ޚަބަރު

ނަޝީދު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ

އިބްރާހިމް ޒަކީ

1

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ވެސް ރައީސް މުހައްމަދު ނަޝީދު ކުރިއަށް އޮތް 2023 ވަނަ ރިޔާސީ އިންތިހާބަށް ކުރިމަތި ލެއްވުމަށްޓަކައި، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕީޖީ މެމްބަރެއް "ވަން" އަށް މިއަދު ވިދާޅުވީ، ރިޔާސީ ޕްރައިމަރީއަށް ވާދަ ކުރެއްވުމުގެ ވިސްނުން ރައީސް ނަޝީދު މީގެ ކުރިން ނުގެންގުޅުއްވި ނަމަވެސް މިހާރު ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވައި ޕާޓީ ތެރޭން އެކަމަށް މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

"މީގެ ކުރިން އެ ވިސްނުމެއްނުގެންގުޅުއްވާ، ނަމަވެސް އެމަނިކުފާނުގެ ފަރާތްޕުޅުން، މެމްބަރު އަފީފު ރިޔާސީ ޓިކެޓަށް ނެރުއްވުމުގެ ވިސްނުންފުޅެއް ގެންގުޅުއްވި. ނަމަވެސް މިހާރު ސީދާ އެމަނިކުފާނު ރިޔާސީ އިންތިހާބަށް ނުކުންނަވަން ނިންމަވައި އެމްޑީޕީ ތެރޭގައި ކެމްޕެއިން ވެސް ކުރައްވަމުން ގެންދަވަނީ،" ނަން ނުޖެހުމަށް ޝަރުތުކޮށް، "ވަން" އަށް މައުލޫމާތު ދެއްވި އެމްޑީޕީގެ މެމްބަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކޮންމެ ގޮތަކުންވިޔަސް ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ވިސްނަވަމުން ގެންދަވާ ކަމަށެވެ. އެ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދުގައި ޖެހިފައިވާ މައްސަލަ އާއި އެ ދެ ބޭފުޅުންނަށް ސަޕޯޓު ކުރައްވާ މެމްބަރުންގެ މެދުގައި އުފެދިފައިވާ މައްސަލަ ކިތަންމެ ބޮޑުވިއަސް، އެމަނިކުފާނު މިފަހަރު ހުންނެވީ ގޮތްދޫކުރައްވާ ގޮތަށް ނޫން ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.

"އާސްކް ސްޕީކާ" ގެ ތިންވަނަ ޕްރޮގްރާމްގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވެސް ރައީސް ނަޝީދު ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީގައި އެމަނިކުފާނު ވާދަ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުންވެސް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ހޮވުމަށް ބާއްވާ އިންތިހާބަށް ނަޝީދު ކުރިމަތިލައްވާނެކަން އިއުލާންކުރައްވައިފައެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ ރައީސް ނަޝީދު ކުރިމަތިލައްވާނެކަން އީވާ އިއުލާންކުރެއްވީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރެއްވި މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި)ގެ ކެމްޕޭން ހަރަކާތެއްގައެވެ.

ނަޝީދު، ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވާއިރު، ރައީސް ސޯލިހްގެ އަރިސް ބޭފުޅުންވެސް ވަނީ ރައީސް ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީގެ ތެރޭގައި ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ފެކްޝަނަކާއި ޕާޓީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރާ ފެކްޝަނެއް އުފެދިފައިވާ އިރު، ދެ ފެކްޝަނުގެ ކޯޅުން މިފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް ބޮޑުވެފައެވެ.

އެމްޑީޕީގެ ދެ ފެކްޝަނުގެ ޒުވާބު މިފަހުން ބޮޑުވެފައިވަނީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭން ނުފެންނަ ކަމަށް ނަޝީދު ފެކްޝަނުގެ ބައެއް މެންބަރުން ވިދާޅުވުމާ ގުޅިގެންނެވެ. ދެ ފެކްޝަންގެ ޒުވާބު ބޮޑުވެ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރަސްމީ ވަޓްސްއަޕް ގްރޫޕަށްވެސް މެސެޖު ނުފޮނުވޭ ގޮތް ވަނީ ހަދައިފައެވެ.

ރައީސް ނަޝީދު ޕްރައިމަރީގައި ވާދަކުރަން ނިންމެވި އިރު، އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީހެއް އަދި ކަނޑައަޅައި ހާމަ ކޮށްފައެއް ނުވެއެވެ. ނަމަވެސް އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވީ އަންނަ ކުރީކޮޅު ރިޔާސީ ޕްރައިމަރީ ބާއްވާނެ ކަމަށް ބެލެވޭ ކަމަށެވެ.