ އަމަލެއްކަމުގައި ބެލެވޭނެއެވެ.

ރާމިޒާގެ މަައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ މައްސަލަ ސާބިތުކުރެވޭ ހެކި ނެތުމުން، އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ނިންމެވީ އެ ދައުވާ ރާމިޒާގެ މައްޗަށް ސާބިތު ނުކުރެވޭނެ ކަމަށެވެ. އެ މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ހައިކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރު ފައިސަލް ވިދާޅުވީ ހެކި ބަލައިނުގަތުމަށް ނިންމީ ހެއްކާ ބެހޭ ގާނޫނުގައި ބުނާ އުސޫލާ "ދިމާ އިދިކޮޅަށް" ކަމަށާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވާން، އިތުރު ކުށެއްކުރިކަން އެނގެން ނުޖެހޭ ކަމަށެވެ. އެހެންވެ، އެ މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓަށް އަންގާ ކަމަށެވެ.

ދައުލަތުން ބުނެފައި ވަނީ ލޫތު ހައްޔަރު ކުރުމާ ހަމައަށް ރާމިޒާގެ އިސްލާމިކް ބޭންކް އެކައުންޓަށް އެކި ދުވަސް މަތިން 95،510 ރުފިޔާ އާއި އޭނާގެ ބީއެމްއެލް އެކައުންޓަށް 194،170 ރުފިޔާ އާއި އެ ދެމަފިރިންގެ ފިރިހެން ދަރިފުޅުގެ އެކައުންޓަށް 103،370 ރުފިޔާ ޖަމާކޮށްފައި ވަނިކޮށް، އެ އެކައުންޓުތަކުގައިވާ ފައިސާތަކަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދި ފައިސާ ކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ޝައްކު ކުރެވޭ ހާލަތު އޮވެ، އެ ފައިސާ ނަގައި އެ ފައިސާ ބޭނުންކޮށްފައިވާ ކަމަށެވެ.

އެ މައްސަލައިގައި ރާމިޒާ އާއި އޭނާގެ ފިރިމީހާގެ ކޮޓަރި ފުލުހުން ބަލައި ފާސްކުރި އިރު ލޮކަރެއްގެ ތެރޭގައި ހުރި ދަބަހެއްގެ ތެރެއިން 16،000 ރުފިޔާ އާއި ރަތް ކުލައިގެ ރަބަރު ކޮތަޅެއްގެ ތެރެއިން 1.5 މިލިޔަން ރުފިޔާ އާއި ނޫ ކުލައިގެ ފޮތި ކޮތަޅެއްގެ ތެރެއިން 450،000 ރުފިޔާ ފެނިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.