ޚަބަރު

ފްލައި ދުބާއީގައި އައްޑޫން ދުބާއީއަށްދާ މީހުންނަށް ލުއި ގޮތްތަކެއް!

ރިފާ ހަލީލު

އައްޑޫ ސިޓީން ދުބާއީއަށް ފްލައި ދުބާއީގެ ސީދާ ދަތުރު ފަށަން ތައްޔާރުވެފައިވާއިރު، ތިން އަތޮޅަކަށް ލުއި ގޮތްތަކެއް ހަމަޖެހިފައިވާ ކަމަށް ރާއްޖޭގެ އެޖެންޓް އިނަ މޯލްޑިވްސް އިން ބުނެފިއެވެ.

އިނަ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު "ވަން" އަށް ވިދާޅުވީ އަންނަ އަހަރު ފެބުރުއަރީ މަހުގެ ހަތަރު ވަނަ ދުވަހު ގަން އިންޓަނޭޝަނަލް އެއާޕޯޓުން ދުބާއީއަށް ސީދާ ދަތުރުތައް ފަށަން ތައްޔާރުވެފައިވާ ކަމަށެވެ.

ފިރާގު ވިދާޅުވީ ފުވައްމުލަކު ސިޓީ އާއި ލާމު އަތޮޅާއި ހުވަދު އަތޮޅުން އަންނަ މީހުންގެ ތެރެއިން ގަމުގައި މަޑުކުރަން ޖެހޭ މީހުންނަށް އެއް ދުވަހުގެ ހުރުންވެސް ހަމަޖައްސައިދޭން ނިންމާފައިވާ ކަމަށެވެ.

"ޑޮމެސްޓިކް ފްލައިޓުތައް އޮންނަ ގޮތުން ދުބާއީއަށް ފުލައިޓު އޮންނަ ދުވަހާ ދިމާނުވެދާނެ. މި ތިން އަތޮޅުން އަންނަ ފަރާތްތަކަށް އެއްދުވަހު މަޑުކުރަން ޖެހިއްޖެ ނަމަ، އެ ހަރަދުތައް އަޅުގަނޑުމެން ހަމަޖައްސައިދޭނަން. އެކޮމޮޑޭޝަން މިހުރިހާ ކަމެއް އަޅުގަނޑުމެންގެ ހަރަދުގައި ކޮށްދޭނެ،" އޭނާ ވިދާޅުވިއެވެ.

ފިރާގު ވިދާޅުވީ ކޮންމެ ދަތުރުވެރިޔަކަށް ލަގެޖަށް 40 ކިލޯ ލިބޭނެ ކަމަށެވެ. މި ގޮތަށް ދަތުރުތައް ފެށުމުން ދެކުނުގެ ވިޔަފާރިވެރިންނަށް ވަރަށް ބޮޑު ލުއި ފަސޭހަތަކެއް ވެގެންދާނެ ކަމަށާއި ދުބާއީއަށް ދިއުމަށް މި އަތޮޅުތަކުން މާލެއަށް އަންނަ މީހުން އަތުން ދާ ހަރަދު ވަރަށް ބޮޑަށް ކުޑަވެސް ވެގެންދާނެ ކަމަށެވެ.

ފިރާގު ވިދާޅުވީ ފްލައި ދުބާއީއާއެކު މިހާރު މި ކަންކަމަށް އެއްބަސްވެފައިވާ ކަމަށާއި ހަފުތާގެ ހުރިހާ ދުވަހަކުވެސް ފުލައިޓު އޮންނާނެ ކަމަށެވެ. ޓިކެޓުގެ އަގުވެސް ބޮޑުނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.