ރިޕޯޓް

ދަރީންގެ ހަރަދު: 2000 ރުފިޔާއިން ކުރެވޭނީ ކޮންކަމެއް؟ އެއީ ދަރިފުޅަށް ހައްގު މިންވަރުތަ؟

އަލީ ޔާމިން

13

ރާއްޖެއަކީ ވަރީގެ އަދަދަށް ބަލާއިރު ދުނިޔޭގެ ރެކޯޑެވެ. އާއިލާތައް ރޫޅުމުގެ ސަބަބުން އެތައް ހާސް ކުދީންނެއް ތިބީ ބިކަވެފައެވެ. އެކުދިން ވަނީ އެތައް އުފަލަކުން މަހްރޫމުވެފައެވެ. އެތައް ހައްގަކުން މަހްރޫމުވެފައެވެ. ގާނޫނީ ގޮތުން ކުއްޖާގެ ބަދަލުވެރިޔަކީ ކުދީންގެ ބައްޕައެވެ. ޝަރުއީ ގޮތުން އަދި ގާނޫނީ ގޮތުންވެސް ކުއްޖާގެ ހަރަދު ބަލަހައްޓަން ޖެހެނީ ކުއްޖާގެ ބައްޕައަށެވެ.

ދަރިއެއް ނުވަތަ ދަރީންތަކެއް ލިބުމަށްފަހު ކައިވެނި ރޫޅޭ ހާލަތުގައި، ނުވަތަ ބައެއް ފަހަރު ކައިވެނިކޮށްގެން އުޅޭ ހާލަތުގައިވެސް ދަރީންގެ "ހަރަދު"ގެ މައްސަލަ ރާއްޖޭގައި ވަރަށް ގިނައިން ފެންމަތިވެފައެވެ.

ގާނޫނު ބުނަނީ ކީކޭ؟

އާއިލާއާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ އާއިލާއާ ބެހޭ ގަވައިދުގައިވާ ގޮތުގައި ކުުއްޖާގެ އުމުރުން 18 އަހަރު ފުރެންދެން ކުއްޖާގެ ހަރަދަށާއި ކުއްޖާ
ބެލުމުގެ ހަރަދަށް، އެއްކުއްޖަކު ހުރިނަމަ، މަހަކު 2000 ރުފިޔާ، އެއްކުއްޖަކަށްވުރެ ގިނަ ކުދިން ތިބިނަމަ، އިތުރުވާ ކޮންމެ ކުއްޖަކަށް މަހަކު 1000 ރުފިޔާއަށް ވުރެ މަދު ނޫން އަދަދެއް ދޭންވާނެއެވެ.

ގަވައިދުގައިވާ ގޮތުން ހަރަދުގެ ގޮތުގައި ދޭ ފައިސާގެ އިތުރުން ކޮންމެ ދަރިއަކަށް އަހަރަކު ތިން ހެދުމާއި ކިޔަވައިދިނުމުގެ ހަރަދުގެ ގޮތުގައި އަހަރަކު ދެ ޔުނިފޯމާއި އެއް ބޫޓާއި ފޮތް ލިސްޓާއި ކިޔެވުމަށް ބޭނުންވާ އެހެނިހެން ތަކެތި ހޯދައިދޭން ޖެހެއެވެ. ބޭސްފަރުވާގެ ހަރަދުވެސް ދޭން ޖެހެއެވެ. އެ ހަރަދު ދިނުމުގައި ބަލަނީ ސަރުކާރުގެ ބޭސްފަރުވާ ކޮށްދޭ މަރުކަޒުތަކުގެ ހިދުމަތްދޭ ރޭޓަށެވެ. ނަމަވެސް ކުއްޖާގެ ހާލަތަށާއި ބަދަލުވެރިޔާ (ބައްޕަ)ގެ ތަނަވަސްކަމުގެ މައްޗަށް ރިއާރަތްކޮށް އިތުރު ހަރަދުވެސް ނެގިދާނެއެވެ.

2،000 ރުފިޔާއަކީ ހައްގު މިންވަރު؟

މަހެއްގެ މައްޗަށް 2،000 ރުފިޔާއަކީ ދަރީންގެ ހުރިހާ ހަރަދެއް ފުއްދޭ ވަރަށްވުރެ މާ ބޮޑަށްވެސް ކުޑަ އަދަދެކެވެ. އެންމެ ކުޑަމިނުން ދަރީންގެ ސްކޫލު ފީއާއި ޓިއުޝަން ފީތައްވެސް 2000 ރުފިޔާއަކުން ނުދެއްކެއެވެ.

"ރަޖިސްޓްރޭޝަން ފީއަށް 700 ރުފިޔާ ދައްކަން އެބަޖެހޭ. އޭގެ އިތުރުން ކޮންމެ މަހަކު 600 ރުފިޔާ އެބަނަގާ. ސްކޫލުގެ އެކި ކަހަލަ ހަރަދުތަކަށް މަދުވެގެން 1000-1500 ރުފިޔާ އެބަ ހަރަދުވޭ. ޓިއުޝަންތަކަށް 600-1000 ރުފިޔާ ހަރަދުވާނެ" ފަލާހް ޕްރީ ސްކޫލުގެ ބެލެނިވެރިޔަކު "ވަން" އަށް ބުންޏެވެ.

ކުޑަކުދިން ޖަހާ ނެޕީގެ އަގުތައް އުޅެނީ 80 ރުފިޔާއިން ފެށިގެން 450 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. ދުވާލެއްގެ މައްޗަށް ހަތަރު ނެޕީ އާއްމު ގޮތެއްގައި ބަދަލުކުރާއިރު، މަހެއްގެ މައްޗަށް ދެތިން ނެޕީބޮނޑީން ނޫނީ ނުވެއެވެ. ކުއްޖާއަށް ކާންދޭ ބޭބީފުޑާއި ކާނާއަށް ބެލި ނަމަވެސް މަހެއްގެ މައްޗަށް މަދުވެގެން 1،000 ރުފިޔާ ހަރަދުވެއެވެ. އެންމެ އާއްމު ގޮތެއްގައި ކުޑަކުދިންނަށް ކާންދޭ ސެރެލެކް އަދި ޕްރޮމިނާ ޕެކެޓެއްވެސް އުޅެނީ 28-80 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. ތަރުކާރީއާއި އެއްޗެހި މިކްސްކޮށްގެން ކާންދޭނަމަ އެއީވެސް އިތުރުވާ ހަރަދެކެވެ.

އެކަނި ދެދަރީން ބަލަމުން އަންނަ މަޔަކު "ވަން" އަށް ބުނި ގޮތުގައި އުމުރުން ހަތް އަހަރު ނުވާ ކުއްޖެއްނަމަ އެންމެ މަދުވެގެންވެސް ދަރިފުޅުގެ ހަރަދުގެ ގޮތުގައި މަހެއްގެ މައްޗަށް 4500-6000 ރުފިޔާ ހަރަދުވާނެއެވެ. އޭގެ ފަހުންވެސް 3،000 ރުފިޔާއިން މަތިން ހަރަދުވާނެ ކަމަށް އޭނާ ބުންޏެވެ.

"އެންމެ ބޭބީއިރު އެބަ ޖެހޭ ވަރަށް ބޮޑެތި ހަރަދުތައް ކުރަން. މިސާލަކަށް ނެޕީއާއި ބޭބީ ފުޑާއި ޓޯއީސް ފަދަ އެއްޗެއްސަށް. އެކަމު ބޭބީ ގްރޯވާ ވަރަކަށް އެބަޔަށް ކުރަން ޖެހޭ ހަރަދުތައް ކުޑަވާނެ. ހޯމް މޭޑް ފުޑް ދެވެން ފެށީމަ ތަންކޮޅެއް ހަރަދު ކުޑަވާނެ. ދެން އެކަމު ކްލޯތިންއަށް ހަމަ ބޮޑު ހަރަދެއްދާނެ. އަދި ހުންނާނެތާ ކުއްޖާގެ އުފަލަށް ޓަކައި އަދި ޒަރޫރީ ކަންކަން ފުއްދަން ކުރަން ޖެހޭ އެހެން ހަރަދުތައްވެސް. 2000 ރުފިޔާއަކީ މާ ބޮޑަށްވެސް ކުޑަ އަދަދެއް" އޭނާ ބުންޏެވެ.

އެހެން ބެލެނިވެރިޔަކުވެސް ބުނީ، މަހެއްގެ މައްޗަށް ކުއްޖަކަށް 3000 އާއި 5000 އާ ދެމެދުގެ އަދަދެއް އެންމެ މަދުވެގެން ވެސް ހަރަދުވާނެ ކަމަށެވެ. ގުރުއާން ކުލާހާއި އިނގެރޭސި ކުލާހާއި ސްކޫލު ތަކެއްޗާއި ކުއްޖާގެ އުފަލާއި ހިތްހަމަޖެހުމަށް ހޯދަން ޖެހޭ ސާމާނު، ރަނގަޅު ކާނާ، އަދި ބައެއް ފަހަރު އަމިއްލަ ޖީބުން ކުރާން ޖެހޭ ސިއްހީ ހަރަދުތަކަކީ ކޮންމެ މަހަކުވެސް ގަވައިދުން ދާނެ ހަރަދުތަކެއް ކަމަށެވެ. ކެޑޭޓާއި ސްކައުޓް، ގާލްގައިޑް އަދި ފަތާ ކުލާސް ފަދަ ކަންކަމަކީ ވެސް ކުއްޖާގެ ހެޔޮތަރުބިއްޔަތަށް ކޮންމެހެން މުހިންމު، ބޮޑެތި ހަރަދުތައް ހިނގާ ކަންކަމެވެ.

"2000 ރުފިޔާއިން ވާނެ އެއްވެސް ގޮތެއް ނުވިސްނޭ. ވަރިވުމަށްފަހު އާދޭސްކޮށް ކޯޓަށް ދުވެގެންވެސް ގިނަފަހަރަށް މި ލިބެނީ 2000 ރުފިޔާގަނޑު އެކަނި. އެހެން ހަރަދުތަކަކީވެސް ބައްޕަ ކުރާން ޖެހޭ ކަމެއް ގޮތަށް އޮތަސް، އެއީ ޒިންމާކުރެވޭގޮތަށް އޮތް ކަމެއް ނޫން. ބެލޭނެ ގޮތަށް އޮތްކަމެއްވެސް ނޫން. ދަރީން ރަނގަޅަށް ތަރުބިއްޔަތުކޮށް ހެޔޮގޮތުގައި ބޮޑުކުރާ ނަމަ އެކުދީންގެ ބޭނުންތައް ފުދޭ މިންވަރުގެ އެއްޗަކަށް ހަރަދުގެ މިންވަރު ވާން ޖެހޭ." ފަހުން ވާހަކަދެއްކި ބެލެނިވެރިޔާ ބުންޏެވެ.

އެކަނިވެރި މައިން ގޮތް ހުސްވެފައި!

މަމްސް ޖަމިއްޔާގެ މާކެޓިން އެންޑް ޕީއާރް ޑިރެކްޓަރު ޒައިން ޒަރީރު ވިދާޅުވި ގޮތުގައި އެ ޖަމިއްޔާގެ އޮންލައިން ޕްލެޓްފޯމުގައި މައިންގެ ހިޔާލުތައް ހޯދަން ހުޅުވާލުމުން ގިނަ މައިންވެސް ފާހަގަކޮށްފައިވަނީ ހަރަދުގެ މައްސަލަ ކަމަށެވެ. އެގޮތުން 2،000 ރުފިޔާއިން ނުވާނެ ކަމަށް ގިނަ މަންމައިން ފާހަގަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"300 އަށްވުރެ ގިނަ އާއިލާ އެބައުޅޭ އެކި ގޮތްގޮތުން އެހީތެރިކަން ބޭނުންވެގެން ރަޖިސްޓްރީކޮށްފަ. އޭގެ ތެރޭގަ ސިންގަލް މަންމައިން ގިނަ. ބައެއް ފެމިލީތައް އެބައުޅޭ ގަވައިދުން އަޅުގަނޑުމެން އެހީތެރިކަން ފޯރުކޮށްދޭ އާއިލާތައް. ވަރަށް ހާލުގަ އެމީހުން އުޅެނީ. އެކަށީގެންވާ ކާއެއްޗެއް ނުހުރޭ، އެހެން ހަރަދުތައް ބެލެހެއްޓޭނެ ފަދައެއްވެސް ނުހުރޭ. އެކަމުންވެސް މި އެނގެނީ 2،000 ރުފިޔާއަކީ މަދު އަދަދެއްކަން" ޒައިން ވިދާޅުވިއެވެ.

ޖެންޑާ މިނިސްޓްރީގެ ޗައިލްޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްގެ ޑިރެކްޓަރު، ފައްޒަ ފުއާދު ވިދާޅުވީ ދަރީންގެ ހަރަދަށް އޮންނަ 2000 ރުފިޔާއަކީ ކުޑަ އަދަދެއް ކަމަށް މިނިސްޓަރީއަށްވެސް ފާހަގަ ވެފައިވާ ކަމަށެވެ. އާއިލާއާ ބެހޭ ގާނޫނަށް އިސްލާހުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތުގެ ދަށުން މިކަން އިތުރަށް ބަލާނެ ކަމަށްވެސް ވިދާޅުވި އެވެ. އެހެން ނަމަވެސް އަދަދު އިތުރުކުރުމަށް ހުށަހަޅާނެ ކަމަށް ސީދާ ވިދާޅެއް ނުވެއެވެ.

އެކަނިވެރި މައެއްނަމަ، ދަރީންގެ ހަރަދު ބަރާބަރަށް ލިބުނު ނަމަވެސް، ވަޒީފާއެއް އަދާނުކޮށް ދަރީންގެ ކަންކަން ދެކޮޅެއް ނުޖެއްސެއެވެ. އެހެންވެ، ދަރީންގެ ހައްގުގައި އެ މައިން ބޮޑު ގުރުބާނީއެއް ވާންޖެހެއެވެ. ވަޒީފާ އަދާކުރާން ޖެހެ އެވެ. އެއީ ކުދީންގެ ހަރަދުތައް ފޫބެއްދޭނެ އެހެން ގޮތެއް ނެތީމައެވެ.

ދެމަފިރީން ވަކިވުމަށްފަހު، ދަރީންގެ ހަރަދު ދިނުމަކީ ބައެއް ބައްޕައިން އުފަލުން، ޒިންމާދާރުކަމާއި އެކު ކުރާކަމެކެވެ. އެހެން ނަމަވެސް، ދަރީންގެ ހަރަދު ކޯޓު މެދުވެރިކޮށްވެސް ގަވައިދުން ނުދައްކާ ބަފައިން މަދެއް ނޫނެވެ. ބައެއް ބަފައިންގެ ބޭނުމަކަށް ވަނީ ކުއްޖާގެ މަންމަ އަލުން އޭނާ ގާތަށް ގެންދިއުމެވެ. މަންމަ އޭނާއަށް ގުޅުމެވެ. ނުވަތަ ގުޅުން ބޭއްވުމެވެ. ނުވަތަ އަންހެންމީހާގެ ނިކަމެތިކަމާއި ތިމާގެ "ގަދަކަން" ދެއްކުމެވެ. މިހާރު ގުޅިގެން އުޅޭ ފިރިހެންމީހާ ނުވަތަ ފިރިމީހާއާ ދުރު ކުރުމެވެ. ތިމާގެ ފައިބުޑަށް ވެއްޓޭން މަޖުބޫރުވާ ހާލަތަށް ކުއްޖާގެ މަންމަ ގެނައުމެވެ.

ވަރިވާއިރު ކުދީން ބަލަން ޖެހޭ މަންމައިންގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ފިރިހެނުން ވެސް މަދެއް ނޫނެވެ. ދަރިފުޅުގެ ހަރަދުގެ ގޮތުގައި ދޭން ޖެހޭ ފައިސާކޮޅު ނުދީ ތާށިކުރަނީ ތިމާގެ ދަރިފުޅުގެ މަންމަގެ "ބޭނުން" ކުރުމަށެވެ. ތިމާ ކައިރިޔަށް ދަރިފުޅުގެ މަންމަ އަންނާން މަޖުބޫރު ކުރުވައި، އެ މަންމަގެ މަޖުބޫރީ ހާލަތުގެ ފައިދާ ނަގައި، ޖިންސީ ކުޅިވަރަކަށް ބޭނުންކުރާ ފިރިހެނުންވެސް މަދުނޫންކަން ހިތާމަޔާއެކު ގަބޫލުކުރާން ޖެހެއެވެ. ފައިސާކޮޅު ދެނީ އެ ބޭނުން ފުދުނީމައެވެ. ނޫނީ އެކަމަށް ޝަރުތުކޮށްފައެވެ. ދަރިފުޅުގެ ހަރަދުގެ ވާހަކަ އެއީ އެހެން ވާހަކައެކެވެ.

ވަރަށް ގިނަ ފިރިހެނުންނަށް ނުވިސްނޭ ކަމަކީ މި ހުރިހާ ކަމެއްގެ ތެރެއިން ނިކަމެތިވަނީ ތިމާގެ ވެސް ދަރިފުޅު ކަމެވެ. ބިކަވެގެން ދަނީ އަމިއްލަ ލޭ ކަމެވެ. ބޭނުންތައް ނުފުދި ހިތުގައި ޖެހި ރޮނީ ތިމާގެ ދަރިފުޅުކަމެވެ. އެހެން ކުދީން ކުޅިވަރު ކުލާސްތަކަށް ގޮސް ރީތި ހެދުންތައް ލައި ތިއްތި ހެދިގެން އުޅޭއިރު އެމަންޒަރު ބަލާން ހިތްދަތިވެފައި އިންނަނީ ތިމާގެ ދަރިފުޅުކަމެވެ.

ދަރީންގެ ހަރަދުގެ ގޮތުގައި ފުރަތަމަ ކުއްޖާއަށް 2000 އަދި އިތުރުވާ ކޮންމެ ކުއްޖަކަށް 1000 އޮތުމަކީވެސް ހަމަޖެހޭ ކަމެއް ނޫނެވެ. އެއްކުއްޖަކަށް 2000 ހަރަދުވެފައި ދެން ތިބި ކޮންމެ ކުއްޖަކަށް 1000 އޮންނަންވީ ކޮން ހަމަޔަކުން ހެއްޔެވެ؟ ދެން ތިބި ކުދީންނަށް ހައްގު މިންވަރަކީ ތިންބޮނޑޮ ނެޕީ އެކަނި ހެއްޔެވެ؟ ކިރުދަޅެއް އެކަނި ހެއްޔެވެ؟

ދަރިފުޅުގެ ވަށައިޖެހޭ ތަރުބިއްޔަތަށް ހައްގު މިންވަރަކީ އެންމެ 2000 ރުފިޔާ ހެއްޔެވެ؟