ލިވަޕޫލް

އިންޑިއާގެ މަހުޖަނު މުކޭޝް އަންބާނީ ލިވަޕޫލް ގަތުމަށް ޝައުގުވެރިވޭ: ރިޕޯޓް

މިދިޔަ 13 އަހަރު ދުވަހުވެސް އިންޑިއާގެ އެންމެ މުއްސަނދި ވިޔަފާރިވެރިޔާ މުކޭޝް އަންބާނީ އިނގިރޭސި ކްލަބު ލިވަޕޫލް ގަތުމަށް ޝައުގުވެރިވާ ކަމަށް އިންޑިއާގެ ރިޕޯޓުތައް ބުނެފިއެވެ.

މުކޭޝް އަންބާނީއަކީ އިންޑިއާގެ އެންމެ މުއްސަނދި ވިޔަފާރިވެރިޔާގެ އިތުރުން ދުނިޔޭގެ އަށްވަނައަކަށް އެންމެ މުއްސަނދި ވިޔަފާރިވެރިޔާއެވެ. އޭނާގެ މިލްކިއްޔާތުގައި ގާތްގަނޑަކަށް 90 ބިލިއަން ޕައުންޑް ހުންނާނެ ކަމަށް ފޯބްސްއިން އަންދާޒާ ކޮށްފައިވެއެވެ.

ރަނގަޅު ބަޔަކަށް ހިއްސާ ވިއްކުމުގެ ވިސްނުން އެބަހުރި ކަމަށް، ލިވަޕޫލްގެ މެޖޯރިޓީ ހިއްސާ އޮންނަ ފެންވޭ ސްޕޯޓްސް ގްރޫޕް (އެފްއެސްޖީ) އިން ދާދިފަހުން ހާމަކޮށްފައިވާ އިރު، ކްލަބުގެ މެޖޯރިޓީ ހިއްސާ ވިއްކަން ގަސްދުކޮށްފައި ވާ އަގެއްކަމަށް މީޑިއާއިން ބުނެފައި ވަނީ ހަތަރު ބިލިއަން ޕައުންޑެވެ.

އެފްއެސްޖީއަކީ 2010 ވަނަ އަހަރުން ފެށިގެން ލިވަޕޫލްގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުންޏެވެ. އެމެރިކާގެ އެފްއެސްޖީން ލިވަޕޫލްގެ މެޖޯރިޓީ ހިއްސާ ގަތީ 300 މިލިއަން ޕައުންޑްގެ އަގަކަށެވެ. އޭގެ ތެރެއިން ވަކި އިންސައްތައެއްގެ ހިއްސާ މިހާރުވެސް ކްލަބުގެ ވެރިން ވަނީ ވިއްކައިފައެވެ. އެގޮތުން އެ ކްލަބުގެ ދޭއް އިންސައްތައިގެ ހިއްސާ، އެމެރިކާގެ ބާސްކެޓް ބޯޅަ ތަރި ލެބަރޯން ޖޭމްސްވެސް ގަނެފައިވެއެވެ. އެއީ 2011 ވަނަ އަހަރުއެވެ. އެފްއެސްޖީގެ ދަށުން ލިވަޕޫލްގެ ޕްރިންސިޕަލް އޯނަރަކީ އެމެރިކާގެ ޖޯން ޑަބްލިއު ހެންރީއެވެ.

އިންޑިއާގެ ނޫސް ރިޕޯޓުތަކުން ބުނެފައި ވަނީ އިންޑިއާގެ އެންމެ މުއްސަނދި ވިޔަފާރިވެރިޔާ، ރިލައަންސް އިންޑަސްޓްރީސްގެ ވެރިޔާ މުކޭޝް އަންބާނީ ލިވަޕޫލް ގަތުމުގެ ޝައުގުގައި ބިޑަކަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެ މީޑިއާތަކުން ބުނެފައިވަނީ މުކޭޝް އަންބާނީ މީގެ ކުރިން، 2010 ވަނަ އަހަރުވެސް ލިވަޕޫލް ގަންނަން މަސައްކަތް ކުރެއްވި ކަމަށާއި، އޭރު ބިޑް ކުރަން އުޅުއްވީ ސަހާރާ ގްރޫޕްގެ ޗެއާމަން ސުބްރޯޓޯ ރާއޯއާ ގުޅިވަޑައިގެން ކަމަށެވެ. އެފަހަރު ލިވަޕޫލްގެ 51 އިންސައްތަ ހިއްސާ ބައްލަވައިގަތުމަށް މުކޭޝް އަންބާނީ މަސައްކަތް ކުރެއްވިކަމަށް ހަބަރުތައް ބުނެއެވެ.

މުކޭޝް އަންބާނީ އަކީ އިންޑިއާގެ އެއްވަނަ ފުޓުބޯޅަ ލީގު، ސުޕަ ލީގުގެ ބާނީއެވެ. އޭނާއަކީ އައިޕީއެލްގެ މުމްބާއީ އިންޑިއަންސްގެ ވެރިޔާވެސް މެއެވެ.

ލިވަޕޫލަކީ އިނގިރޭސި ފުޓުބޯޅައިގެ ތާރީހުގައިވެސް އެންމެ ކާމިޔާބު ކްލަބެވެ. އެ ކްލަބަކީ މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގެ ރަނަރަޕް ޓީމެވެ. އޭގެ އިތުރުން 2018-19 ވަނަ އަހަރުވެސް އެކްލަބުން ވަނީ ޗެމްޕިއަންސް ލީގު ހޯދައިފައެވެ. ދެން ޖެހިގެން އައި ސީޒަނުގައި ޕްރިމިއާ ލީގުވެސް ކާމިޔާބުކުރިއެވެ.