ގަތަރު ވޯލްޑް ކަޕް 2022 އަށް ކުޑަތަންވަނީއެވެ. ދެން އޮތީ އެންމެ 8 ދުވަހެވެ. ފުޓުބޯޅައިގެ ބޮޑު ފޯރީގެ ތެރެއަށް ދިވެހީންވެސް ވަންނަމުންދާ އިރު، ވޯލްޑް ކަޕްގެ ކޮންމެވެސް ހަނދާންތަކެއް ގެންނަން ވާނެތާއެވެ. އެއީ ބޭއިންސާފު ހަނދާންތަކެއް ނޫނީ ހިތްދަތިކަމުގެ ހަނދާންތަކެއް ނަމަވެސް، އެ "އައިކަނިކް މޮމެންޓްސް"އަކީ ވޯލްޑް ކަޕަށް ފުރިހަމަކަން ގެނެސްދޭ ހަނދާންތަކެވެ. ފުޓުބޯޅައަށް އިންގިލާބީ ވަގުތުތަކަކީވެސް އެއީއެވެ.

އިންގްލެންޑްގެ ރަން ޖީލެއްގެ މަތިން ހަނދާން އެބަހުރި ހެއްޔެވެ؟ ޑޭވިޑް ބެކަމްއާއި ޕައުލް ސްކޯލްސްގެ ޖީލުން ފެށިގެން ވޭން ރޫނީއާއި ފްރޭންކް ލެމްޕާޑް، ސްޓީވަން ޖެރާޑުގެ އިތުރުން ޖޯން ޓެރީ ފަދަ ކުޅުންތެރިންނާއެކު ބޮޑެތި މުބާރާތްތަކަށް ނުކުތް އިންގްލެންޑްގެ ހަނދާން ނުހުންނާނެ ފުޓުބޯޅަ ސަޕޯޓަރެއް މަދުވާނެއެވެ. އެތަރީންނަކީ 1966 ވަނަ އަހަރަށްފަހު އެގައުމަށް ފުޓުބޯޅައިގެ ތަށްޓެއް، ޔޫރޯއެއް ނޫނީ ވޯލްޑް ކަޕެއްވިޔަސް ގެންދާނެ ޓީމު ކަމަށް އެތައް ބަޔަކު އުންމީދު ކުރިއެވެ. އެކަމަކު އެކަން އެހެނެއް ނުވިއެވެ. އެ ޖީލުން ނިންމާލީ ހުސްއަތާއެވެ. ތަށި ނުލިބޭނެ އެތައް ސަބަބެއް ހުރެދާނެއެވެ. އިންގްލެންޑް ސަޕޯޓަރުން ދައްކާނެ އެއް ސަބަބަކަށް ވާނީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއިންސާފެވެ.

2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕަށް އިންގްލެންޑް ދިޔައީ އުންމީދުގައެވެ. އެޓީމަށް ޖެހުނު އެންމެ ޓަފް އެއް ޗެލެންޖަކީ ގަދަ 16 ގައި ވަރުގަދަ ޖަރުމަނާ ވާދަކުރަން ޖެހުމެވެ. އެ ޗެލެންޖް ފަސޭހަ ނޫންކަން އެނގުނީ ފުރަތަމަވެސް ޖަރުމަނުން ޖެހި ދެ ގޯލާއެކުގައެވެ. މިރްސްލާވް ކްލޯސާ އާއި ލޫކަސް ޕޮޑަލްސްކީ ޖެހި ދެގޯލާއެކު ޖަރުމަނުން ލީޑު ނެގި އިރު، މެޗަށް އަނބުރާ ވަނުމަށް އިންގްލެންޑް ކުރި މަސައްކަތުގައި ޖޭމްސް އަޕްސަން ވަނީ ގޯލެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ.

އެ ގޯލަށްފަހު އިންގްލެންޑް ހިތްވަރުލައި ކުޅެން ފެށިތަނުން ދެން ފެނުނީ ވޯލްޑް ކަޕްގައި ފެނުނު އެންމެ ނާއިންސާފު އެއް ވަގުތުކޮޅެވެ. ޗެލްސީއަށް ކުޅެމުންދިޔަ ލެމްޕާޑް، ޑީ އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ، ގޯލުގެ މަތީދަނޑީގައި ޖެހިފައި ގޮސް ޖެހުނީ ގޯލު ރޮނގު ހުރަސްކޮށް ގޯލު ތެރޭގައެވެ. ބޯޅަ ބިމުގައި ޖެހިފައި މައްޗަށް އެރި ވަގުތު، ޖަރުމަނުގެ ގޯލު ބަލަހައްޓަން ހުރި މެނުއަލް ނޯޔާ އަވަސް އަވަހަށް ބޯޅަ ނަގައި، އުރުގުއޭގެ ރެފްރީ ޖޯޖެ ލޮރިއޮންޑާ އާއި ރޮނގު ބަލަހައްޓަން ހުރި ޕަބްލޯ ފަންޑީނޯއަށްވެސް އޮޅުވާލީ ބޯޅަ ގޯލު ރޮނގުން އެތެރެ ނުވާ ކަމަށް ހަދައިފައެވެ.

ބޯޅަ ޖެހުނީ ގޯލުގެ ތެރޭގައެވެ. ޔަގީނެވެ، ރިޕްލޭއިން ބެލި އިރު، ފޫޓެއްހާތަން އެތެރެއެވެ. އެ ގޯލާއެކު އިންގްލެންޑް ކުޅުންތެރިން ވަރަށް ބޮޑަށް ޝަކުވާކުރި ނަމަވެސް ރެފްރީ ނިންމުން ބަދަލެއް ނުކުރެއެވެ. އެއްވަރުކުރަން ޖެހި ގޯލު ގޯލަކަށް ނުވެ، އިންގްލެންޑް މާޔޫސްވީއެވެ.

މެޗުގެ ދެވަނަ ހާފުގައި ޖަރުމަނުން އިތުރު ދެގޯލެއް ޖަހައި މެޗު ނެގީ 4-1 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ވާހަކައިގެ ބޮޑުބައެއް ހިއްސާކުރީ ސްކޯއެއް ނޫނެވެ. މެޗުގައި ހިނގާދިޔަ ނާއިންސާފެވެ. އެ ވަގުތުކޮޅަކީ ފުޓުބޯޅައަށް ބަދަލެއް ގެންނަން ފީފާއަށް މަޖުބޫރުވި ވަގުތު ކޮޅެކެވެ. އެއީ ޒަމާނީ ޓެކްނޮލޮޖީ ފުޓުބޯޅައަށް ގެންނަން ޖެހޭކަން އެތައް ބަޔަކު ގަބޫލުކުރި ވަގުތު ކޮޅެވެ. އެ ވޯލްޑް ކަޕްގެ ކުރިން ފީފާއިން ގޯލު ލައިން ޓެކްނޮލޮޖީއަށް ނޫނެކޭ ބުނަމުން ދިޔަ ނަމަވެސް، އެ ވަގުތު ކޮޅާއެކު އިންގްލެންޑަށް މައާފަށް އެދި، ފީފާއިން ގޯލް ލައިން ޓެކްނޮލޮޖީއަށް ތައްޔާރުވިއެވެ.

ދެން ޖެހިގެން އައި ވޯލްޑް ކަޕްގައި ފީފާއިން ގޯލް ލައިން ޓެކްނޮލިޖީ ތައާރަފު ކުރިއެވެ. ލެމްޕާޑުގެ ނަޒަރުގައި "އެ ވަގުތުކޮޅުގެ ހަނދާނުގައި ނިދި ނަގާލައި މާޔޫސްވާން ނުޖެހޭނެ،" އެވެ. އެއީ އެވަގުތުކޮޅުގެ ސަބަބުން ފުޓުބޯޅައަށް ހެޔޮ ބަދަލެއް އައީތީއެވެ. އިޖާދީ ބަދަލުތަކުގެ އެ ފެށުމާއެކު މިއަދާ ހަމައަށް އައިރު، މިހާރު މެޗުތަކުގެ ވީއޭއާރްގެ އިތުރުން ސެމީ އޮޓޮމޭޓެޑް ތްރީޑީ އޮފްސައިޑް ސިސްޓަމްތައްވެސް ބޭނުންކުރެއެވެ. ރެފްރީންގެ ނިންމުންތައް ފަސޭހަކޮށް، މެޗު އިންސާފުވެރި ކުރުމަށެވެ.