ޕާކިސްތާން ބަލިކޮށް، އިންގްލެންޑުން ޓީ20 ކްރިކެޓް ވޯލްޑް ކަޕްގެ ތަށި އުފުލާލައިފިއެވެ.

މިއަދު އޮސްޓްރޭލިއާގެ މެލްބަންގައި ކުޅުނު ކްރިކެޓް ވޯލްޑް ކަޕް ފައިނަލްގައި އިންގްލެންޑުން ޕާކިސްތާން ބަލިކުރީ ފަސް ވިކެޓުންނެވެ. އެންމެފަހުން 50 އޯވަރު ކްރިކެޓް ޗެމްޕިއަންކަންވެސް ހޯދި އިންގްލެންޑް ވެފައި ވަނީ އެ ވޯލްޑް ކަޕާއި ޓީ20 ވޯލްޑް ކަޕްގެ ޗެމްޕިއަނުން ގޮތުގައި ތިބި ފުރަތަމަ ގައުމަށެވެ.

އޭގެ އިތުރުން އިންގްލެންޑުން ވަނީ އެންމެ ގިނަފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބު ކުރި ޓީމުތަކުގައި ހިމެނިފައެވެ. 2007 ވަނަ އަހަރު ބާއްވަން ފެށި ޓީ20 ކްރިކެޓް ވޯލްޑް ކަޕް މިހާތަނަށް ދެފަހަރު ކާމިޔާބު ކޮށްފައި ވަނީ އިންގްލެންޑާއި ވެސްޓް އިންޑީސް އެކަންޏެވެ. އިންގްލެންޑުން މީގެ ކުރިން ޓީ20 ވޯލްޑް ކަޕް ކާމިޔާބުކުރީ 2010 ވަނަ އަހަރުއެވެ. އެފަހަރު ފައިނަލް ކުޅުނީ ވެސްޓް އިންޑީސްގައެވެ.

މިއަދުގެ ފައިނަލަކީ 2009 ވަނަ އަހަރުގެ ޓީ20 ފައިނަލަށްފަހު އެގައުމުން ކުޅުނު ފުރަތަމަ ފައިނަލެވެ. އޮސްޓްރޭލިއާގެ އެތައް ސަޕޯޓަރުންނެއް ޕާކިސްތާނަށް ސަޕޯޓުކުރަމުން ދިޔަ އިރު، ޕާކިސްތާނުން ފުރަތަމަ ނުކުތީ ބެޓިންއަށެވެ. އެއީ އިންގްލެންޑަށް ޓޮސް ދިމާވުމުން އެޓީމުން ހޮވަން ނިންމުމާ ގުޅިގެންނެވެ.

ޕާކިސްތާނުން ކުޅެން އަރައި، 20 އޯވަރު ހަމަވި އިރު، އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 137 ލަނޑެވެ. ޕާކިސްތާނަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 28 ބޯޅައިން 38 ލަނޑު ހެދި، ޝާން މައްސޫދެވެ. ޕާކިސްތާނުން ތަށްޓަށް ކުރަމުންދިޔަ އުންމީދާ އެންމެ ބޮޑަށް ގުޅިފައިވާ އެގައުމުގެ އެންމެ ރަނގަޅު ބެޓްސްމަނުން ކަމަށްވާ މުހައްމަދު ރިޒްވާނާއި ބާބާ އާޒަމްއަށް މެޗުގައި ރަނގަޅަށް ބެޓް ކުރެވޭނެ ގޮތް ނުވެ، ފައިބަން ޖެހުންވީ ބޮޑު މާޔޫސީ ކަމަށެވެ. ބާބާއަށް މެޗުގައި 32 ލަނޑު ހެދުނު އިރު، ރިޒްވާނަށް ހެދުނީ 15 ލަނޑެވެ.

ފައިނަލްގައި އިންގްލެންޑަށް އެންމެ ރަނގަޅަށް އުކީ ތިން ވިކެޓް ނެގި ސޭމް ކުރަން އާއި އާދިލް ރާޝިދު އާއި ކްރިސް ޖޯޑަންއެވެ. އޭގެ ތެރެއިން ކޮންމެ ކުޅުންތެރިއަކު ދެވިކެޓް ނެގިއެވެ.

ޕާކިސްތާނަށް ކޮންމެހެންވެސް ރަނގަޅަށް އުކަން ޖެހުނު ދަނޑިވަޅުގައި އެގައުމުގެ އެންމެ ރަނގަޅު އުކުންތެރިޔާ ޝާހީން އަފްރީދީއަށް އަނިޔާވުންވީ އަނެއްކާވެސް ބޮޑު މާޔޫސީ ކަމަކަށެވެ. އިންގްލެންޑުން ބެޓިންނަށް ނުކުމެ، 19 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވި އިރު، 138 ލަނޑު ހަަމަކޮށް މެޗުން މޮޅުވިއެވެ. އިންގްލެންޑަށް އާންމުކޮށް ރަނގަޅަށް ބެޓްކުރާ ކުޅުންތެރިންގެ ބަދަލުގައި ފައިނަލްގައި ތަފާތު ދެއްކީ ބެން ސްޓޯކްސްއެވެ. އޭނާ ވަނީ ނުބައި ނުވެ، 49 ބޯޅައިން 52 ލަނޑު ހަދައިފައެވެ.

މެޗުގައި ޕާކިސްތާންގެ ހާރިސް ރައުފް ދެ ވިކެޓް ނެގިއެވެ. އެއީ ޕާކިސްތާނަށް އެންމެ ރަނގަޅަށް އުކި ކުޅުންތެރިޔާއެވެ.