ރ. އިނގުރައިދޫގައި މިއަދު ކުރިއަށްދިޔަ އެ އަތޮޅު ފުޓްސެލް ޗެލެންޖުގެ ފައިނަލް މެޗުގައި ބޮޑު ހަމަނުޖެހުމެއް ހިންގުމުގެ ސަބަބުން ގިނަ ބަޔަކަށް އެޑްމިޓްކޮށްގެން ފަރުވާދޭން ފަށައިފިއެވެ.
ފުޓްސެލް މުބާރާތުގެ ފައިނަލުގައި މިއަދު ކުޅުނީ އިނގުރައިދޫ އާއި ދުވާފަރެވެ.
އިނގުރައިދޫ ކައުންސިލްގެ ނައިބު ރައީސް ފާތިމަތު ހިޝްމާ "ވަން" އަށް މިރޭ ވިދާޅުވީ ފައިނަލް މެޗުގައި އިނގުރައިދޫން ތިން ގޯލް ޖަހާފައިވަނިކޮށް ދުވާފަރުން ގޯލެއް ޖަހާފައިވާ ކަމަށެވެ. ދުވާފަރު ގޯލު ޖެހުމުން އެރަށުގެ ސަޕޯޓަރަކު، ވެލި އަޅާފައިވާ ފުޅިއެއް އިނގުރައިދޫ ސަޕޯޓަރުން ތިބި ތަނަށް އެއްލި ކަމަށެވެ. ހަމަނުޖެހުން ހިންގަން ފެށީ އެކަމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.
ހިޝްމާ ވިދާޅުވީ ހަމަނުޖެހުން ހިންގަން ފެށުމުގެ ސަބަބުން އިނގުރައިދޫ ސަޕޯޓަރުން ދެ ގަޑިއިރު ވަންދެން އެތަނުން ނުނިކުމެވި ތާށިވެފައި ތިބި ކަމަށެވެ.
ހިޝްމާ ވިދާޅުވީ އިނގުރައިދޫ ސަޕޯޓަރުންގެ ތެރޭގައި 100 އަށްވުރެ ގިނަ ކުޑަކުދިން ތިބި ކަމަށާއި އޭގެ ތެރެއިން ބައެއް ކުދިންނަށް ޕެނިކް އެޓޭކް އައުމުގެ ސަބަބުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި މިހާރު އެޑްމިޓް ކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ސީދާ އެޑްމިޓްކުރި މީހުންގެ އަދަދު ދަންނަވަން ދަތި ކަމަށާއި ޔަގީނުން ވެސް ކުޑަކުދިން ހިމެނޭގޮތަށް 10 މީހަކަށް ފަރުވާ ދެމުންދާ ކަމަށެވެ.
"އަޅުގަނޑުމެންގެ އަންހެން ސަޕޯޓަރެއް ބޮލުގައި އެފުޅި ޖެހި ބޯފަޅައިގެން ދިޔައީ. އުކަންފެށީ ގަލާ ދަނޑިބުރިއާ ދަނގަޑު އެއްޗެހި. އެގޮތަށް މާބަނޑު މީހަކަށް އަނިޔާވެއްޖެ. ވަރަށް ގިނަ ކުޑަކުދިން އެބަތިބި މިކޮޅުގެ ޕެނިކް އެޓޭކްއައިސްގެން އެޑްމިޓްކޮށްފަ،" ހިޝްމާ ވިދާޅުވިއެވެ.
އެ ހަމަނުޖެހުމާ ގުޅިގެން އަނިޔާވި މީހުންގެ ތަފްސީލު ހޯދަން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގުޅުމުން ބުނީ މިވަގުތު މައުލޫމާތު ދެވެން ނެތް ކަމަށާއި ފަހުން މައުލޫމާތު ހިއްސާ ކުރާނެ ކަމަށެވެ.
ހަމަނުޖެހުމާ ގުޅިގެން ފުލުހުން ބުނީ، މިއަދު ހަވީރު އުނގޫފާރުގައި ކުޅުނު ރ. އަތޮޅު ފުޓްސަލް ކަޕްގައި ދުވާފަރާއި އިނގުރައިދޫ ބައްދަލުކުރި ފައިނަލް މެޗްގައި ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުން ހިންގާފައިވާ ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ ހަމަނުޖެހުމުގެ ތެރެއިން އަނިޔާވި 14 އަހަރުގެ ކުއްޖަކާއި 39 އަހަރުގެ މީހަކު ފަރުވާ ހޯދަފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ހަމަނުޖެހުން ހިންގި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު