ސްޓެލްކޯގެ މުވައްޒަފުންގެ ދަރިންނަށް ހާއްސަކޮށްގެން މިދިޔަ ހަފުތާގައި އެ ކުންފުނިން ހުޅުވި ޗައިލްޑު ކެއާ ސެންޓަރު ބައްލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން އެތަނަށް ޒިޔާރަތް ކުރައްވައިފިއެވެ.

މިއީ ރައްޔިތުންނަށް އިޖުތިމާއީ ހަމަޖެހުން ގެނެސްދިނުމަށާއި އަންހެނުން ބާރުވެރިކުރުވުމަށާއި ދުޅަހެޔޮ އާއިލާއެއް ބިނާކުރުމަށް ބާރުއެޅުމުގެ ސިޔާސަތުގެ ދަށުން ސްޓެލްކޯއިން ގާއިމު ކުރި ސެންޓަރެކެވެ.

ރައީސްގެ ދެކަނބަލުން ވަނީ މިއަދު އެ ސެންޓަރަށް ޒިޔާރަތްކުރައްވައި އެތަނުގައި ތިބި ކުދިންނާ އެކު ވަގުތުކޮޅެއް ހޭދަކުރައްވައި އެ ސެންޓަރުގެ އިންތިޒާމުތައް ބައްލަވާލައްވައިފައެވެ.

ސްޓެލްކޯ ޗައިލްޑްކެއާ ސެންޓަރު ހުޅުވާފައިވަނީ އެކުންފުނީގެ މުވައްޒަފުން އޮފީހުގައި އުޅޭ ވަގުތުތަކުގައި އެ މުވައްޒަފުންގެ ދަރިން ބެލޭނެ ފަސޭހަގޮތެއް ފަހިކޮށްދިނުމަށެވެ.

ސްޓެލްކޯ ޗައިލްޑްކެއާ ސެންޓަރު ގާއިމުކޮށްފައި ވަނީ ސްޓެލްކޯގެ މައި މަރުކަޒުގެ ފުރަތަމަ ފަންގިފިލާގައެވެ. މި ސެންޓަރަކީ އުމުރުން ފަސް އަހަރާއި ދިހަ އަހަރާ ދެމެދުގެ ކުދިންނަށް އަމާޒުކޮށްގެން ހިންގާ ސެންޓަރެކެވެ. ރަސްމީ ދުވަސްތަކުގައި ހެނދުނު 8:15 އިން ހަވީރު 4:00 ހަމައަށް ހުޅުވާފައި ހުންނަ މި ސެންޓަރުގައި މިހާރުވެސް 33 ކުދިން ވަނީ ރެޖިސްޓާކޮށްފައެވެ.

ސްޓެލްކޯއިން ބުނި ގޮތުގައި، މި ސެންޓަރުގައި ހިދުމަތް ދޭ ފަރާތްތަކަކީ ކަމާގުޅޭ ހާއްސަ ތަމްރީންތައް ލިބިފައިވާ ގާބިލު ފަރާތްތަކެއް ކަމަށެވެ. މި ސެންޓަރު ފަރުމާކޮށްފައި ވަނީ ކުދިންނާ ރަށްޓެހި، ރައްކާތެރި މާހައުލެއްގައި އެކުދިންގެ ވަގުތު ހޭދަކުރެވޭނެ ގޮތަކަށް ކަމަށްވެސް އެކުންފުނިން ބުންޏެވެ.