މާލޭގެ ގަރާޖެއްގައި މިރޭ ހިނގި އަލިފާނުގެ ހާދިސާގައި އަންހެނަކު މަރުވެއްޖެއެވެ.
"ވަން"އަށް ކަށަވަރުވެފައިވާ ގޮތުގައި މަރުވެފައިވަނީ ބިދޭސީ އަންހެނެކެވެ. އޭނާގެ ހަށިގަނޑު އެމްއެންޑީއެފުން ނެރުނީ އަލިފާން ރޯވި އިމާރާތުގެ ތެރެއިންނެވެ.
އެނގިފައިވާ ގޮތުގައި އެ އަންހެން މީހާ އައިޖީއެމްއެޗަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައެވެ. އޭނާއާއެކު އިތުރު މީހަކުވެސް ފަރުވާއަށް އައިޖީއެމްއެޗަށް ގެންގޮސްފައިވެއެވެ. ނަމަވެސް އޭނާގެ ހާލަތު އަދި އެނގިފައެއް ނުވެއެވެ.
ގަރާޖުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލުވެފައިވަނީ މިރޭ 2:00 ގެ ފަހުންނެވެ.
ފުލުހުން ބުނީ، މިރޭ 12:27 ހާއިރު އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ކަންމަތީގައި ހުރި ގަރާޖެއްގައި އަލިފާން ރޯވެފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އަލިފާން ނިއްވާލުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު އިން ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އެ ގަރާޖަކީ ކާރު ޕެއިންޓުކުރަން ބޭނުންކުރާ ގިނަ އަދަދެއްގެ ކެމިކަލް ހުރި ގުދަނެކެވެ. އަލިފާން ހިފާފައި ހުރީ ގަރާޖު އިމާރާތުގެ އެތެރޭ ފަޅީގައެވެ. ގަރާޖުގެ ތެރެއިން ގޮވުމުގެ އަޑުތަކެއް އިވުނު އިރު، އެއީ ކެމިކަލްތަކުގައި އަލިފާން ހިފުމުން ގޮވި އަޑެއް ކަމަށް ބެލެވެއެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ސަރަހައްދުން މީހުން ވަނީ ހުސްކޮށްފައެވެ. އަލިފާން ރޯވި ގުދަނުގެ އިމާރާތުގެ މަތީގައި ބިދޭސީން ދިރިއުޅޭކަމުގެ މައުލޫމާތު ލިބެއެވެ.