ރިޕޯޓް

އަމަން: އެންމެ 8 އަހަރުގައި ހާފިޒަކަށްވެ މުޅި ގައުމަށް މިސާލަކަށް

މަރިޔަމް ޝަފާ އިބްރާހިމް

2

އުމުރުން އެންމެ 8 އަހަރުގެ އަމަން އަހުމަދު އާތިފު ހާފިޒުކަމުގެ ލަގަބާއި ޝަރަފު ހާސިލުކުރުން ވެގެން ގޮސްފައި މުޅި ގައުމަށްވެސް ލިބުނު ފަޚުރަކާއި ޝަރަފަކަށެވެ. ހާފިޒުންނަށް ވާން ތިބި ކުޑަކުދީންނަށް ބޮޑު ހިތްވަރަކަށެވެ.

ބ.ހިތާދޫއަށް އުފަން އަހުމަދު އާތިފާއި ލުބާނަތު މުހައްމަދުގެ ދަރިފުޅު އަމަން އަހުމަދު އާތިފަކީ ރެހެންދި ސުކޫލު ގުރޭޑު 2 ގެ ދަރިވަރެކެވެ. އަމަންގެ އުމުރުން އެންމެ 3 އަހަރުގައި ކީރިތި ގުރުއާނަށް ލޯބި ޖެހި، ޝައުގު ހުންނަކަން ފާހަގަވިއިރު، 4 އަހަރުގައި އަމަން ވަނީ ގުރުއާނުގެ ބައެއް ސޫރަތްތައް ހިތުން ކިޔަން ފަށާފައެވެ. ސޫރަތްތަކުގެ ނަންތައް ތަރުތީބުން ހިތުން ކިޔަންވެސް ފަށާފައިވުމުން، ދަރިފުޅުގެ ހިތުގައި ގުރުއާނަށް ޝައުގާއި ލޯބި އޮތްވަރު ފާހަގަކުރެވުނުކަމަށާއި އަދި ހިތުދަސްކުރުމުގެ ހުނަރު ލިބިފައިވާކަން ފާހަގަ ކުރެވުމުން މުޅި ގުރުއާން ހިތުދަސްކޮށްދިނުމަށް މަސައްކަތްފެށި ކަމަށް އަމަންގެ ބައްޕަ "ވަން"އަށް ކިޔައިދިނެވެ. އަމަން ހިފުސު ކުރަން ފެށީ އުމުރުން އެންމެ 5 އަހަރުގައެވެ.

ހިތުދަސް ކުރުމަށް ވަކި ތާވަލެއް ކަނޑައަޅާފައި ނެތްނަމަވެސް އާންމުކޮށް ދަސްކުރަނީ ނަމާދަށްފަހުގައެވެ. އަމަންގެ މަންމައާއި ބައްޕަ މަސައްކަތް ކުރީ ކޮންމެ ދުވަހަކުވެސް މަދުވެގެން ދެ ސޮފުހާ ދަސްކޮށްދެވޭތޯއެވެ. ބަލައިގެން، (ތިލާވާ) 3ފަހަރު ކިޔުމަށްފަހު ދެން ހިތުން (ހިފުސުކުރާ) ކިޔައެވެ. އުމުރުން 6 އަހަރުގައި އަމަން ވަނީ އެއްކޮށް ހިފުސުކޮށްފައެވެ. އަމަންވަނީ އޭރު އުޅުނު އެކްސެލް އިންޓަނޭޝަނަލް ސުކޫލަށް ފުރަތަމަ މުރާޖައާ ކޮށްދީފައެވެ.

ޤުރުއާން ހިތުން ދަސްކުރުން، މިހާ ހަގު އުމުރުގައި ދަރިފުޅު ކޮށް ނިންމާލީތީ، އަމަންގެ މުޅި އާއިލާ އަންނަނީ އެ އުފާވެރިކަމުގައި ހިއްސާވަމުންނެވެ. ކީރިތި ގުރުއާން އެއްކޮށް ހިފުސުކޮށް ހާފިޒަކަށް ވެވުމުން އަމަން އާއި އަމަންގެ އާއިލާއަށް ލިބިފައިވަނީ ބުނެދޭން ނޭނގޭ އުފަލެކެވެ.

މިވަރުގެ ބޮޑު އުފަލެއް ހާސިލުވެގެން ދިޔައީތީ ކަލާނގެ ހަޒުރަތަށް ހަމްދު ކުރުމާއެކު މުޅި އާއިލާއިން ލިބުނު އެހީތެރިކަން ފާހަގަކޮށް އާތިފުމެން ހިތުގެ އަޑިން އެންމެނަށް ޝުކުރުއަދާކުރިއެވެ.

"އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ދަރިފުޅުގެ ހިތުގައި ކީރިތި ޤުރުއާނަށް އޮތް ލޯބި އިތުރުކުރުމަށް. އަޅުގަނޑުމެންގެ ދުއާއަކީ ދަރިފުޅުގެ ހިތުގައި އަބަދުވެސް ކީރިތި ޤުރުއާނުގެ ނޫރު ﷲ ސުބްހާނަހޫ ވަތައާލާ ލަހައްޓަވައިދެއްވުން." މިއީ އާތިފު ވާހަކަ ނިންމާލަމުން ބުނި ބަސްތަކެވެ.

ކާމިޔާބާ ހަމައަށް އައުމުގައި އަމަން ދައްކާފައި އެވާ މިސާލަކީ ކަމެއް ހާސިލު ކުރުމަށް ވަކި އުމުރެއް ނެތްކަމެވެ. އަމަންގެ މައިންބަފައިން ނަމޫނާ އެ ދައްކަނީ ދަރިންގެ ޝައުގު ދެނެގަނެ އެޝައުގު ކުރިއަރުވައި ފުރިހަމަކުރުމުގައި މަސައްކަތް ކޮށްފިނަމަ އިސާހިތު ކިތަންމެ ބޮޑުކަމެއްވިޔަސް އެކަމެއް ނުހަނު ފަސޭހަވެގެންދާނެ ކަމެވެ. "ވަން"އިން އެދެނީ މި އުމުރުން ހަގު ހާފިޒަށް އިތުރު ކާމިޔާބީތަކާއި ކުރިއެރުންތަކެވެ.