ގާތްގަނޑަކަށް 30 ވަރަކަށް އަހަރުގެ މެދުކެނޑުމަކަށްފަހު މާލޭގެ މެދު ޒިޔާރަތުގައި އިހު ހުރި ގޮތަށް ދިދަ ނަގަން ފެށުމުން އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން 24 ގަޑިއިރު ނުވަނީސް އެ ދިދަތައް ނަގަން ސަރުކާރުން ނިންމައިފި އެވެ.
އާޓްސް އެންޑް ކަލްޗާ މިނިސްޓްރީގެ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވި ގޮތުގައި, މާލޭގެ މެދު ޒިޔާރަތުގައި އަލުން ދިދަ ނަގަން ނިންމީ އެތަންތަނަށް ކުރާ އިހުތިރާމު ކުރުމުގެ އިތުރުންނާއި އާސާރީ ތަންތަން އިހު ހުރި ގޮތުގެ ސަގާފަތް ގެއްލި, އެކަން އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓުމުގެ ގޮތުންނެވެ.
ނަމަވެސް މި ދިދަތައް ނެގުމާ އެކު އެއީ ސަގާފީ ކަމެއް ނޫން ކަމަށާއި އެއީ ބިދުއައެއް ކަމަށް ބުނެ، އެކަން ހުއްޓާލުމަށް ދީނީ ބައެއް އިލްމުވެރިން ސަރުކާރަށް ގޮވާލިއެވެ.
އާޓްސް އެންޑް ކަލްޗާ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، އެ ކަންބޮޑުވުންތަކާއެކު މެދު ޒިޔާރަތުގައި ނަގަން ފަށާފައިވާ ދިދަތައް ނަގަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެއީ ރައީސް އޮފީހުގެ ނިންމެވުމެއް ކަމަށްވެސް ވިދާޅުވިއެވެ.
މާލޭ މެދު ޒިޔާރަތަކީ މީލާދީން 1153 ވަނަ އަހަރު ރާއްޖެއަށް އިސްލާމް ދީން ގެނެސްދެއްވި އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީ ފަސްދާނުލެވިފައިވާ ޒިޔާރަތެވެ. ބަރުބަރީގެ އިތުރުން 1692 ވަނަ އަހަރު ރާއްޖޭގައި ރަސްކަން ކުރެއްވި އަރަބިކަރައިގެ ބޭފުޅެއް ކަމަށްވާ ސައްޔިދު ވެސް މެދު ޒިޔާރަތުގައި ފަސްދާނުލާފައިވެ އެވެ.
މެދު ޒިޔާރަތަކީ ކުރިން ނަދުރު ބުނަމުން އައި ތަނެކެވެ. އެ ތަނަށް ނަދުރު ބުނުން ސަރުކާރުން މަނާކުރީ 1957ގަ އެވެ. މެދު ޒިޔާރަތް ބިނާ ކުރި ސީދާ ތާރީހު އެނގޭކަށް ނެތް ނަމަވެސް ކުރިން ފަނުން ހަދާފައި ހުރި އެ ޒިޔާރަތް މިހާރު އެ ހުރި ގޮތަށް ހެއްދެވީ ޝަމްސުއްދީނުގެ ރަސްކަމުގައި އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނެވެ.
ޚަބަރު
ޚަބަރު
ޚަބަރު