އާޖެންޓީނާގެ ޓީމުން 2014 ވަނަ އަހަރުގެ އެކުވެރިކަން ފެންނަ ކަމަށް ކެޕްޓަން ލިއޮނަލް މެސީ ބުނެފިއެވެ.
އާޖެންޓީނާއާއެކު 2014 ވަނަ އަހަރު ވޯލްޑް ކަޕް ފައިނަލް ކުޅުނު މެސީ މިފަހަރުގެ ވޯލްޑް ކަޕާ ގުޅޭގޮތުން ވާހަކަ ދައްކަމުން އާޖެންޓީނާގެ ފުޓުބޯޅަ ނޫހެއް ކަމަށްވާ އޮލޭއަށް ބުނެފައި ވަނީ ކާމިޔާބީއަށް އެންމެ މުހިއްމު ކަމަކީ ޓީމުގެ ތެރޭގައި އޮންނަ އެކުވެރިކަން ކަމަށާއި އެކަން މިހާރުގެ ޓީމުން ވަރަށް ރަނގަޅަށް ފެންނަ ކަމަށެވެ.
"2014 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ ހަނދާނުން ފޮހެލަން ދަތި ވޯލްޑް ކަޕެއް. އަހަރެމެންގެ ޓީމުން ވަރަށް ރަނގަޅަށް ކުޅުނު އެ ވޯލްޑް ކަޕްގައި. އެއީ ވަރަށް ހިތްހަމަ ޖެހުނު ވޯލްޑް ކަޕެއް. އެ ވޯލްޑް ކަޕުން އެންމެ މުހިއްމު ކަމަކަށް އެނގުނީ ޓީމު ރޫހު މުހިއްމުކަން. ކާމިޔާބީއާ ހަމައަށް ދާން ޓީމުގެ ގުޅުން ބަދަހިވާން ޖެހޭކަން،" މެސީ ބުންޏެވެ.
މެސީ ބުނީ ބްރެޒިލްގައި 2014 ވަނަ އަހަރު ކުޅުނު ވޯލްޑް ކަޕް ފައިނަލަށް އާޖެންޓީނާއަށް ދެވުނީ ޓީމު ރޫހު ވަރުގަދަކޮށް އޮތުމުން ކަމަށާއި މިފަހަރު އޮތް ޓީމުންވެސް އެ ބަދަހިކަން ފެންނަ ކަމަށެވެ.
ދުނިޔެ ދުށް އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ މެސީގެ ކެރިއަރުގައި މިހާރު މަދުވަނީވެސް ވޯލްޑް ކަޕެކެވެ. މިހާތަނަށް ކެރިއަރުގައި ހަތަރު ވޯލްޑް ކަޕެއްގައި ކުޅެފައިވާ މެސީއަށް ވޯލްޑް ކަޕްގެ ތަށްޓާ އެންމެ ކައިރިއަށް ޖެހިލެވުނީ 2014 ވަނަ އަހަރުއެވެ. އެފަހަރުގެ ފައިނަލަށް ގޮސް އާޖެންޓީނާއިން ޖަރުމަނު ކައިރިން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. އެ ވޯލްޑް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔަކީ މެސީއެވެ.
މިފަހަރުގެ ވޯލްޑް ކަޕަށް މަދު ދުވަސްކޮޅަށް ވެފައިވާ އިރު، މިއީ މެސީގެ ކެރިއަރުގައި ކުޅޭނެ ފަހު ވޯލްޑް ކަޕް ކަމަށް އޭނާ ވަނީ ބުނެފައެވެ. މެސީގެ އާޖެންޓީނާ ހިމެނެނީ ވޯލްޑް ކަޕް ގްރޫޕް ސީގައެވެ. އެ ގްރޫޕުގައި އާޖެންޓީނާގެ އިތުރުން ދެން ހިމެނެނީ ސައުދީ އަރަބިއްޔާ އާއި މެކްސިކޯ އަދި ޕޮލެންޑެވެ.
މިފަހަރުގެ ވޯލްޑް ކަޕަށް މެސީ އާއި އާޖެންޓީނާ ނުކުންނާނީ ދެކުނު އެމެރިކާގެ ޗެމްޕިއަނުން ގޮތުގައެވެ. މިދިޔަ އަހަރުގެ ކޮޕާ އެމެރިކާ ތަށްޓަކީ، ގައުމީ ޓީމާއެކު މެސީ ހޯދި ފުރަތަމަ ބޮޑު ކާމިޔާބީވެސް މެއެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022